މުއިއްޒުގެ ވެރިކަން ފައްޓަވާނީ ކޮރަޕްޝަނުން
މުއިއްޒު އުޅުއްވަން ޖެހިވަޑައިގަންނަވާނީ މެންބަރުން ގަތުމަށާ ރައީސް ޔާމީނު ދޫކޮށްލައްވަން
ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ ގޮތުގައި ރައީސް އައްޔަނުކުރާ މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ތިބޭ ބަޔަކަށް ވާން ޖެހެއެވެ. ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ ކުރިމަތިވެ ވަޑައިގަންނަވާނެ ގިނަ ގޮންޖެހުންތަކެއް އެބިހުއްޓެވެ.
އެ މަނިކުފާނަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެންމެ ބޮޑު އެއްގޮންޖެހުމަކަށް ވަނީ އެމަނިކުފާނުގެ ސަރުކާރު އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމެވެ. އެކަން ގޮންޖެހުމަކަށް ވަނީ އިދިކޮޅު ވަދަވެރި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތުމެވެ. މަޖިލީހުގައި ޕީއެންސީ - ޕީޕީއެމްގެ ތިއްބަވަނީ އެންމެ އަށް މެންބަރުންނެވެ. އެމްޑީޕީގެ 56 މެންބަރުން އެބަތިއްބަވައެވެ. މި ހާލަތުގައި ޑރ. މުއިއްޒަށް ކެބިނެޓް އެޕްރޫވް ކުރެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެންމެ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަހަލަ ވަޒީރުންގެ މަޖިލީހެއް އައްޔަނު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަކީ ބޮޑު ގޮންޖެހުމަކަށްވާނެއެވެ. އެހެންކަމުން ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބުވެ ވަޑައިގެންފިނަމަ އެންމެ ފުރަތަމަ ވެސް ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމަކީ މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯއްދެވުމެވެ. އެކަމަކީ އެހާ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ.
މަޖިލީހުގެ މެންބަރުން ބައްލައިވައިގަތުމަށް ފާޅުކަން ބޮޑު ގޮތެއްގައި ވަރުގަދަ ކޮރަޕްޝަނެއް ނުހިންގަވާ މަޖިލީހުގެ މެންބަރުން ހޯއްދެވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަން ފައްޓަވަންޖެހި ވަޑައިގަންނަވާނީ ކޮރަޕްޝަނުންނެވެ.
ރައީސް ސޯލިހު ހޮވިވަޑައިނުގަތަސް ދައުލަތުގެ ބާރު އެމްޑީޕީ އަތުން ގެއްލިގެނެއް ނުދާނެއެވެ. އެމްޑީޕީ އޭގެ ސްޓްރެންތުގައި އިދިކޮޅު ޕާޓީގެ ގޮތުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީ އަކާއެކު އޮވެއްޖެނަމަ ޑރ. މުއިއްޒުގެ ވެރިކަން ޕެރެލައިޒްވެފައި އޮތް ބަލިމީހެކޭ ތަފާތެއް ނުއޮންނާނެއެވެ. މިނިވަން މުއްސަސާތަކާ ފަނޑިޔާރުގެ އޮންނާނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލުގައެވެ. އެތަންތާގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގައެވެ.
އަނެއް ކޮޅުން ރައީސް ޔާމީނަކީ ވެސް މުއިއްޒަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރައީސް ޔާމީނު މިނިވަން ނުކުރައްވާ އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނަވާކަށް ފަސޭހަފުޅެއް ނުވާނެއެވެ. އެތެޜޭގެ ޕްރެޝަރ އެއަށްވުރެ މާ ބޮޑު ވާނެއެވެ. އެހެނަސް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ބޮޑުކޮށް އޮއްވާ ރައީސްއަކީ ޑރ. މުއިއްޒު ކަމަށް ވިޔަސް ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ.
ރައީސް ޔާމީނު ދޫކޮށްލެއް ވިއަސް ޑރ. މުއިއްޒަށް ސަލާމަތެއް ނެތެވެ. ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ގޮތަކަށް ސަރުކާރުން އެއްކަމެއް ވެސް ނުކުރެއްވޭނެއެވެ. ރައީސް ޔާމީނު އެދިވަޑައި ނުގަންނަވާ ގޮތަކަށް ކުޑަވެސް ކަމެއް ހިނގައިފިނަމަ އެދެން ކަންތަކާ ޖެހުނީއެވެ. ރައީސް ސޯލިހާ ރައީސް ނަޝީދަށް ދިމާވެ ވަޑައިގެން ހާލަތަށްވުރެ ހާލަތު ގޯސްވާނެއެވެ.
އާނއެކެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިޔަސް ކުރައްވާނީ މީހެއްގެ ހިޔަނީގައެވެ. ސިޔާސީ ގޮތުން ޑރ. މުއިއްޒު ހުންނެވީ އަމިއްލަ ފައިންޕުޅު މައްޗަކު ނޫނެވެ. އދިކޮޅު ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތް އިރު ވާގިވެރިވާން އޮތް ޕާޓީ އޮތީ އެހެން ބޭފުޅެއްގެ އަތްޕުޅު މަތީގައެވެ. ސިޔާސީ ގޮތުން ހައިޖެކްވެފައި ހުރި މީހަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެއެވެ.
ޑރ. މުއިއްޒަށް ފުރަތަމަ ވެސް ޖެހިވަޑައިގަންނަވާނީ ދެކަމަކާ އުޅުއްވަށެވެ. އެއްކަމަކީ މަޖިލިސް މެންބަރުން ބައްލަވައި ގަތުމެވެ. ދެވަނަ ކަމަކީ ރައީސް ޔާމީނު ދޫކޮށް ލެއްވުމެވެ. ދައިލަތް ކޮޅަށް ޖައްސަވާ ވައުދުތައް ފުއްދަވަން އުޅުއްވޭނީ ވެރިކަން ސްޓޭބަލް ކުރެއްވިެންތާއެވެ.
މިހާރު މިއޮތްގޮތަށް އޮވެ ޑރ. މުއިއްޒުގެ ވެރިކަމަށް ވަޑައިގެންފިނަމަ ޑރ. މުއިއްޒު ސިފަވަނީ ފުޅަންގެތްގެ މިސާލުގައެވެ. މައްޗަށް އެރިޔަސް އަޑިއަށް ދިޔަސް ސަލާމަތެއް ނެތެވެ.