ވޯޓެއް ކޯޓެއް ކެނެރީގޭ ދެބެންނަކަށް ނެތް
ދެބުޅަލުގެ އަރާރުމުގާ ރާމާ މަކުނު ބޯކިބާ ކާލިހެން ނަޝީދަށް މަޖިލީހުގެ ރައީސްކަން
ކޮންމެ ބަޔަކު ކުރިޔަސް ގޯސްކޮށް ކުރާކަމެއްގެ ގޯސް ކޮންމެވެސް ދުވަހަކުން އެކަން ކުރި ބަޔަކާ އަރާ ހަމަ ކުރާނެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދިމާވެގެން ވެސް މިއުޅުނީ އެކަމެވެ. ވަކި އެކަކަށް އެތައް ހާސް މީހުން ހިމެނޭ ޕާޓީއެއް އަޅުވެތިވެގެން ދިޔުމުގެ ހިތި ރަހަ އެމްޑީޕީ އަރުގައި އެދަނީ ލަމުންނެވެ. ކާކަކީ ކާކުކަން އޮޅި މުޅި ޕާޓީއަކީ ވަކިމީހެއް ކަމަށް ހެދި ހެދުމުގެ ހިތި ނަތީޖާ އެމްޑީޕީއަށް ފެންނަމުން އެދަނީ އަނބުރާ އިޔާދަ ނުކުރެވޭހާ އުނދަގޫކޮށްނެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމް އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭމީހާއަށް ރައްޔިތުންގެ 50 އިންސައްތަ ވޯޓު ލިބެން ޖެހުނަސް މަޖިލީހުގެ މެންބަރުކަމަށް ހޮވޭ މީހާ މަގާމަށް ހޮވުމަށް ދާއިރާގެ 50 އިންސައްތަ މީހުންގެ ވޯޓު ބޭނުމެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީ ވަރަށް ފަސޭހައިންނެވެ.
ލިބުނު މޮޅުގައި އެމްޑީޕީ ބޭނުން މީހަކަށް މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސް ކަން ދިނުމަކީ އުދަނގޫ ކަމަކަށް ނުވިއެވެ. މަޖިލީހުގެ ރައީސް ކަން ހޯދުމަށް އެމްޑީޕީގެ ދެ ކެންޑިޑޭޓަކު ނެރެގެން ވާދަކުރުވީ ލަދުގަންނަހާ ހުތުރުކޮށެވެ. ގޮނޑީގެ ވާދައިގާ ރައީސް ސޯލިހު ތާއިދު ކުރި ހަސަން އަފީފާއި ރައީސް ނަޝީދު ތާއީދު ކުރި މުހައްމަދު އަސްލަމް ބަރަހަނާކުރީ ރަތްމަހަށް ނުކުރާ ވަރުކޮށްފައެވެ. ދޮގު ތުހުމަތުތަކާ ލަދުހުތުރު ގޮތުގައި އެ ދެމީހުން ބަރަހަނާކުރި ވާދަ ނިމިގެން ދިޔައީ ދެބުޅަލުގެ އަރާރުމުގާ ރާމާ މަކުނު ބޯކިބާ ކާލި ގޮތަށް ކެނެރީގޭ ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިގެންނެވެ.
އެހާލަތުގައި އެއީ ރަނގަޅު ނިންމުމެކެވެ. މެޖޯރިޓީ ޕާޓީގެ ރައީސަކީ އޭރު ނަޝީދެވެ. އެހެންކަމުން ރީތި ގޮތަކީ މެޖޯރިޓީ ޕާޓީގެ ރައީސް މަޖިލީހުގެ ރިޔާސަތުގައި ވެޑުވުމެވެ. ގައުމުގެ ތިން ބާރުން އެއްބާރުގެ ވެރިއަކަށް މެޖޯރިޓީ ޕާޓީގެ ރައީސް އިސްކުރުމަކީ ޑިމޮކްރެޓިކް ރިވެތި ހަމައެކެވެ. ގޯހަކަށްވީ މަޖިލީހުގެ ރައީސްކަމަށް އިސްކުރި މީހާގެ ގޭތެރެއިން މަޖިލީހުގެ ނައިބު ރައީސް ނެގުމެވެ. ކެނެރީގޭ ނަޝީދުގެ ނައިބުކަމަށް ކެނެރީގެ އީވާ އިންތިހާބު ކުރުމެވެ. އެދެމީހުންގެ އާއިލީ މަސްލަހަތު އޮތުމެވެ.
މަޖިލީހުގެ ގިނަ ކަންކަމުގައި މަސްލަހަތު ފުށުއެރުން ބޮޑުވެ މަޖިލީހަކީ ގ. ކެނެރީގޭ ބޮޑުއައްޓަށް ބަދަލުވެގެން ދިޔައީ އެއްކަމަކުން ދެކަމަކުން ނޫނެވެ. އެއްދުވަހަކުން ދެދުވަހަކުން ވެސް ނޫނެވެ. ނަޝީދާއި އީވާ އެމްޑީޕީ ދޫކޮށް އެމީހުންގެ މަގާމުގެ ބޭނުން މެޖޯރިޓީއާ ދެކޮޅަށް ހިފަން ފެށުމުން ކުރެވުނު ކަމުގެ މޮޔަކަން އެމްޑީޕީއަށް މިހާރު އެވަނީ އިހުސާސް ވެފައެވެ. މަޖިލީހުގައި މެޖޯރިޓީގެ ބާރު އެކީ އެކައްޗަކަށް ރިޔާސަތުން ކަނޑުވާލައިފިއެވެ. ރިޔާސަތުގައި ތިބި ދެބެން ރައްޔިތުންގެ އިހުސާސްތަކުގައި ފާޅުގައި އެދަނީ ކޮޅުފައިން ޖަހަމުންނެވެ. މަޖިލީހުގެ ނަމުގައި ކުރާނެ ކަމެއް ކުރަމުން ދަނީއެވެ. މެޖޯރިޓީ އޮތްތާކު އޮތީއެވެ. ވާކަމެއް ހަރާމުން ހަރާމެވެ. ވޯޓެއް ކޯޓެއް ކެނެރީގޭ ދެެބެންނަކަށް ނެތެވެ.