ކައުންސިލްތައް ވިހާމަރުވާ ބަލަހައްޓާ ކުޑައޮފީހެއްގެ ސައިޒަށް ތިރިކޮށްފި: ޝާހިދު

ކައުންސިލްތައް ވިހާމަރުވާ ބަލަހައްޓާ ކުޑައޮފީހެއްގެ ސައިޒަށް ތިރިކޮށްފި: ޝާހިދު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ދަރިއެއް ނޫންކަމަށް ހެދޭނެ އެއްގޮތެއްވެސް ނުއޮންނެ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެކަމުގެ އެންމެ އަލިގަދަ ހެއްކަކީ ޕީޕީއެމް-ޕީއެންސީގެ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ވިސްނުމާއި ސިޔާސަތު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ދިރުވައި، އެ ނިޒާމުގެ ފޮނިމީރުކަން ދިވެހިންނަށް ހޯދައިދެވޭނީ، އަދި އެވިސްނުން ނެރެވޭނީވެސް އެމްޑީޕީއަށްކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެމްޑީޕީއިން ކުރާ މަސައްކަތް ޕީޕީއެމް-ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އެފުށް މިފުށަށް ޖަހާލާކަމަށް ވެސް އެ މަނިކުފާނުވިދާޅުވިއެވެ.

އެމްޑީޕީ ރައީސް ވިދާޅުވާ ގޮތުގައި އަނެއްކާވެސް މިހާރު މިފެންނަނީ ކައުންސިލްތައް ވިހާމަރުވާ ބަލަހައްޓާ ކުޑަ އޮފީހެއްގެ ސައިޒަށް ތިރިކޮށްލި އެމަންޒަރު ކަމަށެވެ. 

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާ ދެކޮޅަށް އެމްޑީޕީ ހުއްޓާނުލާ ދަނީ އަޑު އުފުލަމުންނެވެ. ކައުންސިލްތަކުގެ ބާރު ކެނޑޭގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަންފީޒު ނުކުރެއްވުމަށްވެސް އެމްޑީޕީ ރައީސް މުއިއްޒަށް ވަނީ ގޮވާ ލާފައެވެ.