މުއިއްޒުވި އާސަހަރާ މަރާމާތާއި 3.9 މިލިޔަން ރުފިޔާ!
އާސަހާރާ ތަރައްގީކޮށް ހުޅުވުމަކީ މޭޔަރ އާދަމް އާޒިމް ހޯއްދެވި ބޮޑު ކާމިޔާބެއް.
އާސަހަރާ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭ ކަމުގެ ހަބަރަކީ އުފާވެރި ހަބަރެކެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން މާލޭގައި ނިޔާވާ މީހުންގެ ޖަނަޒާގެ ހުރިހާ ކަމެއް އާސަހަރާގައި ކުރިއަށްދާނެ ގޮތްވުމަކީ މާލޭގައި ދިރިއުޅޭ މީހުނަށް ލިބުނު ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ދުރު ވިސްނުމާއި ހިކުމަތްތެރިކަން ކިތަންމެހާ ވެސް ބޮޑެވެ.
2023 ވަނައަހަރުގެ މެއި މަހުއްސުރެ މުއިއްޒުވެފައި އޮތް އާސަހާރާ ޒަމާނީ ފެންވަރުގައި ތަރައްގީ ކޮށްގެން ހުޅުވުމަކީ މޭޔަރ އާދަމް އާޒިމް ހޯއްދެވި ބޮޑު ކާމިޔާބީ އެކެވެ. މި މަހު ކުރީކޮޅު އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވައި އެތަނުގައި ވަނީ ހުކުރު ނަމާދު ކޮށްފައެވެ. އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވާ އާސަހަރާ މިސްކިތް ތަރައްގީ ކޮށްފައިވަނީ ދެ ފަންގިފިލާ އަށެވެ. ޕްރައިވެޓް ރޫމްތަކާއި އޭސީރޫމް ވެސް ހިމެނޭހެން ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ހިނެވޭނެހެން އިންތިޒާމް ވެފައިވާ އާސަހަރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއާއި އަންހެނުންނަށް ހާއްސަ ފާހާނައާއި ދެ ޖިންސަށް ވުލޫކުރާތަނާއި ނަމާދުކުރާ ބައިގެ އިތުރަށް ޖަނާޒާތަކަށް ވަޑައިގެންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވިފައިވާނެ ކަމަށްވެއެވެ.
އާސަހަރާގެ މަސައްކަތް ނިމިގެން ދާއިރު ލޯމަރާ ނުލެވޭނެ ހަގީގަތެއް އެކަމާ ގުޅިފައިވެއެވެ. ހަނދާނުން ފުހެލައިގެން ވާކަށް އެ ކަމެއް ނުއޮންނާނެއެވެ. މުއިއްޒުގެ މޭޔަރު ކަމުގައި އެތައް ކަމެއް މާލޭގައި މުއިއްޒު ވެފައިވެއެވެ. އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރުމަކީ އެންމެ ފަހުން މުއިއްޒުވީ ޕްރޮޖެކްޓެވެ. މުއިއްޒު މޭޔަރު ކަމުގައި ފެށި އާސަހަރާ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މުއިއްޒު ހިންގަފައިވާ ބޮޑުވެގެންވާ ކޮރަޕްޝަނެކެވެ. ދެ މަސްތެރޭގައި ހުރިހަ މަސައްކަތެއް ނިންމާ ހިދުމަތް ދޭން ކޮންޓްރެކްޓް ކޮށްގެން އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ފެށީ ހުސްވި އަހަރުގެ މެއި މަހުއެވެ. ދެ މަހުން ނިންމަން ކުރި ކޮންޓްރެކްޓަށް ސިޓީ ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ.
ޕްރޮޖެކްޓަށް ފަހުން ބަދަލުތަކެއް ގެނެސް މަސައްކަތް މުއިއްޒުވެ އެންމެ ފަހުން ކޮންޓްރެކްޓް ކުރީ ބާތިލެވެ. ކޮންޓްރެކްޓް ބާތިލު ކުރިއިރު ފުރަތަމަ ކޮންޓްރެކްޓްގައި ކުރަން ބުނެފައިވާ ބައެއް މަސައްކަތް ވަނީ ކޮށްފައެވެ. ކުރަން އޮތް މަސައްކަތް ނުކުރެވި އޮތްތާ އޮއްވާ ނުކުރާ މަސައްކަތަށް ކޮންޓްރެކްޓަރަށް ވަނީ 3.9 މިލިއަން ރުފިޔާ ދީފައެވެ. ކޮންޓްރެކްޓަރަށް މަސައްކަތް ހަވާލުކުރި ފަހުން މިސްކިތުގެ ޑިޒައިނާއި އާސަހަރާގެ ކުރެހުމަށް މުއިއްޒު ގެނައި ބަދަލުތަކާ ހެދި ކޮންޓްރެކްޓް ބާތިލު ކުރިއިރު މަސައްކަތުގެ 75 ޕަސެންޓް އޮތީ ނުނިމިއެވެ. މަސައްކަތް ނުކުރަނީސް މުޅި ކޮންޓްރެކްޓްގެ 3/4 ގެ ފައިސާ ބަޔަކަށް ދިނުމަށް ފަހު ކޮންޓްރެކްޓް ބާތިލު ކޮށްލުމުގެ ފަހަތުގައި ހުރީ މިހާރުގެ ރައީސް އޭރުގެ މޭޔަރު މުއިއްޒެވެ. ބާތިލު ކުރެވުނު ކޮންޓްރެކްޓް ދީފައިވަނީ ކޮން ބަޔަކަށް ކަން އޭރުއޮތީ ސިއްރު ކުރެވިފައެވެ.
އާސަހަރާގެ މަރާމާތުގެ ފުރަތަމަ ކޮންޓްރެކްޓް ބާތިލު ކުރެވިގެން ދިޔަގޮތުގެ އެއްވެސް މައުލޫމާތެއް އޭރުގެ ސިޓީ ކައުންސިލުން ދީފައެއް ނުވެއެވެ. އެ ވާހަކަ ދެއްކި ސިޓީ ކައުންސިލުގެ އިދާރީ މުއައްޒަފު އޭރު ވައްޓާލީ ހޫނު ފެނަށެވެ. އަދި އަދަށްވެސް އާސަހަރާ ދެ މަސް ދުވަހުން މަރާމާތުކޮށް ނިންމުމަށް ކޮންޓްރެކްޓަށް ދިނީ ކޮންބަޔަކަށް ކަމެއް، ކުރެވުނު ކޮންޓްރެކްޓް ބާތިލު ކުރެވުނު ގޮތެއް، ކޮންޓެކްޓަރާ ހަވާލުކުރި 3.9 މިލިޔަން ރުފިޔާއަށް ވީގޮތެއް އޮޅުމެއް ނުފިލައެވެ. ބުނެވޭ ގޮތުގައި އާސަހަރާ މަރާމާތު ކުރުމުގެ ކޮރަޕްޝަނުން 3.9 މިލިޔަން ރުފިޔާ ހޭދަކުރީ މުއިއްޒުގެ ރިޔާސީ ކެންޕޭނަށެވެ.