އިކުއެޑޯއަށް އައި ބިންހެލުމެއްގައި 15 މީހުން މަރުވެއްޖެ
ބިންހެލުމުގެ މަރުކަޒުވެފައި އޮތީ އެންމެ ބޮޑު ސިޓީ އާއި 50 މޭލު ދުރުގައި އޮންނަ ބަލާއޯއާ ކައިރީގަ.
އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން 400 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ މަދުވެގެން 15 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއަށް މިއަދު މެންދުރެއް ހާއިރު އިކުއިޑޯއަށް އައި ބިންހެލުމާ ގުޅިގެން އެތާނގެ ގިނަ ބިނާތަކަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ދެކުނުގެ އެލް އޮރޯ ޕްރޮވިންސަށެވެ. އެތަނުގައި 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިންހެލުން އިހުސާސް ކުރި ޕެރޫގެ އުތުރުގެ ބޯޑަރު ޑިސްޓްރިކްޓެއް ކަމަށްވާ ޓޫމްބޭސްގައި 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ އުޅޭގެ ވެއްޓިގެން މަރުވެފައިވެއެވެ.
އިކުއެޑޯގައި އިމާރާތްތަކަށާއި ކާރުތަކަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި މަޗަލާ އާއި ކުއެންކާ ހިމެނެއެވެ. ކުއްލި ހާލަތުގެ ހިދުމަތްތަކުން އަވަސްވެގަތީ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވެދިނުމަށެވެ.
މި ބިންހެލުމުގެ މަރުކަޒުވެފައި އޮތީ ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިކުއެޑޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޔަކިލް އާއި ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ބަލާއޯއާ ކައިރީގައެވެ.
އިކުއިޑޯގެ ރައީސް ގިލަރމޯ ލާސޯ ވަނީ އިކުއެޑޯގެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް އޮފިޝަލުން ތަހުލީލު ކުރަމުންދާއިރު ހަމަޖެހިލައިގެން ތިބުމަށް ނަސޭހަތްތެރިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޕަސާޖޭގެ އެލް އޮރޯ އަވަށުގައި ޒަހަމްވި 250 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ފަހު ހުރިހާ އެންމެންހެން ވަނީ ދޫކޮށްލާފައެވެ.
ބިންހެލުމުގެ ސަބަބުން އެތައް މަގުތަކެއް ބަންދުވެފައިވާއިރު، ބައެއް ގެތަކާއި ތައުލީމީ ވަސީލަތްތަކާއި ސިއްހީ މަރުކަޒުތައް ވަނީ ހަލާކުވެފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މަނާބީ އާއި މަންޓާ އަދި ވެރިރަށް ކިޓޯ ފަދަ އެހެން ބައެއް ތަންތަނަށް ވެސް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ބިން ހެލުމަކީ 2016 ވަނަ އަހަރު ގާތްގަނޑަކަށް 700 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވި ބިންހެލުމަށް ފަހު އިކުއެޑޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.