ސީސީން އަރައިނުގަނެވިގެން މުއިއްޒު ނުފިލާފާނެބާ!

ސީސީން އަރައިނުގަނެވިގެން މުއިއްޒު ނުފިލާފާނެބާ!

ރާއްޖޭގެ ރޭންކިން ދަށްވާ ވާހަކަ މިހާރު ނުދައްކާ ކަމަށް ދާދިފަހުން އިގުތިސޯދީ ވަޒީރު ސައީދުވެސް ބުންޏެވެ. ރާއްޖޭގެ ޜޭންކިން ސީސީގައި އޮތުމަކީ ބޮޑު މޮޅެއް ކަމަށް ދައްކަން މުއިއްޒު ސަރުކާރުން ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު މުއިއްޒު ވެރިކަމަށް އެރީއްސުރެ ރާއްޖޭގެ ރޭޓިން އެންމެ ފުކެއްވެސް މައްޗަކަށް ޖެހިނުލައެވެ.

2022 އާއި 2023 ގައިހުރި " ބީ ނެގެޓިވް"ގައި ހުރި ފިޗް ރޭޓިންގ 2024ގައި "ސީސީސީ ޕްލަސް" އަށް ވެއްޓި ގިނަ ދުވަސްތަކެއް ނުވެ ހަމަ އެ އަހަރު ފިޗް ރޭޓިންގ "ސީސީ" އަށް ދަށްވިއެވެ. މި އަހަރުވެސް ރޭޓިން އެއޮތީ "ސީސީ" ގައި ހިފެހެއްޓިފައެވެ. ސީސީއަކީ ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތުގައި ގައުމު އޮތުމެވެ.

ކޮވިޑް19ގެ އާލަމީ ވަބާއަށް ފަހު ދުނިޔެ ހުޅުވެ ހިނގައިގެން ފަހުން ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އޮތީ B- ގައެވެ. މާނައަކީ މެޓީރިއަލް ޑިފޯލްޓްގެ ބިރު އެބައޮތް ނަމަވެސް ސަލާމަތްތެރިކަމުގައި ދެމިއޮތުމުގެ ފުރުސަތު އޮތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކުމުގެ ގާބިލްކަން ވިޔަފާރި އާއި އިގުތިސޯދީ މާހައުލު ދަށްވެ ނާޒުކު ނަމަވެސް އުންމީދު އޮތެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް އެރުމާއެކު ވީނުވީއެއް ނޭނގި 2024 ގައި ރާއްޖޭގެ ރޭޓިންގ "ސީސީސީ+" އަށް ދަށްވެގެން ދިޔައެވެ. ހަމަ އެއަހަރު " ސީސީ" އަށް ރޭޓިންގ ވެއްޓުނެވެ. ނަސީބަކުން އެއަށްވުރެ ތިރިއަށް ނުވެއްޓި "ސީސީ" ގައި އޮތީ ހިފެހެއްޓިފައެވެ.

މުއިއްޒު ވެރިކަމުގައި ދައުލަތުގެ އާމްދަނީ ވަނީ އިތުރެވެ. ބޭރުފައިސާ ލިބޭ މިންވަރުވެސް ވީއިތުރެވެ. ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތުން މައްޗަށް ވިންދެއްވެސް މުއިއްޒަކަށް ޖައްސައެއް ނުލެވެއެވެ. އެންމެ ކަންބޮޑުވަނީ "ސިސީ"ގައި އޮތް ފިޗު ރޭޓިންގައި ހިފެހެއްޓިގެން ސަރުކާރުން ފަހުރުވެރި ވާތީއެވެ. 

ރޭޓިންގގެ ވާހަކަ ދައްކާއިރު ރޭޓިންގއަކީ ކޮބައިކަން ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް އެގުމަކީ ބޭނުންތެރި ކަމެކެވެ. އެހެންކަމުން ހުލާސާ ގޮތަކަށް ފިޗުން ރޭޓްކުރާ ގޮތަށް ބަލައިލާނަމެވެ. 

