މުއިއްޒަށް ހިންގަންނޭގުމުން ޒިންމާވާންޖެހުނީ ގަވަރުނަރު!
ވީކްލީ ފިސްކަލް ރިޕޯޓުތައްވެސް ބޮޑު ފޮށީގެ އަޑިއަށް!
ސަރުކާރުގެ ހަރަދު ބޮޑު ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ސަރުކާރު ދަރަނިވެރިވިތާ ކިތަންމެ ދުވަހެކެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި މުވައްޒަފުންގެ މުސާރަ ކުޑަކުރެވޭތޯ ވެސް އުޅެވިއްޖެއެވެ. ވީ ކަމެއް ހަރާމެވެ. ދޮގު މައްޗަށް ދޮގު ހަދަމުންގޮސް އަވަދިވަނީއެވެ. މިއީ ދެފުށް ފެންނަ ސަރުކާރެއް ކަމަށް ދެއްކުމަށް ކޮންމެ ހަފްތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓު ނުވަތަ ހަފްތާގެ މާލީ ހިސާބު އާންމު ނުކުރާތާ 3 ހަފުތާ ވެއްޖެއެވެ.
މި ސަރުކާރުގެ މާލީ ހާލަތު ދަށްކަން އެއީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. ބޭކާރު ހަރަދުތައް އިންތިހާއެވެ. ގައުމުގެ މާލީ ހާލަތު މިހާރު އޮތް ހިސާބަށް ވެއްޓުނީ ދެމުންދިޔަ ނަސޭހަތްތަކަށާއި އިރުޝާދުތައް ސަރުކާރުން ބޮލާލައި ޖެހުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމްވެސް ވަނީ ވިދާޅުވެފައެވެ. މާލީ ހާލަތު ދަށްވުމުން މި ހުރިހާ ދުވަހު އައުޓް ކުރި އިންޑިއާވެސް ކުއްލިއަކަށް އިން ވެއްޖެއެވެ.
ކުޑަ އިރުއްސުރެ އަޑުއިވެމުންދިޔަ ވާހަކަ "އަޑު ނޭހުމުގެ ނަތީޖާ ހިތިވާނޭ" މި ސަރުކާރުގެ ވެރިންނަށް އަޑު އިވިފައި އޮތް ކަމަކަށް ނުބެލެވެއެވެ. ހަރަދު ކުރުމަށް އެމްއެމްއޭއާއި މާލީ އިދާރާތަކުން ދިން ލަފައަށް ބޯނުލެނބުމުން މާލީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އޮތް ކަމަށް އެންގުނު އަދަދެއްވެސް ނޭނގޭ ކަމަށް ގަވަރުނަރުވެސް ވަނީ ވިދާޅުވެފައެވެ. އަމިއްލައަށް ފޭހި އިލޮށި ހެރޭނީ އަމިއްލަ ލޮލަށޭ ބުނާ އަޑު އަހަމެވެ. ސަރުކާރުން ހަދާ ދޮގުތައް ފޮރުވަން ވީކްލީ ފިސްކަލް ރިޕޯޓް ނެރުންވެސް ހުއްޓާލީއެވެ.
ސަރުކާރުން ކުރާ އިސްރާފާއި ލިބޭ މިންވަރަށް ނުބަލާ ކުރާ ހަރަދުން އިގްތިސޯދު ފާލުން ނައްޓާލީމާ އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ކަމުން ރެކެވޭކަށް ނޯވެއެވެ. ހިނގަ ހިނގާ އޮންނަ ސަރުކާރަކާ ހަވަލުވާއިރު އަރަންޏާ ދަރަނި އޮންނާނެކަން އެގެންވާނެއެވެ. ހުއްޓާނުލާ ދަރނީގެ ވާހަކަ ދައްކާއިރު ހުރިހާ ދަރަންޏަކީ އެއްފަހަރާ ދައްކާ ހަލާސް ކުރަން ޖެހިގެން އުޅެ އެއްޗެއް ހެންނެވެ. ކަނޑައެޅިފައި އޮންނަގޮތަށް ގަވައިދުން ދަރަނި އަދާކުރަމުން ދަންޏާ ދަރަނީގެ ބުރައަކީ ބުރައަކަށް ނުވާނެއެވެ. ދައްކަންޖެހޭ ދަރަނި މެނޭޖުކުރުމަށް ކުރަންޖެހޭ ކަމަކީ ހަރަދު ކުޑަކޮށް އިސްރާފު ނައްތާލުމެވެ. އޭރަކުން ދަރަނި އަދަކުރަން ދަރަނި ނެގުމަކީވެސް މައްސަލައަކަށް ނުވާނެއެވެ. ދަރަނި ނަގައިގެން ފަށާފައި ހުންނަ އިގްތިސޯދަށް މަންފާހުރި ކަންކަން ހުއްޓާނުލާ ކުރިއަށް ގެންގޮސް ނިންމުމަކީވެސް މުހިންމު ކަމެކެވެ.
ރަށްރަށުގެ ބަނދަރުތައް ހެދި ކަރަންޓާއި ފެނުގެ ނިޒާމް ވަރުގަދަ ކުރެވުމުން ކޮންމެ ރަށަކީވެސް އިްތިސާދަށް ފައިސާ ވައްދަދޭ އިންޖީނަކަށް ބަދަލުވާނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ކުރެވެން އޮތް އިގްތިސާދީ މަސައްކަތެއް ފެށޭނެއެވެ. ވަޑާންގެތަކާއި ވޯކްޝޮޕްތައް ހިގައިގަންނާނެއެވެ. މަސްކައްކާ މަސްހިއްކާ މަސްވިއްކާ ހަދަން ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ކުރިއަރާދާނެއެވެ. މީސްމަދު ބިންއޮތް ރަށްރަށުގައި އިގްތިސާދީ މަސައްކަތްތައް ފެށި ރަށުތޮށިން ބޭރަށް ރަށްރަށުގެ އިގްތިސާދީ ހަރަކަތް ނިކުމެ ހިނގައިގަންނާނެއެވެ. އެއްރަށުން ލިބެންނެތް ހިދުމަތް އަނެއް ރަށުން ހޯދަން މީހުންގަނޑު ފެތުރިގަންނާނެއެވެ. ކުރީ ސަރުކާރުން ރަށްރަށުގައި ޒަމާނީ ފެންވަރަށް ކަރަންޓާ ފެނުގެ ހިދުމަތްދީ ބަނދަރުތައް ހަދާ އާރުޓީއެލްގެ މަސައްކަތްކުރީ އެވިސްނުމުގައެވެ. އޭރުން ރަށުގައި ތިބެ ކުރާނެ މަސައްކަތް ލިބި މީހުން ފޯރުންތެރިވެ ދައުލަތަށް ފައިސާ ވަންނާނެއެވެ.
ވެރިކަން ލިބުމުން ކަންކަން ކުރަންނޭނގި މަސް ނުބޭވުނީމާ ކަނޑު ނުބައިކުރާ ގޮތަށް މަނިޓަރީ ގަވަރުނަރު ބަދަލު ކުރުމަކުން އިގްތިސޯދު އެޅުވޭނެ ހަމައެއް ނުއޮންނަނާނެއެވެ. ގަވަރުނަރު އޮތީ އޭނާގެ ޒިންމާ ފުރިހަމައަށް އަދާކޮށްފައެވެ. ސަރުކާރުން ބަސް ނޭހުމުގެ އަދަބު ދޭންޖެހޭނީ ގަވަރުނަރަކަށް ނޫނެވެ.