ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް އިބުރާ ގޮވާލައިފި!

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް އިބުރާ ގޮވާލައިފި!
ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓި މީހާގެ ހައިސިއްޔަތުން ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އިބްރާހީމް އިސްމާއީލް (އިބުރާ) އިލްތިމާސް
ކުރައްވައިފިއެވެ. 
މިއަދު ކުރެއްވި ފޭސްބޫ ޕޯސްޓެއްގައި އިބުރާ ވިދާޅުވީ އެ ވާހަކަ ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ގޮތެއް އިބުރާގެ ނެތްކަމަށް ވިދާޅުވަމުން އިތުރަށް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު އިބްރާގެ އެ ޕޯސްޓް ޝެއަރކޮށްދީ އެކި ގްރޫޕްތަކަށް ލައިދިނުމަކީ އިބުރާގެ
ވަރަށް ބޮޑު އެދުމެއް ކަމުގައެވެ.
އިބުރާ ވިދާޅުވާ ގޮތުގައި މި ބަދަލު އެއޮތްގޮތަށް ގެނެސްފިނަމަ، ގާނޫނުއަސާސީއިން ކަށަވަރު ކުރި ހައްގުތައް ގެއްލި، ހުދުމުހތާރު ވެރިކަމަކަށް އަނެއްކާވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ ކަމުގެ ބިރު އެބައޮތެވެ.
މިހާ ހިސާބުން އިބްރާގެ ލިޔުންކޮޅު ނަގުލުކޮށްލާނަމެވެ.
ދެ އިންތިހާބު އެއްކުރުން
ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސް، ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުން ދާއިރު، މި އިސްލާހުގެ މައިގަނޑު ސަބަބެއް ކަމަށް މި ބުނެވެނީ ރިއާސީ އިންތިހާބާ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމެވެ.
ސުވާލަކީ، މިހާރު މި ގެންނަ ބަދަލު ގެނައީމާ އެކަން އެގޮތަށް އަބަދުވެސް ކުރެވޭނެ ހެއްޔެވެ؟
ޖަވާބަކީ ނޫނެކެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ 5 އަހަރު ކަމަށް ވިޔަސް، ބައެއް ހާލަތުގައި 6 އަހަރަށް ދިގުދެމިގެން ދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތީމައެވެ.
އެ ހާލަތުގައި ވާނީ ކިހިނެއް ހެއްޔެވެ؟
ރައީސްއާ މަޖިލިސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި، މި ބުނި ހާލަތުގައި މަޖިލިހުގެ މުއްދަތު 6 އަހަރަށް ދިގު ދެމިގެން ދިޔައީމާ، ރިއާސީ އިންތިހާބު 5 އަހަރު ފަހުން ބޭއްވުން ލާޒިމު ވާއިރު، މަޖިލިހުގެ އިންތިހާބު ބޭއްވޭނީ 6 އަހަރު ފަހުންނެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދުވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާއެކުގައެވެ.
ގާނޫނުއަސާސީ އެކުލަވައިފައި އޮތް ގޮތާއި، މަގުސަދުތައް ރަނގަޅަށް ނޭނގި ތިބެ، ނުވަތަ ނުބަލައި، ނުވަތަ އެނގިތިބެ ނުބައި ނިޔަތުގައި، އިރުއިރުކޮޅާ އެކި ގޮތްގޮތަށް، ތަންތަންކޮޅު ބަދަލުކުރާނަމަ، ބޮޑެތި މައްސަލަތައް ދިމާވާނެއެވެ. ހެޔޮ ގޮތަކީ އެ އޮތްގޮތަށް ބާއްވައިގެން، އެ ހިންގޭތޯ ބެލުމެވެ.
މިހާރު މި ކުރެވޭ ކަމަކީ، ސިޔާސީ ވަކި މަގުސަދެއް މި ވަގުތަށް ހާސިލް ކުރުމަށް، އިންތިގާލީ ހާލަތެއް ނެތި، އިންތިގާލީ ކަމެއް ކުރުމެވެ. ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުދެއެވެ.
ވަރަށް ފުންކޮށް ވިސްނުމަށްފަހު، މި އިސްލާހަށް ވޯޓު ނުދޭން ނިންމައިފީމެވެ.