ކެންސަރުބަލީގެ 08 ޑޮކްޓަރުން އެއްފަހަރާ މަރުވެއްޖެ!

08 ޑޮކްޓަރުން މަރުވީ ހުކުރު ދުވަހު

ކެންސަރުބަލީގެ 08 ޑޮކްޓަރުން އެއްފަހަރާ މަރުވެއްޖެ!

ބްރެޒިލްގެ ސަރަހައްދީ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުކުރު ދުވަހު ހިނގި މިހާދިސާގައި މަރުވީ 68 މީހުންކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 61 ފަސިންޖަރުންނާއި 07 ކްރޫ މެބަރުންކަމަށްވެއެވެ. 

ސައޯ ޕައުލޯ ސްޓޭޓްގައި އޮންނަ ސަރަހައްދީ އެއާލައިނެއް ކަމަށްވާ ވޮއެޕާސް އިން ވަނީ ފްލައިޓް 2283 ވެއްޓުނުކަން ކަށަވަރުކޮށްދީފައެވެ. ސަރަހައްދީ ފްލައީޓް 2283 ނައްޓާލީ ބްރެޒިލްގެ ދެކުނު ބޯޑަރކައިރީގައި އޮންނަ ކަސްކެވެލް އިންނެވެ. ޖައްސަން ހަމަޖެހިފައި އޮޓީ ސައޯ ޕޯލޯ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ބޭއްވި ބްރީފިންއެއްގައި ހިތާމަވެރި އެހާދިސާއާއި ގުޅިގެން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވެސްވަނީ ބޯޓުވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވެ ހަދިސާގައި މަރުވި މީހުންގެ ޝަރަފްގައި ސްކޫތެއް ގެނައުމަށް ގޮވާލައްވާފައެވެ.

ބްރެޒިލްގެ ހުޅަނގު އުތުރުގައި އޮންނަ ވިންހެޑޯއަށް ވެއްޓުނު ބޯޓުގައި ކެންސަރު ބައްޔަށް ހާއްސަ 08 ޑޮކްޓަރުން ތިބިކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ. ކެންސަރުބަލީގެ 15 ޑޮކްޓަރަކު އެދަތުރުގައި ބައިވެރިވުމަށް ކުރިން ހަމަ ޖެހިފައި އޮތް ނަމަވެސް އަނެއް 07 ޑޮކްޓަރުން ދަތުރުކުރަން ފަހުން ހަމަ ޖެހުނީ އެހެން ބޯޓަކުންނެވެ. 

ކެންސަރު ބައްޔަށް ހާއްސަ އެ ޑޮކްޓަރުން އެ ދަތުރުކުރީ އެސްބީޓީއެމްއޯ 2024 ގެ ނަމުގައި އޮންނަ ކެންސަރު އާއި ވެކްސިނާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށެވެ. އެސްބީޓީއެމްއޯ އަކީ ބްރެޒިލިއަން ސޮސައިޓީ އޮފް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން އެންޑް ސެލިއުލަރ ތެރަޕީ ޖަމާއަތެވެ.

އެޖަމާއަތަކީ ސެލިއުލަރ ތެރަޕީތަކަށް ހިލޭސާބަހަށް މިންގަނޑުތަކާއި އެކްރެޑިޓޭޝަން ޕްރޮގްރާމްތައް ގާއިމްކޮށްދޭ ބައެކެވެ. ކުރުކޮށް ބުނާނަމަ އެމީހުންނަކީ ބްރެޒިލްގައި ކެންސަރުގެ ދާއިރާގައި ދެވޭ ފަރުވާތަކަކީ ހަގީގީ ފަރުވާއެއްކަން ނުވަތަ ފޭކް ފަރުވާއެއްކަން ކަނޑައަޅާ މީހުންނެވެ. ފަރުވާއެއް ނުވަތަ ފަރުވާއެއްގެ ލަފާއެއް އެއީ އެކްރެޑިޓް ކުރެވިފައިވާ އެއްޗެއްތޯއާއި އެ ފަރުވާއެއް ނުވަތަ އެ ލަފައެއް ބޭނުން ކުރުމަށް ނުވަތަ ނުކުރުމަށް ނިންމަނީ އެސްބީޓީއެމްއޯއެވެ.