ވަތްކަޑާލަން އުޅުނު އިންޑިއާ އުނގަށް މުއިއްޒު ވެއްޓެނީ؟
އިންޑިއާއިން ޖަހާލި ފިލިމަހުގެ ވަސްކޮޅު މުއިއްޒަށް ވެއްޖެ!
ޑރ. މުއިއްޒަށް ދެއްކޭ ނުދެއްކޭ ވާހަކަ އެބަ އެނގޭ ހެއްޔެވެ. ސީނު ކަރަޔަށް ބޮޑު ފައުޖެއް ގޮވައިގެން ގޮސް ބޮޑުފާރު ފޮތުގައި އިނގިރޭސި ބަހުން ނުބައިކޮށް ލިޔުނުހެން މުއިއްޒު ކުރާ ކޮންމެ ކަމެއް އޮންނަނީ ފަހުން އިސްލާހު ކުރަން ޖެހިފައެވެ. އުނބަށް ޖަހަން ޖެހިފައެވެ. އުނބަށް ޖަހަން ނުޖެހޭ ވަކިކަމެއް މުއިއްޒަށް އެބަކުރެވޭ ހެއްޔެވެ.
ވެރިކަމަށް އަރާގޮތަށް ދޫކޮށްލަން ބުނި ޔާމީނު އެހުރީ ބަންދުގައެވެ. މުއިއްޒަށް ވެގެން ވިއްޔާ ޔާމީނު ދުލެއް ނުކުރާނެއެވެ. ވެރިކަމަށް އަރާގޮތަށް ބާލަން ބުނި އިންޑިއާ ސިފައިންގެ ބޭލުނީ ޔުނީފޯމެވެ. ފޮނުވާލަން ބުނި ޑޯނިއަރ ބޯޓާއި ހެލްކޮޕްޓަރުތައް ޖެހުނީ ބޭނުން ކުރަން ބަހައްޓާށެވެ. ގެއްލުނު ކަނޑު ކަންތައްވެސް ގޮސް ނިމެނީ އޮތްބަޅަށެވެ.
ވަޒީފާއިން ވަކި ނުކުރާން ބުނި މުއައްޒަފުން ކަނޑަނީ ފަތުއަޑު ކިޔާފައެވެ. ސިފައިންނާއި ފުލުހުންނަށް ބޮޑުކުރަން ބުނި މުސާރަ އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. މަދު ކުރަން ބުނި ސިޔާސީ މަގާމުތައް ގިނަވެ އިށީންނާނެ ގޮނޑިމޭޒެއް ނެތެވެ. ރަށްރަށުގައި ފަށައިގެން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނުހުއްޓާ ކުރިއަށް ގެންދަން ވައުދުވެ އެކަންކަން ނުކޮށް ކުރަން އުޅެނީ ވުޖޫދުގައި ނެތް ބަޖެޓްގައިނެތް ކަންކަމެވެ.
އެވާހަކަ ބާއްވާފައި ކޮންފްރަންޓޭޝަނަށް ދާން ނޫޅޭ ވާހަކަ ދައްކަމާހެއްޔެވެ. ވެރިކަމަށް އެރީ އިންޑިއާ އައުޓް ކުރާށެވެ. ހާހުން ދެހާހުން އިންޑިއާ ސިފައިން ތިބެގެން އެމީހުން ބާލާށެވެ. ވެރިކަމަށް އައީ ކުރީގެ ވެރިންނަށް އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް ދެވެނީ އިންޑިއާއިން ހުއްދަ ލިބިގެން ކަމަށް ބުނެ އެކަން ހުއްޓުވާށެވެ. ދާހިލީ ކަންކަމުގެ ތެރެއަށް އިންޑީއާ ހަންފަތުރާފައި އޮވެގެން އެކަން ނިމުމަކަށް ގެންނާށެވެ.
ވެރިކަމުގައި ތުރުކީއަށް ދަތުރެއް ކޮށްލެވުމުން ހީވީ އެހެން ކަމެއް ހެންނެވެ. ރާއްޖެއަށް ކޮއްތު ދަރާ ބޯފެން ދޭނެ ބަޔަކީ ތުރުކީ ކަމަށް ހީވެ އެހެން ބަޔަކު ނެތަސް ހެޔޮވެ ފާޅުގައި އިންޑިއާ ރައްޔިތުންނާ ވެރިންނަށް ފުރައްސާރަ ކުރަން ނުކުތީއެވެ. ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުރިއިރު ހޭހަންކޮށް ހަންޑިހައްލަން ގެންގުޅުނު ކުދިން ކޮޅަށް ޑެޕިއުޓީ މިނިސްޓަރުކަން ދީގެން އެ މީހުންގެ މަސައްކަތަކަށް ހެއްދީ މީސްމީޑިއާގައި އިންޑިއާއަށް ފުރައްސަރާ ކުރުމެވެ.
