އެގާރަ އަހަރުން ރައީސް ކަމަށް
ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކޮށްދެއްވީ މުއިއްޒު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސަމާސާ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ ސިޔާސި ކުޅި ހިނގާ މަގަށް ލޯހުޅުވިފައި ހުންނެވި ބޭފުޅެކެވެ. ރަގަނޅު ވަގުތު ރަނގަޅު ފިޔަވަޅު އަޅުއްވަން ދެނެވަޑައިގެން ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. ފަހަތައް ޖެހިވަޑައިގަންނަވާ ދަނޑިވަޅުގައި ފަހަށް ޖެހިވަޑައިގެން އެނގަކުރި ހިއްޕަވަމުން ގެންދެވީ އަޖައިބެއްހާ މޮޅަށެވެ.
އެންމެ ފުރަތަމަ ރާއްޖެ ސިއްސުވާލި ނުމޮށޭ ގުރައަކީ ރައީސް ސޯލިހެވެ. ހަމަ ހިމޭން 25 އަހަރުގެ ސިޔާސީ ހަޔާތަކަށް ފަހު އެމަނިކުފާނު ވެރިކަން ހޯއްދެވީ ވެރިކަމަށް ވަޑައިގެންފާނެ ކަމަށް އޭގެ ކުރިން އެއްވެސް މީހަކު ހީވެސް ނުކޮށް ތިއްބައެވެ. ފަސް އަހަރަށް ފަހު ރައީސް ސޯލިހަކީ މާޒީއަށް ބަދަލު ކޮށްލެއްވީ ޑރ. މުއިއްޒެވެ.
ސިޔާސީ ގޮތުން ރާއްޖެ ސިއްސުވާލި ނުމޮށޭ ދެ ގުރައިން އެއްގުރައަކީ މުއިއްޒެވެ. ޑރ. މުއިއްޒަކީ މީގެ އެގާރައަހަރު ކުރިއަކުން ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. އަމްދުން ސިޔާސީ ގޮތުން މަތިހަށި ނަންގަވައިގެން އުލުއްވާތީއެއް ނުފެނެއެވެ. 2004 ގެ ފަހުން ރާއްޖެ ދުށް ސިޔާސީ ހަލަބޮލި ކަމުގެތެރޭގައި ނަންކިޔޭ ބޭފުޅަކަށް މުއިއްޒު ނުވެއެވެ.
ޑރ. މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އަދާލަތު ޕާޓީންކަމަށް ބެލެވެއެވެ. އަދާލަތުގައި އުޅުއްވި ދުވަސްވަރު ވެސް އެ ޕާޓީގެ ތެރެއިން މާބޮޑު ވިދުވަރެއް މުއިއްޒުގެ ނެތެވެ. ޑރ.މުއިއްޒު ސިޔާސީ މައިދާނުން ފާޅުވީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ފަހު އުފެދުނު ރައީސް ވަހީދުގެ ކެބިނެޓުންނެވެ. އަދާލަތު ޕާޓީގެ ސްލޮޓްގައި ހައުސިންގް މިނިސްޓަރގެ ގޮތުގައެވެ.
ރައީސް ޔާމީނުގެ ކެބިނެޓުން މުއިއްޒު ޖާގަ ހޯއްދެވީ ސްލޮޓް އޮތް އެންޑީއާއި ގުޅި ވަޑައިގެންނެވެ. ވަޒީރު ކަމުގައި ހޭދަކުރެއްވި ހަތް އަހަރަކީ ވެސް މާބޮޑަށް ސިޔާސީވެ ވަޑައިގެން އުޅުއްވި ދުވަސް ތަކެއް ނޫނެވެ. ސިޔާސީ ވެގެން އުޅުއްވުމަށްވުރެ ބޮޑަށް އިސްކަން ދެއްވީ ހިދުމަތުގައި ނަތީޖާ ނެރެ ދެއްވުމަށެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމި ޕީޕީއެމް މަގުމަތިވީ ވަގުތު ޕީޕީއެމަށް ބަދަލުވެ ވަޑައިގެން ޕީޕީއެމަށް ސިޔާސީ ބާރުވެރިކަން ހޯއްދަވާ ދެއްވީ މާލޭ މޭޔަރުކަން ހޯއްދަވައިގެންނެވެ. މޭޔަރުކަމުގައި ނަތީޖާ ނެރެދެއްވާ މީހުންގެ ލޯބި ހޯއްދެވިއެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް އަތުވެދާނެ ކަމަށްޓަކާ ދުރާލާ ވިސްނާވަޑައިގެން ތައްޔާރުވެ ވަޑައިގަތީ ޕްރޮގްރެސިވް ކޯލިޝަންގައި ބައިބައިވުން ނުއުފެދޭނޭ ގޮތަށެވެ. ފަހު ވަގުތު ޖެހެންދެން ވެސް ރައީސް ޔާމީނަށް ޖާގަ ދެއްވައިގެނެވެ.
ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ގޮތަށް ގާނޫނީ އޮޅިތައް ގައިމު ވެގެން ދިޔައިރު ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރެވޭހާ މުހުލަތު ގަވައިދުގައި ނެތުމުން ޕީއެންސީއަށް ބަދަލުވެ ވަޑައިގެން ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކުރެއްވީ ގައުމަށްޓަކައެވެ. މުއިއްޒު ރާއްޖޭގެ ސިޔާސި ބޮންތި ހާސިލް ކުރެއްވީ އެންމެ އެގާރަ އަހަރުގެ ސިޔާސީ ފަތުރަމުންނެވެ.