ވެރިކަން ނިންމުމުގެ ކައުންޑައުން ފެށުން
މުއިއްޒާ ދެކޮޅަށް ވޯޓެއް ހޯދަން މެންބަރެއްގެ އިނގިލި ބުރިކުރާ ވަރެއް ނުވާނެ
" ދިވެހިންގެރާއްޖެ ފެށުން" މި ނަމުގައި މުއިއްޒު މިފެށީ ހަޑި މުޑުދާރު ފެށުމެކެވެ. ރިޝްވަތާ ކޮރަޕްޝަންގެ ފެށުމެކެވެ. ގައުމިއްޔަތުގެ ނަމުގައި ގައުމު ހަފާކާން ފެށި ފެށުމެކެވެ. މެންބަރުން ގަނެވިކުމުގެ ސަގާފަތް ނެތި ގޮސްގޮސް އޮއްވާ މެންބަރުން ގަންނަން ފެށިފެށުމެކެވެ.
ދަ ޑިމޮކްރެޓސްގެ ޕީޖީ ލީޑަރ އަލީ އާޒިމު ވިދާޅުވަނީ " ތިޔައީ ހަޑި މުޑުދާރު ނާތަހުޒީބު ފެށުމެއް" ކަމަށެވެ. އާޒިމް ވިދާޅުވީ " ރައްޔިތުންނަށް ތިޔަ ބުނެދެވެނީ، ތިޔަ ހިތްވަރު ދެވެނީ ތިޔަ ޒާތުގެ ނާތަހުޒީބީ ކަންކަން ކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަަށް"ށެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ރައްޔިތުންނަށް މުއިއްޒު ބުނެދެނީ ވޯޓުގަނެ ވިއްކުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތުމަށް ޑރ. މުއިއްޒު ރިޝްވަތު ދިންކަމުގެ ހެއްކާ ގަރީނާ އެބަހުއްޓެވެ. ލަދެއް ހަޔާތެއް ނެތި މެންބަރުންނަށް ރިޝްވަތު ދީގެން އެމީހުންގެ ސިޔާސީ ހަޔާތް ކަފުން ތިޔަކުރީ އަޒުލު ކުރުމުން ސަލާމަތް ވެވިދާނެ ކަމަށް ހެއްޔެވެ. ރިޝްވަތުގެ ހަރާން ފައިސާ ދީގެން ގެންދިޔަ މީހުންނަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ. އަދި ތިޔަ ދެވުނީ މަންޒަރު ދައްކާލަން ޕާޓީ ބަދަލު ކޮށްލުމުގެ އުޖޫރައެވެ. ޕާޓީ ބަދަލު ކޮށްލުމަށް 52 މިލިޔަން ރުފިޔާ ހަރަދު ކޮށްލައިގެން ފުއްދާލެވުނަސް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ އެ މީހުންގެ ވޯޓު މުއިއްޒަށް ހޯދަން ޖެހޭނީ އެތައް މިލިޔަން ރުފިޔާއެއް އިތުރަށް ދީގެންނެވެ.
ކޮޅު ބަދަލުކުރި 13 މެންބަރުންނަށް އެކަނި ދޭފައިސާއަކުން އިތުބާރު ނެތްކަމަށް ނަގާ ވޯޓަކުން އަރައެއް ނުގަނެވޭނެއެވެ. މިހާރު ތާއީދުކޮށްގެން ތިބި އެހެން ޕާޓީ ތަކުގެ އެމްޕީންނަށާއި އިނގިލި ބުރިކުރިޔަސް ވޯޓު ނުދޭން ބުނި މެންބަރުންނަށް އެ މީހުން ހިތްފުރޭ ވަރަށް ފައިސާ ނުއޮއްސާ ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
މުއިއްޒެވެ. ތިޔަ ޖެހެވުނީ ނިކަން ވަސް ގަދަ ގުއިރޯނެއްގައެވެ. މުއިއްޒު އިތުބާރުނެތް ކަމުން ސަލާމަތްވުމަށް ރާވާ ރޭވުމެއް ބޮލުން ނަގުލަށް ތިލަވާނެ ހުރިހާ ގޮތެއް އަމިއްލައަށް ތިޔަ ހެދީއެވެ. މުއިއްޒާ ދެކޮޅަށް ވޯޓެއް ހޯދަން މެންބަރެއްގެ އިނގިލި ބުރިކުރާ ވަރެއް ނުވާނެއެވެ.
ތެދެއް ބުނަން ހެއްޔެވެ. ކުރިއަށް އޮތް އާންމު އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަ ނުކުރެވޭ ގޮތަށް އެމީހުންނަށް މަގު ބަންދުކޮށްފައި ޕާޓީ ބަދަލު ކުރުވިކަން އެމީހުނަށް އެނގެއެވެ. އޭގެ ތެރެއިން އަންނަ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން މަޖިލީހަށް ވާދަ ނުކުރާނެއޭ ހީވަނީ ހެއްޔެވެ. ސިޔާސީ ގޮތުން އެ މީހުންނަކީ މޮޔައިންނެއް ނޫނެވެ.
އެންމެ ރަނގަޅެވެ. މުއިއްޒަށް އިތުބާރުނެތް ކަމަށް ނެގޭ ވޯޓެއްގައި އެ މީހުން ވޯޓް ނުދީފާނެއެވެ. އެމީހުން ވޯޓް ނުދިނިއްޔާ ވާނީ ކީއްހެއްޔެވެ. އެވަރު ކަމެއް ކުރަން އުޅޭ ބަޔަކު އެކަމެއް ކުރާނީ ނަތީޖާ ނެރެވޭ ގޮތަށެވެ. ކޮންމެ ކާއްޓެއްގައިވެސް އެކާއްޓެއް އުފުލާ ލެވޭވަރުގެ ނަރެއް އޮންނަކަން ފަހަރެއްގައި މުއިއްޒަށް ނޭނގެނީ ކަމަށް ވެދާނެއެވެ. ތިޔަހާ ވަރަކަށް މޭބޮޑުވެ މިލިޔަން މިލިޔަނުން ނެތް ފައިސާ ތިޔަ ހަރަދު ކުރަނީ ވެއްޓޭތަން ހާމަޔަށް ފެންނާތީއެވެ.
ދިވެހިންގެ ރާއްޖެ ފެށުން ނަމުގައި ތިޔަފެށީ ނިމުމުގެ ފެށުމެވެ. ރިޝްވަތުގެ ކަޅު ފައިސާއިން ފެށި ފެށުމަކީ ހަލާކުގެ ފެށުމެވެ. 13 މެންބަރުން ގެންގޮސްގެން ތިޔަފެށީ ވެރިކަން ނިންމުމުގެ ކައުންޑައުންއެވެ.