ގާނޫނުއަސާސީ ބަދަލުކުރަނީ ވަލުދޮރާށިން ދެވަނަ ދައުރު ހޯދުމަށް: ފައްޔާޒު
ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމަށް ނޫން ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއިީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވަނީ "މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް" ކަމަށެވެ.
މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭކަން ފާހަގަ ކުރައްވަމުން އޮނަރަބަލް ފައްޔާޒު ވިދާޅުވަނީ ރައީސް މުއިއްޒު އެދިވަޑައިގެން މި ގެންނަ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް ކަމަށެވެ.
ރާއްޖެއަށް ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވެއެވެ. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭކަމަށް ފައްޔާޒު ވިދާޅުވެއެވެ.
ސަރުކާރުގެ ހީލަތްތެރި މި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާންނެތް ކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވަނީ "އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް" ކަމަށެވެ. ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކެއް ގެނައުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ފައްޔާޒު ވިދާޅުވެއެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނަންޖެހޭ ކަމަށް ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.