  • AAA އެންމެ މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ބިރު އެންމެ ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ އާދަޔާ ހިލާފު ގާބިލިއްޔަތު ކަމެއް ލިބިގެންވުން.
  • AA ވަރަށް މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ފުރުސަތު ވަރަށް ދަށް މާލީ އިލްތިޒާމްތައް އަދާކުރުމުގެ ވަރަށް ވަރުގަދަ ގާބިލިއްޔަތުކަމެއް ލިބިފައިވުން
  • A މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ބިރު ނެތި އުންމީދާއެކު މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލިއްޔަތު ވަރުގަދަ ކަމަށް ބެލެވޭ ނަމަވެސް ކުރެވޭ ނޭދެވޭ ކަމަކުން އިގުތިސޯދީ ހާލަތު ނާޒުކުވުމުގެ ފުރުސަތު އޮތުން
  • BBB ރަނގަޅު ފެންވަރު: ޑިފޯލްޓްވުމުގެ ބިރު ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލްކަން އެކަށީގެންވާ ކަމަށް ބެލެވޭ ނަމަވެސް ނޭދެވޭ ވިޔަފާރި ނުވަތަ އިގްތިސޯދީ ހާލަތްތަކުން ހުރި ގާބިލުކަމަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވުން
  • BB އާދައިގެ ފެންވަރަކަށް ސްޕެކިއުލޭޓް: ޑިފޯލްޓްވުމުގެ ބިރު ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލްކަން އެކަށީގެންވާ ކަމަށް ބެލެވޭ ނަމަވެސް ނޭދެވޭ ވިޔަފާރި ނުވަތަ އިގްތިސޯދީ ހާލަތްތަކުން ހުރި ގާބިލުކަމަށް ވަރަށް ބޮޑަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވުން
  • B ވަރަށް ބޮޑަށް ސްޕެކިއުލޭޓިވް: މެޓީރިއަލް ޑިފޯލްޓްގެ ބިރު އެބައޮތް ނަމަވެސް ސަލާމަތްތެރިކަމުގައި ދެމިއޮތުމުގެ ފުރުސަތު އޮތަސް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކުމުގެ ގާބިލްކަން ވިޔަފާރި އާއި އިގުތިސޯދީ މާހައުލު ދަށްވެ ނާޒުކުވުން
  • CCC ފާހަގަކުރެވޭ ވަރުގެ ކްރެޑިޓް ރިސްކް: ޑިފޯލްޓްވުމުގެ ހަގީގީ އިހުތިމާލް އޮތުން.
  • CC ވަރަށް މަތީ ފެންވަރެއްގެ ކްރެޑިޓް ރިސްކް: ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތު
  • C ޑިފޯލްޓްވުމާ ކައިރި: ޑިފޯލްޓް ނުވަތަ ޑިފޯލްޓްއާ އެއްފަދަ ޕްރޮސެސްއެއް ފެށި ފައިސާ ދެއްކުމުގެ ގާބިލުކަން އަނބުރާ ނުގެނެވޭ ވަރަށް ގެއްލިފައި އޮތުން
  • RD މަހުދޫދު ޑިފޯލްޓް: ފައިސާ ދެއްކުމުގައި ޑިފޯލްޓްވެފައިވީ ނަމަވެސް ބަނގުރޫޓުވުމުގެ ހުރިހާ ސިފަތައް ފުރިހަމަނުވާތީ ނުހުއްޓި ހިނގަމުން ދާތީ ރަސްމީކޮށް ބެންކްރަޕްސީ އިއުލާނު ނުކޮށް ކިރިޔަކިރިޔާ ހިފެހެއްޓޭ ހާލަތު 
  • D ޑިފޯލްޓް: ވިޔަފާރި ހުއްޓާލައި، ބަނގުރޫޓުވުމުގެ ހުރިހާ ސިފަތަކެއް ފުރިހަމަވެ ރަސްމީކޮށް ބެންކްރަޕްސީ އިއުލާނު ކުރަން ޖެހުން 

ރޭންކިންގ ދަރަޖަ + ، - އިތުރުވަނީ އަނެއް ހާލަތަކަށް ބަދަލުވުމަށް ބޮޑަށް ފުރުސަތު އޮތް މިންވަރަކަށެވެ. ރޭޓިންގ ވަޒަންކޮށްލުމުން ޕްލަސް މައިނަސްވާ ހާލަތު އޮތްގޮތް ސާފުވާނެއެވެ.