ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު: އައިއެމްއެފް

ރާއްޖޭގެ ގައުމީ ދަރަނީގެ ގާތްގަނޑަކަށް 43 ޕަސެންޓް ޗައިނާއަށް ދައްކަން ޖެހޭ!

ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު: އައިއެމްއެފް

ރާއްޖޭގެ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އިންޓަނޭޝަނަަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފު ކުރައްވާ ކަމަށް ރައީސް އޮފީހުން އަޑުފަތުރަމުން ދާއިރު ހަގީގަތަކީ އެއީއެއް ނޫނެވެ.

ބުނަން ހެއްޔެވެ. ބައިނަލްއަގުވާމީ އެޖެންސީތަކުގެ ވެރިން ގައުމެއްގެ ރައީސް ކުރިމައްޗަށް އަރާ ކެޔޮޅަކު ރަތްމަހަށް ދޭހެނެއް ނުދޭނެއެވެ. އެމީހުންގެ ވާހަކަ ހުންނާނީ ޑިޕޮލޮމެޓިކް ލޭންގޭޖުންނެވެ. މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާއާއި ޝިއުނާގެ ބަހުރުވައަކުން ނޫނެވެ.

ރާއްޖޭގެ ދަރަނީގެ ދަތިކަމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުދަ ދުވަހު (ފެބްރުއަރީ 7)ގައި އިންޒާރު ދިނީ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތްލެއް ބޮޑުކަމުން ހެއްޔެވެ. ކަންކަން އޮޅުވާލަން މާބޮޑަށް ސައްހާފު ހެދެން އުޅޭނެ ކަމެއްނެތެވެ.

އައިއެމްއެފްގެ އިންޒާރު ލިބުނީ މޮޅު އުކުޅުތައް ބޭނުންކޮށްގެން ދަރަނީގެ މަޅީގައި ކުދި ގައުމުތައް ޖެއްސުމަށް މަޝްހޫރު ޗައިނާއިން ބޮޑު ދަރަންޏެއް ރާއްޖެއަށް ނެނގި ދަނޑިވަޅެއްގައެވެ. ޗައިނާ އެވަނީ އެމީހުންގެ އޯލްޑް ފުރެންޑް އަނބުރާ އެމީހުންގެ ގާތަށް ގެންގޮސް ދަރަނީގެ ދަންތުރައަށް މަހާލާފައެވެ. ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ދަރަނި އެންމެ ބޮޑު އެއްގައުމަކީ ޗައިނާއެވެ.  

ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ޖުމްލަ މާލީ ޑެފިސިޓާއި އާންމު ދަރަނި ތިރި ނުކުރެވޭނެ ކަމަށް ލަފާކުރީ އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު މުރާޖައާ ކުރުމަށް ފަހުގައެވެ. ރާއްޖެއަށް ކުރިއަށް އޮތީ ބޭރާއި އެތެރޭގެ ޖުމްލަ ދަރަނީގެ ދަތިކަމުގެ ބޮޑު ނުރައްކަލެއް ކަމަށް އައިއެމްއެފުން ބުނެއެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގައުމީ ދަރަނީގެ ގާތްގަނޑަކަށް 43 ޕަސެންޓް ޗައިނާއަށް ދައްކަން ޖެހޭއިރު އެއީ ތިން ބިލިއަން ޑޮލަރެވެ.

ދުނިޔޭގެ މަނިޓަރީ އެޖެންސީން މި އިންޒާރު ދީފައިވަނީ ދަރަނީގެ ހާލަތާ ގުޅިގެން ރާއްޖޭގައި އާ ތަރައްގީގެ މަޝްރޫއުތައް ނުފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

ރައީސް މުއިއްޒު ބޭނުންވަނީ އިތުރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާށެވެ. އެކަމަކު މިއީ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ފަށައި، ހުރިހާ ރަށެއްގައި އެއްފަހަރާ އާ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ރައީސް މުއިއްޒު އެއްބަސްވެއެވެ.

ކުރިއަށް އޮތް ދެ މަސް ވާނީ އެންމެ އުނދަގޫ ދުވަސްތަކަށް ކަމަށާއި، މިއީ އެންމެ ކްރިޓިކަލް ވަގުތު ކަމަށްވެސް މުއިއްޒު އެއްބަސްވެއެވެ. އެކަމަކު މިހާރު މި ފަށަނީ އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ކަމަށާއި ޖުލައި މަހަށް ފަހު ވަރަށް ފަސޭހަވާނެ ކަމަށް މުއިއްޒު އުންމީދުކުރާ ކަމަށް އައިއެމްއެފުން ބުނެއެވެ.