20 ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން އިސްރާއީލަށް
ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ގިނަ ދުވަސް ނަގާނެ
އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ފާސްކޮށްފިއެވެ. މީގެ ތެރޭގައި އެތައް ސަތޭކަ ފައިޓަރ ޖެޓްތަކާއި އެޑްވާންސް އެއާރ ޓު އެއާރ މިސައިލްތައް ހިމެނޭ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
ކޮންގްރެސްއިން އަންގާފައި ވާ ގޮތުގައި 50 އަށް ވުރެ ގިނަ އެފް-15 ފައިޓަރ ޖެޓާއި އެޑްވާންސްޑް މީޑިއަމް ރޭންޖް އެއާރ ޓު އެއާރ މިސައިލްސް ނުވަތަ އެމްއާރުއޭއެމް އާއި 120 އެމްއެމް ޓެންކް ވަޒަން އަދި ހައި އެކްސްޕްލޮސިވް މޯޓަރު އަދި ޓެކްޓިކަލް ވެހިކަލްތައް މީގެތެރޭގައި ހިމެނެއެވެ.
މި ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ގިނަ ދުވަސް ނަގާތީ މި ހަތިޔާރުތައް އިސްރާއީލަށް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށް ނުބެލެވޭއެވެ.
ގައްޒާގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަވަށް ދަނީ ގިނަވުމުންނެވެ. އެތަނުގައި އަސްކަރީ ތާއީދު ހުއްޓުވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެމެރިކާގެ އާންމުންގެ ގޮވާލުންތައް އިތުރުވަމުންދާއިރު، ބައިޑަންގެ ވެރިކަމުގައި އިސްރާއީލަށް ދޭ ތާއީދު ދަނީ ބޮޑުވަމުންނެވެ.