ޒަމީރާއި ގައްސާނު ލައްވާ މުއިއްޒު ބޮލާފޮށާ އަޅުވައިފި!

އިންޑީޔާ އާއި ރާއްޖޭގެ ގުޅުން ގުރުބާން ކޮށްގެން ވެސް އޭރު ބޭނުންވީ ވެރިކަން

ޒަމީރާއި ގައްސާނު ލައްވާ މުއިއްޒު ބޮލާފޮށާ އަޅުވައިފި!

ހާސްހާހުން ރާއްޖޭގައި ތިބިކަމަށް ޑރ މުއިއްޒު ބުނި އިންޑިޔާ ސިފައިން ބިންފަޅާ އަޑިއަށް ދިޔައީހެއްޔެވެ. އެމީހުން ކަނޑުވެ ގަރަގުވީ ހެއްޔެވެ. ނޫނީ ވަޔަށް ވެގެން ޖައްވައް އަރާ ހުސްވީހެއްޔެވެ. ހަނިމާދޫއާއި ކައްދޫއާއި އައްޑޫގައި އެތަންތާނގެ ރައްޔިތުންނަށް ވުރެ ގިނައިން އިންޑިއާ ސިފައިން ތިބެގެން ރޭނިދި ނުދިގެން އުޅުނު މުއިއްޒާއި ގައްސާނުމެނަށް މިވީ ކިހިނެއް ހެއްޔެވެ. 

އައްޑޫގައި ހެދި ޕޮލިސް އެކަޑަމީއަކީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމަށް ހަދައިގެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނީވެސް މުއިއްޒުގެ ބައިގަނޑެވެ. މަޑުވި ގޮތަކަށް އެއަޑު މަޑުވެ އެއީ ނުވާކަމަކަށް ހެދީވެސް އެބައިގަނޑެވެ.   

އުތުރު ތިލަފަޅުގައި އިންޑިއާއިން ހެދި އަސްކަރީ ބޭސް ޖާދޫގަރަކު ގެއްލުވާލީ ހެއްޔެވެ. ހަނިމާދުއާއި ކައްދުއާއި ގަމުގައި ބަނޑަހަ ޖަހައިގެން ތިބިހާ އިންޑިޔާ ސިފައިންނަށް މިވީ ކިހިނެއް ހެއްޔެވެ. އެތައް ހާސް ސިފައިން ފޮނުވައިގެން ރާއްޖެ އަޅުވެތިކުރަން އިންޑިއާއިން ކުރިހާ މަސައްކަތް ތޮޅިއަށް ދިޔައީ ހެއްޔެވެ. 

ސެނެހިޔާގައި ޔުނީފޯމް އެޅި އިންޑިއާ ސިފައިން އުޅޭތީ ދެފައިކައިރި ނުވެގެން އުޅުނު ބައިގަޑަށް އެކަން އޯކޭވީ ކިހިނެއް ހެއްޔެވެ. ސެނެހިޔާގައި އިންޑިޔާ ސިފައިން ތިއްބަސް ގައުމީ ސަލާމަތަކަށް ނުރައްކަލެއް މިހާރަކު ނެތޯލައެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ހަތިޔާރު އެޅި އިންޑިޔާ ސިފައިންގެ އެކަކުވެސް ރާއްޖޭގައި ނެތް ވާހަކަ ކުރީގެ ސަރުކާރުން ނުބުނޭ ހެއްޔެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ އޮޕަރޭޝަންގައި ތިބި 77 އިންޑިއާ ސިފައިން ނޫން ބަޔަކަށް ތިބީ ސެނެހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ހައެއްކަ މީހުންނެކޭ ރައީސް ސޯލިހު ސަރުކާރަކުން ނުބުނޭ ހެއްޔެވެ. އެދުވަހު ކަންފަތް ހުރީ ބައްވެފަހެއްޔެވެ.

ސިފައިން ތަކެއް ބައިތިއްބައިގެން އިންޑިޔައިން ރާއްޖެއަށް އަތްގަދަ ކުރަން ނޫޅޭކަން މޫސާ ޒަމީރަށް އެނގުނީ އަދި ކިރިޔާ ހެއްޔެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ކުރިން ތިބެވުނީ ލޮލަށް މިރުސް އެޅިފައި ދޮތައެވެ. އިންޑީޔާ އާއި ރާއްޖޭގެ ގުޅުން ގުރުބާން ކޮށްގެން ވެސް އޭރު ބޭނުންވީ ވެރިކަމަށް ވީމާ ވާނީ އެހެންތާއެވެ. ވެރިކަމަށް އައިސް ބަލާލިއިރު އިންޑިޔާ އާއި ނުލާ ވެރިކަން ކުރެވެން ނެތްކަން އިހުސާސްވެ ފައިބުޑަށް ވެއްޓި ގެރިގޮރު ވިޔަސް ބޯންޖެހޭ ހިސާބަށް ދިޔައިމާ ކުރާނެ ކަމެއް ނުއޮންނާނެތާއެވެ. އެންމެފަހުން ހެދިހާ ދޮގުތައް އަމިއްލައަށް ހާމަކޮށް ރީތި ބަރަހަނާއަކުން ބަރަހަނާވެ ނިމެނީއެވެ.

ކުރިންވެސް ރާއްޖޭގައި ތިބީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބޭނުންކުރާ ވައިގެ ތިން އުޅަނދު ހިންގާ ބެލެހެއްޓުމަށް ކޮންމެހެން ތިބެންޖެހިގެން ތިބި 77 މީހުންކަން އޭރަކު މުއިއްޒުގެ ބައިގަނޑަކަށް ގަބޫލެއް ނުކުރެވުނެވެ. ގަބޫލު ކުރާކަށް ބޭނުމެއް ވެސް ނުވިއެވެ. އެކަމަކު ކުރިންވެސް އެކަންކުރީ ރަނގަޅަށް ކަމަށް ބުނަން މިހާރު މަޖުބޫރެވެ. އެންމެފަހުން އިންޑިޔާއިން ޒަމިރާއި ގައްސާނު ލައްވާ ނިކަން ރަނގަޅަށް މުއިއްޒު ބޮލަފޮށާ އެޅުވީއެވެ.