ސަރުކާރަށް ކައުންސިލްތައް ދޭންވީ ކީއްވެ!

ސަރުކާރަށް ކައުންސިލްތައް ދޭންވީ ކީއްވެ!

ސަބަބުވެރި އިންސާނާގެ ވިސްނުމުން ސަރުކާރަށް ކައުންސިލްތައް ދޭންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ. ރަށް ރަށުން އިވެނީ ކަމެއް ނުވާވާހަކައެވެ. ކައުންސިލަރުން ބުނަނީ "ދަންނަވައިފިން، ދަންނަވައިގެން މިއުޅެނީ" މިހެންނެވެ. ކަންކަން ވަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވީމައެވެ. ބަޖެޓަކުން އެއްވެސް އެއްޗެއް ނޭގެއެވެ. މަޖިލިސް މެމްބަރުންނަކީވެސް މިއަދު މައިބަދައިގައި ވަރެއްހުރި ބައެއް ނޫނެވެ. އެ މީހުންނަށްވެސް ވަނީ ދިމްޔާތު ކުންފުނިން ކޮށްދިން ވަރެކެވެ. 

ރައީސް ނުރުހިއްޖެއްޔާ ކޮންމެވެސް ދަތްދޮޅި ރާޖާއަކަށް އަމުރުކޮށް މަސްދުވަހަށް ދެމަހަށް ހަމަހަށް ސަސްޕެޑު ކުރާނީއެވެ. ރިޒުގުދެއްވާ ފަރާތްކަމަށް އަމިއްލައަށް ދައުވާ ކުރާކަހަލައެވެ. އޭނާގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ އޭނާ ރުހޭވަރަށް އާދޭސް ނުދަންނަވާ އެއްކަމެއް ވަނީއެއް ނޫނެވެ.

ސަރުކާރު ނުރުހޭ ކަމަކަށް ވާހަކަ ދެއްކިއަސް އެޖެންޑާ ކުރިއަސް ވޯކް އައުޓު ކުރާން އަދިވެސް ކައުންސިލްތައް ދޭންވީ ސަރުކާރަށް ހެއްޔެވެ. މި ވޭތުވެ ދިޔަ ދެ އަހަރު ސަރުކާރުގެ ކެނޑިޑޭޓަކަށް ވެގެން ވީ ފައިދާ އެއް ނެތެވެ. ބަޖެޓަށް އެދެވެނީއެއް ނޫނެވެ. ކައުންސިލަރަކަށް ބަހެއް ބުނެވޭނީ މަޖިލިސް މެމްބަރަކަށް ކަމެއް ބަޖެޓު ކުރެވިގެން ތާއެވެ.

ރައްޔިތުންނާއި ސަރުކާރާއި ދައުލަތުން ކަނޑައަޅާފައި އުސޫލްތަކާއި ގުޅުން މުޅީންހެން ކެނޑިއްްޖެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ވާހަކަ ގާތުން އަޑު އަހަން ކައުންސިލަރުން ތިބެއެވެ. އެމީހުން ވާން ޖެހެނީ ރައްޔިތުންގެ ފަރާތުން ކަމާއި ގުޅުން ހުރި ފަރާތްތަކަށް ބަސް އުފުލާ ބަޔަކަށެވެ. އެ މީހުންގެ ދަރަޖަ 2023 ގައި އުފަންވި ސަރުކާރުގައި އޮތީ ސަލާންޖަހާ ކުއްޖަކަށް ބަދަލު ކޮށްފައެވެ.

ސަރުކާރަށް ސަނާ ކިޔުން ހުއްޓާލައިފި ނަމަ ދަތްދޮޅި ބެޔަކު އައިސް ކުރާނީ ސަސްޕެންޑެވެ. ދެން ތިބީ މަޖިލިސް މެމްބަރުންނެވެ. ގިނައީ ރޯނު އެދުރުންނެވެ. އަމިއްލައަށް ކަރަށް މަޅިއެއް ފައްތާ ވަލުގެ ކޮޅު ވެދުން ކުރި ބައެއްކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ކޮރަޕްޝަންގެ ތުހުމަތު ތަކެކެވެ. ރައްޔިތުންނާއި ރުހުމުގައި ވާހަކަ ދެއްކުމުން ފެށިގެން ސަރުކާރުގައި ކަމަކު އެދުމަކީ މަނާ ކަމެކެވެ. ސަރުކާރު މެމްބަރުންނޯލައެވެ. ސަރުކާރުގެ ކައުން ސިލަރުންނޯލައެވެ. މި މީހުންނަށް ކިޔަންވީ އަޅުން ކަމެއް ކޮހުން ކަމެއް އެގޭނެ ބައެއް އުޅެން ވާނެއެވެ. 

ބިންގާ ވަރަށް ބޮޑަށް ކަތިވެއްޖެއެވެ. ސަރުކާރުގެ އަމާޒު ތަކާއި ރަތްޔިތުންގެ އަމާޒުތައް ކަފިކަފި ވެއްޖެއެވެ. ދައުލަތުގައި ވަނީ ވެރީންނާއި އަޅުންނެވެ. ވަރިހަމަކޮށްލައިގެން ތިބެވޭނީ ވަކިވަރަކަށެވެ. ދައުލަތުގެ ބާރުތައް ތަށްމިނަށް ދީގެން އިވުނު އަޑެއް ނެތެވެ. ވީކަމެއް ނެތެވެ. ދެކޮޅުވެއްޖެ ނަމަ ކޮންމެވެސް ވަރަކަށް ސަމާލު ވީހެވެ. އެއް ކޮޅު ވެގެން ތިބެންޖެހޭނީ ބަނދެވިގެން ކަސްތޮޅުގައެވެ.

ކައުންސިލްތައް ސަރުކާރުގެ ނުފޫޒުގައި މިހާ ތަނަށް އޮވެ ވީ ކަމެއް ރައްޔިތަކަށް ނޭގެއެވެ. ކައުންސިލްތައް ސަރުކާރަށް ދޭންޖެހޭ ސަބަބެއްވެސް ރައްޔިތުންނަކަށް ނެތެވެ. މިއީ ތަފާތު ދައްކާނެ އިންތިހާބަކަށް ވާނެ އިންތިހާބަކަށް ވުން ގާތެވެ.

ރާއްޖެ ދިރިދެމި އޮންނާން ވާނެއެވެ. ރާއްޖޭގައި ކަނޑައަޅާފައިވާ ނިޒާމުތައް ދެމި އޮންނާން ވާނެއެވެ. އަހަރެމެންނީ ޕޯޗުގީޒުން ބޭރުކުރި މީހުނެވެ. ނޮވެމްބަރު 3 ގެ ބާގީން ބޭރު ކުރި މީހުންނެވެ. ކަށީގައި ހިތްވަރު ހުންނަން ވާނެއެވެ. ދައުލަތުގެ ނިޒާމުތައް ހަމަ މަގަށް އެޅުވޭނީ ސަނާ ކިޔުމަކުން ނޫނެވެ. ހައްގު ބަސް ބުނުމުގެ ހިތްވަރުންނެވެ. އަމިއްލަ އަށް ޒިންމާ ނަގަން އެގިގެންނެވެ.