ފޭރުފަތަކީ ކުންޏެއް ނޫން - އަގުބޮޑު ޖަވާހިރެއް

ފޭރުފަތަކީ ކުންޏެއް ނޫން - އަގުބޮޑު ޖަވާހިރެއް

ކުނީގެ ގޮތުގައި އުކާލުން އާދަވެފައިވާ ފޭރުފަތަކީ ކިހާވަރެއްގެ ބޭނުންތެރި އެއްޗެއްކަން އެގެނަމަ ކުނީގެ ގޮތުގައި ފޭރުފަތް އުކައެއް ނުލާނެއެވެ. ސިއްހީ އެތައް ފައިދާއެއް ލިބޭ ފޭރުފަތަކީ ރަނގަޅު އާމްދަނީ ހޯދިދާނެ ބާވަތެކެވެ.

ފޭރު ފަތަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ފޭރުފަތުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ގެއްލުންދެނިވި ކޮލެސްޓްރޯލް ދަށްކުރެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

ބެކްޓީރިއާތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދުޅަވުން ކުޑަކޮށްދިނުމުގައި ފޭރުފަތުގެ ދައުރު ބޮޑެވެ. ފޭރުފަތުގައި އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވުމުގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

ގަދީމީ ބޭސްވެރިކަމުގައި ފޭރުފަތް އާންމުކޮށް ބޭނުންކުރަނީ ސައިގެ ގޮތުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މީގައި ހަކުރުބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، ޖަރާސީމު ނައްތާލުމުގެ ބާރު އެކުލެވިގެންވެއެވެ.

ފޭރުފަތުގެ ސިއްހީ މައިގަނޑު ފައިދާތައް:

  • ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުން: ފޭރުފަތް ބޭނުންކުރުމުން ލޭގައި ހަކުރުގެ މިންވަރު މައްޗަށް ދިއުން ހުއްޓުވައިދެއެވެ. ފޭރުފަތަކީ ހަކުރު ބަލި މެނޭޖްކުރުމުގައި ވަރަށް ބޮޑު އެހީއެކެވެ.
  • ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން: ފޭރުފަތުގައި ހިމެނޭ ޖަރާސީމާ ދެކޮޅު މާއްދާތަކުގެ ސަބަބުން ބަނޑުގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާތަކާ ހަނގުރާމަކޮށް، ބޭރަށްހިންގުމާއި، ބަނޑުފުއްޕުން ފަދަ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ.
  • ހިތުގެ ދުޅަހެޔޮކަން: ފޭރުފަތުގައި ހިމެނޭ ފައިބަރާއި ޕޮޓޭސިއަމް އާއި އެންޓިއޮކްސިޑެންޓްތަކުގެ އެހީގައި ހަށިގަނޑަށް ގެއްލުންދޭ "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ފައިދާހުރި "އެޗް.ޑީ.އެލް" ކޮލެސްޓްރޯލް އިތުރުކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެއެވެ.
  • ދިފާއީ ނިޒާމު: ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އެކި ބަލިތަކާއި އިންފެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.
  • ބަރުދަން މެނޭޖްކުރުން: ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްސް ހަކުރަށް ބަދަލުވާ މިންވަރު ލަސްކޮށްދީ، ގިނައިރު ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައެވެ.
  • ހަންގަނޑާއި އިސްތަށިގަނޑު: ފޭރުފަތުގައިވާ ޖަރާސީމު ނައްތާލުމުގެ ބާރުގެ ސަބަބުން މޫނުގައި ބިހި ނެގުމާއި، ހަންފޮޅުމާއި، އިސްތަށި ފޭބުން ފަދަ ކަންކަމަށް ހައްލު ހޯދައިދެއެވެ. ބޮލުތެރޭގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
  • ދުޅަވުން ކުޑަކުރުން: މީގައި ހިމެނޭ "ކުއާސެޓިން" ފަދަ ފްލޭވޮނޮއިޑްސްގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުން ކުޑަކޮށްދެއެވެ.

ބޭނުންކުރާނެ ގޮތް:

ފޭރުފަތު ސައި:

  • ތާޒާ ފޭރުފަތް ފެނުގެ ތެރެއަށް އަޅައިގެން ކައްކާލުމަށްފަހު، އެ ފެންގަނޑު ފުރާނާލައިގެން ސައިގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ހަމަ އެގޮތަށް ފޭރު ހިކިފަތްވެސް ފެނުގެ ތެރެއަށް އަޅައިގެން ކައްކާލުމަށްފަހު، އެ ފެންގަނޑު ފުރާނާލައިގެން ސައިގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
  • ފޭރުފަތް ހިއްކައިގެން ސައިފަތުގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. ތާޒާ ފޭރުފަތް ހިމުންކޮށްގެންނާއި ހިކިފަތް މުގުރައިގެން ޕައުޑަރ ގޮތުގައި ހޫނުފެނަށް އަޅައިގެން ސައިގެ ގޮތުގައިވެސް ބޭނުން ކުރެވޭނެއެވެ.