ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 2

ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 2

14 ނޮވެމްބަރ އަކީ ތާރީހެއް ނޫނެވެ. ކަމެއްގެ ނިމުމެއްގެ ފެށުމެކެވެ. މުޅި ރާއްޖެއިން ގެނެވުނީ 13،000 މީހުންކަމަށް މުއިއްޒު ކުރި އިއުލާނަކީ އޭނާގެ ނިމުން ގާތްވެފައިވާކަން އަމިއްލައަށް އިއުލާނު ކުރުމެކެވެ. 13،000 އަކީ ރާއްޖޭގައި ވޯޓު ލެވޭ އާބާދީއަށް ބެލިނަމަވެސް %5 އަށްވުރެ ދަށް އަދަދެކެވެ. ކޮންފަދަ ބޮޑު އިސްރާފެއްތޯއެވެ. ބައެއް ބޭބޭ ފުޅުން ތުހުމަތުކުރާގޮތުންނަމަ އެތަނުގައި ތިބޭނީ 7،000 އާއި 9،000 އާއި ދޭތެރޭ އަދަދެކެވެ. އަދަދަކަށް ޖަދަލު ކުރާކަށް ނެތީމެވެ. ބައެއް ކުދި ރަށްތަކުގައި ހުކުރު ދުވަހުގެ ނަމާަދަށް ބޭނުންވާ 40 ހަމަނުވާކަމަށް މަޖާޒީ ގޮތެއްގައި މީހަކު ބުންޏެވެ.

ދައުލަތް ވަނީ އަނިޔާވެރި ސިހުރެއްގައި ޖެހިފައިވާ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އަސާސީ ގޮތުން ބޭނުންވާ ބޭސް ލިބޭކަށް ނެތެވެ. ފުވައްމުލަށް އޮތީ ސާފު ބޯފެނަށް ޖެހިފައެވެ. އައްޑޫ ސިޓީ އޮތީ ކަރަންޓު ދިއުމުގެ ކޮޅިގަނޑަކާއި ކުރިމަތި ލައިގެންނެވެ. މަސްވެރިން ބާނާ މަހަށް ދޭނެކަމަށް ބުނި 20ރ އަދި ނުލިބެއެވެ. ބޮޑު ކަންނެލި މަސްވެރިން 100ރ ސީލިންގުގައި ތަތްކޮށްގެން ހިންދިރުވަނީއެވެ. ފުލެޓާއި ގޯތި މައްސަލައޮތީ އޮތްތާގައެވެ.

ކުދި މެދު ފަންތީގެ ވިޔަފާރިތައް އޮތީ ވެންޓިލޭޓަރުގައި އޮކްސީޖަން ގުޅާފައެވެ. ޑޮލަރުގެ ކަޅު ބާޒާރުވަނީ މެކުހަށް ޖަހާފައެވެ. 20ރ އަށް ޑޮލަރެށް ގަންނަން ނުލިބެއެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އަހަރުން އަހަރަށް ބޮޑެވެ.

ފުއްދާނެ ކަމަށް ބުނި ވައުދުތައް ހުރީ ފައިލުކޮށް ބޮޑުހަރުގަނޑުގައެވެ. ވައުދު ހަރުގަނޑުގައި ހުރީ ކޮން ވައުދުތަކެއް ކަމެއް ރައީސް މީހާއަކަށް ނޭގެއެވެ. މަގުމަތިން ހިނގާލާއިރު މީހަކު ފެނުނަސް އަދިވެސް ވަނީ ވައުދެވެ. ހަދަނީ ދޮގެވެ.

ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ބޮނބިނަރަކުން ބަނދެފައި ބާވައޭވެސް ހިތައް އަރައެވެ. ކަރަންޓާއި ފެނާއި ގޭގެ ކުއްޔާއި އިންޓަރނެޓު ބިލުދައްކާފައި ދަރިންގެ ޓިއުޝަނަށް ލާރިދީފައި ކަންމަތީ ފިހާރައިގެ ދަރަނި އަދާވަނީ ހަމަ ކިރިޔަ ކިރިޔާއެވެ. ދެރުން އަދާކޮށް ނިމޭއިރު އަތުގައި ބާކީ އޮންނަ މިންވަރުން ގަނެވެނީ ދެގުޅަ ޕެނެޑޯލެވެ. ބާމު ފުޅިއެއް ބޭނުން ނަމަ އިތުރު 30 ދުވަސް މަޑުކުރަން ޖެހިއްޖެއެވެ. 

ރަނގަޅެވެ. މުއީޒު ގާތުގައި ސަނާ ކިޔަން ތިބި މީހުންނަށް ދައްޗެއް ނެތެވެ. ބޭސްކުރަން ސިންގަޕޫރަށެވެ. ގޭގެ ނުވަތަ ގެތަކުގެ ކުއްޔާއި ކަރަންޓާއި ފެނާއި އިންޓަރނެޓުގެ ބިލު ދައްކާދެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. ބައެއް ގިނަ މީހުން އިތުރު ކައިވެނިތައްކޮށް އެ މީހުންނަށް ވެސް އާމްދަނީ ހޯދަން ފަށައިފިއެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ނަހަމަ މަންފާ ހޯދުމުގެ ރެކޯޑުވެސް މުއިއްޒު ހަދައިފިއެވެ. 

ގައުމު އޮތް ހާލަތު ރައްޔިތުންނަށް ހާމަވާނީ މިކަހަލަ ގޮތަކަށެވެ. ސަރުކާރާއި ދޭތެރޭ އޮތް އިތުބާރު ގެއްލިއްޖެއެވެ. ކުރާން އޮތް އުންމީދު ފުނޑު ފުނޑުވެއްޖެއެވެ. ދެން އޮތީ އަންނަ އަހަރެވެ.

އަންނަ އަހަރު ސުކޫކަށް ފައިސާ ދައްކާ ދަރަނި އަދާކޮށް ނިމޭއިރު ދައުލަތް ހިންގަން ލިބޭނީ ކިހާވަރެއްތޯއެވެ. ބޭންކުން ނެގި 2.8ބިލިއަނުން ގައުމަށް ވާނީ ފައިދާތޯއެވެ. ޑޮލަރުގެ އަގު އަރާނީ މައްޗަށް ތޯއެވެ. މިއަދު 20.20ރ އަށް ގަންނަން ހާލުން ލިބޭ ޑޮލަރު ދެން ލިބޭނީ 23.40ރ އަށް ކަމަށް އިގްތިސާދީ މާހިރުން އެބަގޮވައެވެ. ޕެންޝަން އޮފީހުން ނަގަން ނިންމާފައިވާ 2.5ބިލިއަން ރުފިޔާއިން ދިވެހި ރުފިޔާގެ އަގު އިތުރަށް ދާނީ ވެއްޓެމުންނެވެ.

ގައުމު ސަލާމަތް ކޮށްދެއްވާތޯ ދުޢާ ކުރުން ނޫން ކަމެއް ނެތެވެ. ހާލަތު ބަދަލުވުމަށް އެދި އެންމެން އެކުގައި މަސައްކަތް ކޮށް ކޮންމެވެސް ގޮތަކުން އަމާން އައްސޭރިއަކަށް ވާސިލުވުމަށް ބުރަ މަސައްކަތެއް ކުރުން ދިވެހީންގެ މައްޗަށް ލާޒިމު ވެއްޖެއެވެ. 14 ނޮވެމްބަރުގައި ފެނުނީ ސައިބޯނި ބޮތްކެކެވެ. އޭގައި އާރެއް ނެތެވެ. ބާރެއް ނެތެވެ. އެއީ ހަމަ އިސްރާފެކެވެ.