ވެރިކަން ބަދަލުވިޔަސް ގޯއްޗާ ފްލެޓް އަތެއް ނުލެވޭނެ
ގޯއްޗާއި ފުލެޓް ލިބޭ ރައްޔިތުން ނުތަނަވަސް ކަމަށް ވައްޓާނުލާ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ހިންގަވާނީ އެ މަނިކުފާނު ރައީސް ކަމާ ހަވާލުވެ ވަޑައިގެން މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމަށް ފަހުގައެވެ. ދިވެހި ރައްޔިތުން ޑރ. މުއިއްޒު ރައީސްް ކަމަށް ހޮއްވެވީ 17 ނޮވެންބަރ 2023 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށެވެ. 17 ނޮވެންބަރ 2018 އިންފެށިގެން މި ހިނގާ ފަސް އަހަރު ދުވަހު ދައުލަތް ހިންގުމަށް ރައްޔިތުން ހަވާލު ކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެވެ. މި މުއްދަތުގައި ދައުލަތް ހިންގާނީ ރައީސް ސޯލިހުގެ ސިޔާސަތަށެވެ. އައު ރައީސް ހުވާ ކުރައްވާ ގައުމާ ހަވާލުވެ ވަޑައިގަންނަވަންދެން ހިނގާނީ، ހިނގަމުންދާ ވެރިކަމުގެ ސިޔާސަތުތަކެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ރައީސް ސޯލިހުގެ ސިޔާސަތުގައި ކަނޑައެޅުއްވީ ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅެވެ. އެ ސިޔާސަތުގެ ދަށުން އެތަން ތަނުން ގޯތި ދޭނެ ބިން ހިއްކާ ގޯތި ދޫކުރުމަށް އިއުލާނު ކުރި ފުރަތަމަ ބުރުގެ ގޯތިތައް ލިބޭ މީހުން ކަނޑައެޅި ގޯތި ހަވާލުކޮށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ވެސް ބާރަށް ކުރިއަށް އެބަދެއެވެ.
މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުނަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށްޓަކައި ދެވަނަ ބުރެއް ވެސް އިއުލާނުކޮށް އެކަން ވެސް ސަރުކާރުން ކުރިއަށް އެބަ ގެންދެއެވެ. ގޯތި ދިނުމަށް ދެވަނަ ބުރެއް އިއުލާނު ކުރިއިރު ގޯތިދޭ ސަރަހައްދުގެ ތެރެއަށް އުތުރު ތިލަފަޅު ވަނީ އިތުރު ކުރައްވާފައެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ގޯތި އެ ގޯތިތަކުގެ ހައްގު ވެރިންނަށް ހަވާލުކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅާ އެއްގޮތަށް ދައުރު ނިމުމުގެ ކުރީން ބޯހިޔާވަހި ކަމުގެ ވައުދުގެ ބޮޑު ބައެއް ނިންމުމަކީ ގާނޫނީ އެއްވެސް ހުރަހެއް ހިނގަމުންދާ ސަރުކާރަށް އޮތްކަމެއް ނޫނެވެ. އަމްދުން ރިޔާސީ އިންތިހާބުން ފޭލިވުމަށް ފަހު އެކަން ކުރެއްވުމަކީ އިންތިހާބަށްޓަކާ ކުރެވޭ ކަމެއް ކަމަށް ބޭލެވޭނެ ޖާގައެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމަކީ އަދާކުރައްވާ ގާނޫނީ ޒިންމާއެކެވެ.
ތެދެކެވެ. އުތުރު ތިލަފަޅުން ގޯތި ދޫކުރުމަކީ އިންތިހާބީ ރައީސްގެ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް ވެދާނެއެވެ. އެކަމަކު އެތަނުން ވެސް ގޯތި ދިނުމަކީ ރައީސް ސޯލިހުގެ ސިޔާސަތެކެވެ. މީހަކު ރައީސް ކަމަށް އިންތިހާބުކޮށްފައި ހުއްޓަސް ރައީސް ސޯލިހު ވެރިކަމުގައި ހުންނެވިހާ ހިނދަކު ވެރިކަން ހިންގުމުގައި ހިނގާނީ ރައީސް ސޯލިހުގެ ސިޔާސަތެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭން ހިމަނާފައި އޮތުމަކީ ރައީސް ސޯލިހުގެ ސިޔާސަތު ނުހިންގަވާ ހުއްޓާލައްވައިގެން ހުންނަވަންޖެހޭ ސަބަބެއް ނޫނެވެ. އައު ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގެން، ގެންނަވަން ފެނި ވަޑައިގަންނަވާ ބަދަލެއް ގެނެވުމަކި މުޅިން އެހެން ކަމެކެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓޭންޑަކީ މި ސަރުކާރުން ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިމާއި ފްލެޓް ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށްވެއެވެ. އެހެންކަމަށް ވާނަމަ މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދަށް އަމާޒުކޮށް ހުޅުވާލި ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން ލިބޭ ފްލެޓާ ގޯއްޗާމެދު މުއިއްޒުގެ ވެރިކަމެއްގައިވެސް އަމަލު ކުރެވޭނީ އެ އުސޫލުން ކަމާމެދަކު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. މި ސަރުކާރުން މާލޭ ސަރަހައްދުގައި ގޯއްޗާއި ފްލެޓް ދޭ ދިނުމަކީ އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބަސްފުޅު ވިދާޅުވެ މި ސަރުކާރުން ގޯއްޗާއި ފުލެޓް ލިބޭ ރައްޔިތުން ނުތަނަވަސް ކަމަށް ވައްޓާލަންވަން ޖެހިވަޑައި ގަންނަވާނެ ކަމެއް ނޫނެވެ.
އައު ރައީސް ވެރިކަމާ ހަވާލުވެވަޑައި ގަންނަވާއިރު ހިޔާވަހިކަމުގެ މެނިފެސޓޯއިން ބޮޑު ބައެއް މިސާރުކާރުން އެންމެ ފަހު ވަގުތު ވެސް ހައްލު ކޮށްދީފައި އޮވެއްޖެނަމަ ވެރިކަމަށް ވަޑައިގެން ކުރައްވަން ޖެހޭ ކަންތައް މަދުވާނެއެވެ. ލުއިވާނެއެވެ. ވަގުތާ ހަކަތައާއި ފައިސާ އެހެން ކަމަކަށް ހޭދަ ކުރެއްވޭނެއެވެ.