އާރިފޫ - ފުރުސަތު ދެއްވާ! މުޅަބަތްވެސް ކެވިދާނެ!
މާލެއަށް ބަރޯސާ ކުރުވީ ވެރިންނަށް ހަޖަމް ނުވެގެން
އިއްޒަތުން ފުރިގެންވާ އިއްޒަތްތެރި ޢާރިފެވެ. ކުރިންވެސް ރާއްޖެތެރޭ ރައްޔިތުން ކައިބޮއި އުޅުނީ ގަރުދިޔަބަތެވެ. ބަނބުލޭލާ ހިއްތަލެއެވެ. ކަށިކޭލާ ފަތްކޭލެވެ. ތުނިރޮއްޓާ ހުނި ރޮއްޓެވެ. ރިހާކުރާ ދިވެހި ހަކުރެވެ. މީ ރާއްޖެތެރޭ ރައްޔިތުން މީރުކެއުމަކަށް ބަލައި މިއަދުވެސް ކާކެއުމެވެ. ތިބޭފުޅުންނަށް ލަދަކަށްވެސް ވެދާނެއެވެ. ބަނގުރަލާ އޫރުމަސް ނޫންވީމައެވެ.
އަޅުގަނޑުމެން އުޅެމުން ދިޔަ ތަނަވަސް ދިރިއުޅުން ބަދަލުކޮށްލީ ތިޔަ ބޭފުޅުންނެވެ. ބޭފުޅުންނަށް އަޅުގަނޑުމެންގެ ތަނަވަސްކަން ފެނި ހަޖަމުނުވެގެން ނެވެ. މިއަދުވެސް އެފުރުސަތު ދޭށެވެ. އަޅުގަނޑުމެން އެނބުރި އެދިރިއުޅުމަށް ދާނަމެވެ. ނަމަވެސް އެގޮތް މިއަދުވެސް ތިޔަ ބޭފުޅުންނަކަށް ހަޖަމެއް ނުވާނެއެވެ. އަޅުގަނޑުމެން ތަނަވަސް ވާނެތީއެވެ. ފޯރާބަޔަކަށް ވާނެތީއެވެ.
އިއްޒައްތެރި އާރިފެވެ. ފަހަރުގައި އަޅުގަނޑުމެންގެ ކުރީގެ ދިރިއުޅުން ތިޔަ ބޭފުޅާގެ ބޮޑާކަމުން ނުއެނގި ދާނެއެވެ. ކޮންމެއަކަސް ކިޔައިދޭނަމެވެ.
އަޅުގަނޑުމެންގެ ވެރިންނަށް މުސާރަ ދިނީ ބާނާ މަހުން މިޒަމާނުގެ ބަހުންނަމަ ޓެކްސް ފައިސާ ދީގެންނެވެ. ތައްލީމުވެސް އެގޮތަށެވެ. އިގްތިސާދީ ހާލަތު ރަނގަޅެވެ. ކައިރީގައި އޮންނަ ފަޅު ރަށަކީ ވަގުފު ރަށެކެވެ. އާމްދަނީ ހޯދެއެވެ. އިތުރުވެސް ވެއެވެ. ވިޔަފާރި ކުރަނީ އޮޅުދޫކަރައަށް ސިދާ ރަށުން ގޮހެވެ. މާލެއަށް ބަރޯސާނުވެއެވެ. އެހެންކަމުން އޭރު އަޅުގަނޑުމެންނަކީ ތިޔަ ވިދާޅުވާ އިއްޒަތްތެރިން ކުޑަކަކޫ ޖަހާވަރުގެ މުއްސަދިންނެވެ. މިކަންވެސް ހަޖަމް ނުވީ ހަމަ ތިޔަ ބޭފުޅުންނަށެވެ.
އިއްޒަތްތެރި އާރިފެވެ. މިހިސާބުން ހަޖަމު ނުވެގެން ބޮޑު ކުޑަ މެދު ކުރިޔަށްލާ ކަތީބުންލީއެވެ. އަނގަޔާ އަތާ ދިމާނުވާވަރުގެ މުސާރަ ދިނީއެވެ. ނުވިތާކަށް ވަގުފު ރަށްގަނޑު އަތުލައި އޮޅުދޫ ދަތުރަށްވެސް ހުރަސް އެޅީއެވެ. މަޖުބޫރު ކޮށްގެން ތިޔަ ބޭފުޅުންގެ ފައިބުޑަށް ތިރި ކުރުވީއެވެ. މި ދިރިއުޅުން ބަދަލުވީ މި ހިސާބުންނެވެ.
އިއްޒަތްތެރި އާރިފެވެ. އިހު ހުރިގޮތަށް ޖެހިގެން އޮންނަ ރަށް ދޭށެވެ. އޮޅުދުއަށް ކުރިދަތުރު ކުރުމުގެ ފުރުސަތު ދޭށެވެ. އޭރުން އިއްޒަތްތެރި އާރިފުގެ ބަސްއަހައިގެން ކުރީގެ ދިރިއުޅުމަށް އެނބުރި ހިނގިދާނަމެވެ. ގަރުދިޔަބަތް ވެސްކައިފާނަމެވެ. އަދި ތިބޭފުޅުންނަށް އެއްވެސް އުނދަގުލެއްވެސް ނުކުރާނަމެވެ. އެއްވެސް އެއްޗެއްވެސް ދޭނެކަމެއް ނެތެވެ. ވަރަށް ސަލާމެވެ.