ވެރިކަމުގެ ޒިންމާ އަދާ ނުކުރެވޭއިރު ބަގުޑި ބައްދަންނޫޅޭ!

ދޮގުހަދާ ވާހަކަ ބުނަނީ ވާދަވެރިން އެކަންޏެއް ނޫން

ވެރިކަމުގެ ޒިންމާ އަދާ ނުކުރެވޭއިރު ބަގުޑި ބައްދަންނޫޅޭ!

ކޮންކަމަކާ ހިފާ ބަދަލެއްތޯއެވެ. ރާއްޖޭގެ އިގުތިސާދު މެނޭޖް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މެނޭޖު ކުރަން ސަރުކާރުން ނުކުޅެދުނީމަ ރައްޔިތުންނަށް މިޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އަދި ސަރުކާރުގެ ބަދަލުވި އައު ސިޔާސަތުން ކުރިން އަގުބޮޑުކޮށް ލިބުނު ޑޮލަރު މިއަދު އަމުދުން ނުލިބެއެވެ. ނުވަތަ ހޯދަން ވެއްޖެނަމަ ޖެހެނީ މާބޮޑު ބަދަލެއް ދޭށެވެ.

ޑޮލަރު ނުލިބުމަކީ ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކަން ލިބޭނެ ލައިސަންސް އެއް ނޫނެވެ. ލިބޭ އާމްދަނީއާއި ހަރަދުތައް ސީދާ ނުކުރެވޭ ނަމަ އެކަން ކުރެވޭނެ ބަޔަކާއި ހަވާލު ކޮށްލަން ވީނުން ތޯއެވެ. ވެރިކަމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ނުކުރެވެންޏާ ވެރިކަމުގައި ބަގުޑި ބައްދައިގެން ނޫޅޭށެވެ. 

ލޯކަލް ކައުންސިލުންނާއި ފެންނަ ނުފެންނަ ވޯޓުން ބަލިވީމާ ހަޖަމު ނުވީތޯއެވެ. ރައްޔިތުންނަށް ވެރީން ދޮގުހަދަންޏާ ރައްޔިތުން ފޫހިވާނެއެވެ. ބޭސް ނުލިބެންޏާ ރައްޔިތުން ކަންބޮޑުވާނެއެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ހިސާބަށް ދިޔައީމާ ރައްޔިތުމް ރުޅިއަންނާނެއެވެ. އެއްޗެތިވެސް ކިޔާނެއެވެ.

އިންތިހާބުތަކުން ބަލިވީމާ އަމިއްލަ އުޅުމާއި ގުޅުންތައް އިސްލާހުވެ ކުރެވުނު ގޯސްތައް މަތިން ހަދާންކޮށް އެލް ސޯފާއެއްގައި އިނދެގެންނަމަވެސް ތައުބާ ވާން ވީއެވެ. ރައްޔިތުންނަށް ތަކުލީފު ޖައްސާވަރަކަށް ލިބޭނެ ވޯޓުވާނީ މަދެވެ. ސިއްރުން ބަސްބުނަމުން ދިޔަ މީހުން ފާޅުގައި ބަސް ބުނަން ފަށާނެއެވެ. އިސްލާހުވެލާ ތައުބާވެލާށެވެ. ގައުމު ޔަހޫދީންނަށް ވިއްކާ ނުލާށެވެ. 

ގާތުގައި ތިބި އަޅު ކުދިންކޮޅާއި ބިރިޔާނި ތައްޓަކަށް ނޫސް ލިޔެދޭ ކުދިންވެސް ތިބީ ރުހިގެންނެއް ނޫނެވެ. އާއިލާއެއް ބަލަހައްޓަން ޖެހޭތީ މަޖުބޫރު ވެފައެވެ. ގާތުގައި ގެންގުޅޭ ވަޒީރުން ދެއިރު ދެދަޅައަށް ދެވާހަކަ ދައްކަން މަޖުބޫރު ކުރުވީމަ އެ މީހުންވެސް ތިބީ ރުހިފައެއް ނޫނެވެ. ކަނޑު އަޑީގެ ޓަނަލަކީ އަދި ފެނިފައިވާ ޓެކްނޮލޮޖީއަކަށް ނުވާ ކަމަށް ބުނުމުން ނުރުހި ހުއްޓާ އަމިއްލަ އަށް އެ ބުނަނީ ދެ ޕާސްޕޯޓު ގެންގުޅޭ ޔަހޫދީންނަށް ރާއްޖެ އާދެވޭނެ ވާހަކައާއި ބިންވެސް ގަނެވޭނެ ވާހަކައެވެ.

ދޮގުހަދާ ވާހަކަ ބުނަނީ ވާދަވެރިން އެކަންޏެއް ނޫނެވެ. ބައި ކުދިންވެސް ބުނަނީ ދޮގު ހަދާ ވާހަކައެވެ. ފުލުހުން ރަސްމާލޭގައި ނުތިބޭނެ ވާހަކަ ބުނި މީހަކު ބުނިތާ ހަފަތާއެއް ނުވެ އަނެއްކާ ތިޔަ ބުނީ ފުލުސް އިމާރާތެއް ހުންނާނެ ވާހަކައެވެ. ދިވެހި ފުލުހުންތޯއެވެ. 

ހަމަބިމަށް ތިރިވެލާށެވެ. ނޫހުގައި ޖަހާ ސުރުހީއަކުން ގައުމެއް ނުހިންގޭނެއެވެ. ރައްޔިތުންގެ ތަކުލީފުތަކަށް ސަމާލުކަން ނުދޭނަމަ ރައްޔިތުން ދެންވެސް ބުނާނީ ނޫނެކޭއެވެ. އިލްކްޓްރޯނިކް ވޯޓިންގ އަށް ދިޔަޔަސް ސައްހަ ވޯޓުން މި ހާލަތުގައި ރަސްކަން ދަމަހައްޓަން ލިބޭނީ 10 ޕަސެންޓެވެ. ދިވެހީން ތިބީ ކެތް މަދުވެފައެވެ. ދިވެހީންގެ ދިވެހިރާއްޖެ ދިވެހީންގެ އަތްމައްޗަށް ހަގީގީ މާނައިގައި ހޯދުމުގެ އުންމީދުގައެވެ.