އައްޑޫގެ ތަރއްގީއަށް ނަޝީދަކަށް ދެން ހުރަހެއްނޭޅޭނެ
އައްޑޫއަށް ބިން އިތުރު ކުރުމާ ރައީސް ނަޝީދު ދެކޮޅު
އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ ރައީސް ނަޝީދުގެ މުނާފިގުކަން ބޮޑުކަމުންނެވެ. އެމްޑީޕީގެ ރައީސްކަމުގައި ހުރެގެން އައްޑޫގެ ތަރައްގީއަށް އެޅެން އޮތް ހުރަހެއް ދިޔައީ އަޅަމުންނެވެ. އައްޑޫ ބާރުވެރި ވިޔަ ނުދިނުމަށް ހީލަތްތެރި ކަމާއެކު ރައީސް ނަޝީދު މަސައްކަތް ކުރަމުން ދިޔައީ އައްޑޫއަށް އެންމެ ހެޔޮ އެދޭ މީހާގެ ސިފަ ދައްކައިގެން ހުރެއެވެ.
ރައީސް ނަޝީދަކީ މާލެއާއި ރާއްޖެތެރޭގެ ތަފާތު ކުރުން އެންމެ ބޮޑު މީހާއެވެ. ރާއްޖޭން މުޅިން ނެތިގޮސްފައިވާ ބޭފުޅިޒަމާއި ރަސްވަންތަކަން އެ އެންމެ ބޮޑަށް ކަށީގައި ހިފާފައި ހުރި މީހަކީ ރައީސް ނަޝީދެވެ.
ވިލިނގިއްޔާއި ހެރެތެރެ އާއި ހަންކެޑެ ރަނގަޅަށް ހިނގައިގަތަ ނުދޭން އޭނާ ކުރިހާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އައްޑޫ ބިން ހިއްކާ ރިސޯޓް ހޮޓާ ހަދަން އިތުރު ފުރުސަތު ސަރުކާރުން ހޯދާ ދިނުމުގެ މަސައްކަތް ފެށުމުން ދައްކަން ފެށި ވާހަކަ ނިކަން ދެކެބަލާށެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ނުވެ އުޅެނީ ރަށް ނެތިގެން ނޫން ކަމަށް ބުނެ އައްޑޫއަށް ބިން އިތުރު ކުރުމާ ދެކޮޅަށް ފިތުނަވެރި ވާހަކަ މިހާރު ދައްކަން ފެށީއެވެ. ރައީސް ނަޝީދަށް ވެގެން އައްޑޫ ބިން ހިއްކާ އައްޑޫ ރައްޔިތުން ބާރުވެރި ވިޔަކަ ނުދޭނެއެވެ.
ރައީސް ނަޝީދު އައްޑޫ ރައްޔިތުންނަށް ދެނީ ދޯކާއެވެ. ކުރީގެ ރައީސް ނަޝީދުގެ އޮފީހެއް ވެސް އައްޑޫގައި ހުޅުވި ނޫން ހެއްޔެވެ. އެ އޮފީހަކުން އައްޑޫ ރައްޔިތުންގެ ތަރައްގީއަށް ކުރިކަމެއް ނެތެވެ. އައްޑޫ ރައްޔިތުންގެ ތަކުލީފު ތަކަށް ހޯދާދިން ލުޔެއް ނެތެވެ. ލޯމައްޗަށް ފެންނަ ގޮތަށް ނަންބޯޑެއް ބެހެއްޓުން ނޫނީ އެ އޮފީހަކުން ކުރީ ކީއްޔެވެ. ކަމެއް ނުކުރެއެވެ.
އައްޑޫއަށް ނިސްބަތް ވިހާ ސިޔާސީ ވެރިންގެ އަބުރު ނަގާލާ ދައުލަތުގެ އިސް މަގާމަކަށް އައްޑޫގެ ތައުލީމީ މީހަކު އަޔަނުދީ އެ އެންމެންގެ ދުވަސް ސިޔާސީ ގޮތުން ދުއްވާލީ ރައީސް ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ނަމެއްގައި ކަމެއްކޮށް ސިޔާސީ ގޮތުން ވޯޓު ހޯދުމުގެ އައްޑާއަކަށް އައްޑޫ ބަދަލުކޮށްގެން ތުނބުން ވެއްޓޭ ބަތްފުށް ކާން އައްޑޫ ރައްޔިތުންނަށް ޖެއްސި މީހަކީ ރައީސް ނަޝީދެވެ.
