ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗާގޯހެއް ނުހިމެނޭ!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗާގޯހެއް ނުހިމެނޭ!

ސިޔާސީ މިނިވަންކަން ރާއްޖެއަށް ލިބުމުގެ ކުރިންވެސް ފަހުންވެސް ރާއްޖޭގެ ބައެއްކަމުގައި ޗާގޯސް ނުވެއެވެ. ވާނަމަ އިނގިރޭސީން އަތުން މިނިވަންކަން ލިބުނު އިރު ރާއްޖޭގެ ބައެއްގެ ގޮތުގައި ޗާގޯސް އޮތީހެވެ. ސިޔާސީ މިނިވަންކަން ލިބުނީއްސުރެ މިއަދާ ހަމައަށްވެސް ޗާގޯސް ރާއްޖޭގެ ބަޔަކަށް ވެގެން އެތަން ހޯދުމަށް ރާއްޖޭގެ އެއްވެސް ސަރުކާރުން ލޮބީކޮށް ޝަކުވާކޮށް ދައުވާކޮށް ހަނގުރާމަކޮށް ހަދާފައެއް ނުވެއެވެ.

މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ފާޅުގައި މަސައްކަތް ކުރަމުން ދިޔައިރުވެސް ރާއްޖޭން ޗާގޯސް ހޯދާކަށް އުޅެފައެއް ނެތެވެ. ރާއްޖޭގެ ސަރަނައްދީ ގާނޫނުތަކުގައި ވެސް އެއްވެސް އިރަކު ޗާގޯސް އައިލެންޑްސް ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އުފަންކުރީ 1996 ގައެވެ. އޭގެކުރިން ރާއްޖޭގެ ސަރަހައްދާއި ގުޅޭ ދެ ގާނޫނެއް އޮތެވެ. ދިވެހިރާއްޖެއަށް ޚާއްޞާ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު (ގާނޫނު ނަންބަރު 30/76) އާއި ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙާއްދުގެ ވަޔާއި، ކަނޑާއި އަދި އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި މަތިންދާބޯޓުފަހަރު ދަތުރުކުރުމާބޭހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/76) އެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު 1996ގައި ތަސްދީގުކުރުމުން އެ ދެ ގާނޫނު އުވުނީއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެއެވެ. ސަރަހައްދުތަކާބެހޭ ގާނޫނުގައި ފަސް ބާވަތަކަށް ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދު ބަޔާން ކޮށްފައިވެއެވެ. ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ބުނާ 5 ބާވަތުގެ ކަނޑަކީ:-

  1. ދިވެހިރާއްޖެގެ އެތެރޭގެ ކަނޑު
  2. އާކިޕެލަޖިކް ކަނޑު
  3. ސަރަޙައްދީ ކަނޑު
  4. ސަރަހައްދީ ކަނޑާއި ގުޅިފައިވާ ކަނޑު
  5. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 

ދިވެހިރާއްޖެގެ އެތެރޭގެ ކަނޑު

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެތެރެވަރިއާއި، ރަށްރަށުގެ ފަޅާއި، ފަރުތަކަކީ ދިވެހިރާއްޖޭގެ އެތެރޭ ކަނޑެވެ. އަދި މިތަންތަނުގެ އިތުރަށް ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑުގެ އެކިއެކި ސަރަޙައްދު، ދިވެހިރާއްޖޭގެ އެތެރޭ ކަނޑުކަމުގައި ކަނޑައެޅުމުގެ ޙައްޤު، ދިވެހިސަރުކާރަށް ލިބިގެންވެއެވެ.

އާކިޕެލަޖިކް ކަނޑު

ދިވެހިރާއްޖޭގެ އެތެރޭ ކަނޑު ފިޔަވައި،  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަމާލެވޭ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ކަނޑުގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑެވެ.

ގާނޫނު ބަޔާންކުރާ ގޮތަށް ދަމާލެވިފައި އާޕިލޮޖިކަލް ބޭސްލައިން

ސަރަޙައްދީ ކަނޑު ( ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު)

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑެވެ.

ސަރަހައްދީ ކަނޑާއި ގުޅިފައިވާ ކަނޑު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ސަރަޙައްދީ ކަނޑުގެ ބޭރު ކައިރިން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕްލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި، އެ ސަރަޙައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑަކީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ.

  • އިޤްތިޞާދީ ސަރަޙައްދާ ފުށުއެރުން ހައްލުކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްގައި ބުނެފައިވާ ދވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ހިއްޞާ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހިސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް ޤާނޫނު ހުރަސްނާޅާ ކަމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ބުނެއެވެ.