ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ގުރުއާން މުބާރާތުގެ ނިންމުން ފާހަގަކޮށްފި

ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ގުރުއާން މުބާރާތުގެ ނިންމުން ފާހަގަކޮށްފި

ތުޅާދޫ ސްޕޯރޓްސް ކުލަބުން 196 ބައިވެރިންނާއި އެކު، 20 ނޮވެމްބަރ އިން 22 ނޮވެމްބަރގެ ނިޔަލަށް އެ ކުލަބުގެ އިދާރާގައި ކުރިއަށް ގެންދިޔަ 22 ވަނަ ގުރްއާން މުބާރާތުގެ ނިންމުން 02 ޑިސެމްބަރ 2025 ވީ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާރޕާސް ހޯލުގައި ކާމިޔާބުކަމާއި އެކު ފާހަގަކޮށްފިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 49 އަހަރު ގުނަމުންދާ ހިދުމަތްތެރި ތުޅާދޫ ސްޕޯރޓްސް ކުލަބުން އިސްނަގައިގެން ގުރްއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ކުލަބުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާއި ބަައްދަލުވުމުގެ ފުރުސަތު ލިބުމުން ނުހަނު އުފާކުރާ ކަމަށާއި ތުޅާދޫ އަކީ ތައުލީމާއި އަދި މަސައްކަތްތެރި ކަމަށް ނުހަނު އިސްކަންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި އެރަށަށް ވަޑައިގަތުމުން ތުޅާދޫގެ ލޮބުވެތި ރައްޔިތުން ކިޔުއްވި ހޫނު މަރުބަޔާއި ދެއްވިމެހުމާން ދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ތުޅާދޫއަށް ރީތިނަން ހޯދަދިން 2 ބައިވެރިންނަށް ހިތްވަރުގެ ފިލާ އާއި ތުޅާދޫ ސްޕޯރޓްސް ކުލަބަށް މި އަހަރުގެ ގައުމީ ގުރްއާން މުބާރާތުގައި ލިބުނު ފަޙުވެރިވެރި ގައުމީ ކާމިޔާބީގެ ހިއްސާދާރުންގެ އަގުވަޒަންކުރުމުގެ ގޮތުން މޫސާ ނުސައިރު، މިރިހިގަސްދޮށުގެ، ބ. ތުޅާދޫ، ތުޅާދޫ ކައުންސިލް، ތުޅާދޫ ސްކޫލް އަދި ބ. އަތޮޅު ކައުންސިލަށް ޝުކުރުގެ ފިލާ ހަދިޔާކުރުމަށް ކުލަބުން އިންތިޒާމްކޮށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ޖުމްލަ 51 ފަރާތަކަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް، ޓްރޮފީ އަދި ޝީލްޑް އަރުވާފައެވެ.