ސަރުކާރުގެ އިހްލާސްތެރި މަސައްކަތް އައްޑޫގެ ފަތުރުވެރިކަމަށް ނެތްކަމަށް ބުނަން އެންމެ ތާހިރީ ރައީސް ނަޝީދެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރެއްގައި އެމްޑީޕީގެ ރައީސަށް ނުދޭ އިމްތިޔާޒެއް އިނާޔަތެއް އިހުތިޔާރެއް އެހެން މީހަކަށް ދީފައެއް ނެތެވެ. އެމްޑީޕީގެ ރައީސް ނަޝީދު ބޭނުންވިހާ ކަމެއް މިސަރުކާރުން ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އަތްގުޅި ނުކާ އިނާޔަތާއި އެންމެ މަތީ ފެންވަރުގެ ރައްކާތެރި ކަމެވެ. ބޭނުން ވީހާ ބަޔަކަށް ސިޔާސީ ވަޒީފާއެވެ. އެކަމަކު ބާރުވެރި ސިޔާސީ މަގާމް ގަޑެއްވެސް ރައީސް ނަޝީދު އައްޑޫ މަދު މީހަކަށް ނޫނީ ހޯދާ ދީފައި ނުވެއެވެ. އެމްޑީޕީގެ ނައިބު ރައީސްކަން އައްޑޫ މީހަކަށް ލިބުނަ ނުދިނީ ވެސް ރައީސް ނަޝީދެވެ. މަޖިލިސްގެ ރައީސް ކަން ހޯދަން ވެސް ގުރުބާން ކުރީ އައްޑޫގެ އެ ލޮބުވެތި ދަރިއެވެ.
ސަރުކާރުގައި ރައީސް ނަޝީދުގެ ބާރު އޮތްހާ ދުވަހަކު އައްޑޫގައި ކަންކަން ކުރިޔަ ނުދޭން ބޮޑެތި ހުރަސްތައް ކުރިމަތި ކުރިއެވެ. ރައީސް ނަޝީދުގެ ބާރު ވެރިކަން ސަރުކާރުން ކެނޑުމާއެކު އައްޑުއަށް ކަންކަން ކޮށްދޭތަން އެބަ ފެނޭ ނޫން ހެއްޔެވެ. ދެން ރައީސް ނަޝީދަކަށް އައްޑޫގެ ތަރައްގީއެއް ނުހުއްޓުވޭނެއެވެ. ރައީސް ނަޝީދު އައްޑޫ ރައްޔިތުން ގަން ހިންގަން އުޅުނު ދުވަސް ހިގައްޖެއެވެ. ސަރުކާރުން އާވިސްނުމާއެކު ހިންގަން އުޅެނީ އައްޑޫ ސިޓީ ގަމެވެ. ހެރެތެރެއެވެ. ވިލިގިއްޔެވެ. ހަންކެޑެއެވެ. މުޅި އައްޑޫ ސިޓީއެވެ. ރައީސް ސޯލިހު އުޅުއްވަނީ އައްޑޫ ރައްޔިތުން ގަން ހިންގާކަށް ނޫނެވެ.
ރައީސް މިހާރު އެ ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާފައެވެ. ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫއާއި މަރަދޫ އާއި މަރަދޫ - ފޭދޫ ގެ އިތުރުން ހުޅުމީދޫއެވެ. ހިތަދޫ 90 ހެކްޓަރާއި މަރަދޫ އާއި މަރަދޫފޭދޫން 76 ހެކްޓަރު ހިއްކާނެއެވެ. ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އައްޑޫ ސިޓީގެ ރަށްރަށުގެ ފަޅުތައް ހިއްކައިގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ވެސް ހިއްކާނެއެވެ. ބަޖެޓް ކުރެވި ބަޔަކާ ހަވާލުކޮށް މަސައްކަތް އެ އޮތީ ފެށިފައެވެ. ދެން ނުހުއްޓުވޭނެއެވެ.