ޗައިނާއަށް ދަތުރެއް ކުރެވި ގޮތް ނޭނގޭ އަޑިނޭނގޭ އެއްބަސްވުން ތަކެއްގައި ސޮއިކޮށް އެހީގެ ގޮތުގައި ޑޮލަރު ކޮޅެއް ދޭން ބުނުމުން މުއިއްޒުގެ ދުނިޔެ ރަންވިއެވެ. ޗައިނާއިން އައިގޮތަށް އައިސް މާލެވެސް ނާރާ ވަށިވަށިން އިންޑިއާއަށް ދިނެވެ. އިންޑިއާއިން ބްލީ ކުރަނީ ކަމަށާއި ބެކްވާޑްގައި ބާއްވައިގެން އުޅޭކަމުގެ ތުހުމަތުކޮށް ސައިޒު އޮޅެގެން ޗެލެންޖު ކުރީ މުއިއްޒެވެ. މުއިއްޒު ކޮންފްރަންޓޭޝަނަކަށް ދާކަށް ނޫޅެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހުރި އައިޖީއެމްއެޗް ގެ ބަދަލުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލަށް ހަދަން ނީންމީ މުއިއްޒެވެ. މިވަރުގެ ކުދިކުދި ކަންކަން މުއިއްޒު އިންޑިއާ އާއި ދެކޮޅަށް ކުރިއެވެ. ޒަމާނުއްސުރެ ދިވެހިން ބޭސް ފަރުވާއަށް ދިޔަ އިންޑިއާގެ ބަދަލުގައި ބެންކޮކާއި ޑުބާއީއަށް ފޮނުވަން ނިންމީ މުއިއްޒެވެ. އިންޑިއަށް ނުފޮނުވާން އެއަރ އެމްބިއުލާންސްގެ ހިދުމަތް ލަންކާއާއިއެކު ގާއިމުކުރަނީ މުއިއްޒެވެ. ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ހޯދި އެހީތެރިކަން ނިމުމަކަށް ގެނެސް ތުރުކީން ޑްރޯން ގެނެސްގެން ސަރަހައްދު ބަލަހައްޓަން ނިންމީ މުއިއްޒެވެ. ކަނޑު ދިރާސާ ކުރުން އިންޑިއާ އަތުން އަތުލާ އެމަސައްކަތް ޗައިނާއާ ހަވާލުކުރީ މުއިއްޒެވެ. ކޮންފްރޮންޓޭޝަނަކަށް ދާކަށް މުއިއްޒު ނޫޅޭ ނޫންހެއްޔެވެ.
ބުނެވި ދިޔަ ހުރިހާ ސަކަރާތެއް ޖެހިފަހުން މުއިއްޒު ދައްކާ ވާހަކައިގެ ރާގު ބަދަލުވާން ފަށައިފިއެވެ. އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްދޯނި ފަހަރަށް ހަތިޔަރާއެކު އެރުމުން ސިޔާދަތާއި މިނިވަންކަމުގެ ފަލަ ރަތް ރޮގުގެ ވެރިޔާ މުއިއްޒަށް ޗުއްޕުވެސް ނުބުނެވުނެވެ. ނަން ނެގޯޝިބަލް އިންޑިއާ އައުޓް ނެގޯޝިބަލް ކަމަކަށް ހަދާ ސިއްކަޖަހާ ރެސްކިއު އޮޕަރޭޝަންތަކުގައި އިންޑިއާ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރުތައް ބޭނުން ކުރުން އޯކޭވެ ޔުނީފޯމާ ނުލާ އިންޑިއާ ސިފައިން މަދަނީންގެ ގޮތުގައި ތިބުން ހަލާލު ވެއްޖެއެވެ. ޔާމީނުގެ ހަރާން ހުކުން ހަލާލު ވީގޮތަށެވެ.
މިހާރު އަޑަށް ބާރުލާފައި އެއްވެސް ބަޔަކާ ކުރިމަތިލުމަކަށް ދާން ނޫޅޭ ކަމަށް މުއިއްޒު އެ ބުނަނީ ކީއްވެކަން ވިސްނާ ބަޔަކަށް އެނގޭނެއެވެ. އިންޑިއާއިން ޖަހާލި ފިލިމަހުގެ ވަސްކޮޅު މުއިއްޒަށް ވީއެވެ. އިންޑިއާގެ ބަޖެޓުގައި އެހީ ގޮތުގައި ރާއްޖެއަށް ދޭން ނިންމަފައިވާ ފައިސާ ގަނޑުގެ ދަހިވެތި ކަމުގައި އަނގަކާން ފެށީއެވެ. އަދިއެއް ދިނީއެއް ނޫނެވެ. އެކަމަކު މުއިއްޒު އެ ލާރިގަނޑަށް ފަރިކޮށްގެން އިންޑިއާ އާއި ވަތްކަޑާލަން އުޅުނު އުޅުންވެސް އުނބަށް ޖަހަނީއެވެ.