ސިއްރުކުރާ ވާދޫ ޑްރަގްކޭހުގައި ސަރުކާރުގެ ވެރިން ތަކެއް
މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހާއްސަކޮށްގެން ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ވަޓްސަޕް ގުރޫޕުގައި ބައެއް ނޫސްވެރިން ކުރާ ސުވާލަށް މައުލޫމާތު ނުދިނުމަކީ އާދައެކެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ނުދިނުމުގެ ސަބަބުން ބޮޑެތިކުށްކުރާ މީހުންނަށް ވަކިކަހަލަ ރައްކާތެރިކަމެއް އޮންނަ ކަހަލައެވެ.
ފުލުހުން މައުލޫމާތު ނުދިނަސް ރާއްޖެ ފަދަ ތަނެއްގައި ކަންކަން ސިއްރުވެފައި އޮންނަނީ މަދު ފަހަރަކުއެވެ. ބައެއް މައުލޫމާތު ނިކަން ފަސޭހައިން ދީފާ ވަކި ބަޔަކާ ގުޅުން ހުންނަ މައުލޫމާތު ފުލުހުން ސިއްރު ކުރާކަމީ ދޮގުކުރެވޭނެ ކަމެއް ނޫނެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރ 7 ވަނަ ދުވަހު، ގދ. ވާދޫގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާ މައްސަލައަކީ އެކަމުގެ މައުލޫމާތު މިހާތަނަށް ނުދީފައިވާ މައްސަލައެކެވެ. 4 މީހުން ހައްޔަރުކޮށް 3 މީހަކަށް 30 ދުވަހުގެ މުއްދަތު ޖަހާ އެކަކަށް 15 ދުވަހުގެ މުއްދަތު ޖަހަފައިވާ ޑްރަގް މައްސަލައެއްގެ މައުލޫމާތު ނުދީ ހިފަހައްޓަނީ ކާކުގެ ކޮން މަސްލަހަތެއް ރައްކާ ކުރަންހެއްޔެވެ.
ޑްރަގް ފެނުނީ މި ސަރުކާރުގެ ތަޢުލީމީ ވުޒާރާގެ ނައިބެއް ކަމުގައި ތާރިފް މުހައްމަދުގެ މިލްކިއްޔާތުގައި ހިމެނޭ އިމާރާތަކުން ކަމަށް ވާތީ ހެއްޔެވެ. މައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ވާދޫ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖަރ ޝާމިހު އަހުމަދު ހިމެނޭތީ ހެއްޔެވެ. އޭނާއަކީ ކުރިން ޕޮލިހަކަށް ވާތީހެއްޔެވެ.
ކޯޓުން މުއްދަތު ޖަހާފައި ބަންދުގައި އެ މީހުން ތިބިއިރު އެ މީހުންގެ މައުލޫމާތު ސިއްރު ކުރަނީ މި ސަރުކާރުގައި އެޅިފައިވާ ވައްކަމާއި ޑްރަގާއި ވަގުވިޔަފާރި އާއި ސްކޭމާއި ލޫޓުވުމުގެ ޓެގުން ސަރުކާރު ސަލާމަތް ކުރުމަށް ހެއްޔެވެ. އެހެންވެއްޖެއްޔާ ފުލުހުންގެ މުއައްސާއާއި މެދު އިތުބާރު ކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ.

