ރިސޯޓް ހަދަން ދޫކުރިފަޅެއް ބޭރުމީހުން ވަޒަންވެރިކުރަން ބަދަލުކޮށްލުމަކީ ޖަރިމާއެއް: ޝަމްހީދު

އަހަރަކު 70 މިލިޔަން ލިބެންއޮއްވާ ރަށްވެހިކަން ވިއްކާ ޓައުންޝިޕަކަށް

ރިސޯޓް ހަދަން ދޫކުރިފަޅެއް ބޭރުމީހުން ވަޒަންވެރިކުރަން ބަދަލުކޮށްލުމަކީ ޖަރިމާއެއް: ޝަމްހީދު

ބޭރު މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ކަންބޮޑުވުން ހުރީ ހަމައެކަނި ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްގީކުރަން އުޅޭ ވަޒަންވެރިކުރުވުމުގެ މަޝްރޫއުއުގައި އެކަންޏެއްނޫނެވެ.

ނ.އަތޮޅުގައި ހިންގާ ޕްރޮޖެކްޓް އައިލާ، އެސް.އީ.ޒެޑް ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ވެސް ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. 

ޕްރޮޖެކްޓް އައިލާ، އެސް.އީ.ޒެޑް ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީވާންޖެހޭ ގިނަ ކަންތައްތަކެއް ޑރ. އަހުމަދު ޝަމްހީދު ވަނީ ފާގަކުރައްވާފައެވެ. ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި އެމް.ޑީ.ޕީ ސަރުކާރުން ފުރަތަމަ 11 ރަށުގެ މައްޗަށް އެކުލެވޭ  ނ. ދިގުފަރުފަޅު ދޫކުރީ 262 ކޮޓަރީގެ "އަލްޓްރާ ލަގްޒަރީ" ރިސޯޓެއް ތަރައްގީ ކުރުމަށެވެ.

މިފަދަ އަލްޓްރާ ލަގްޒަރީ ރިސޯޓަކުން ބިމުގެ ކުއްޔާއި، ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި އަހަރަކު 60 އާއި 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ އާމްދަނީ ސަރުކާރަށް ސީދާގޮތެއްގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ރިސޯޓު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މި ސަރުކާރުން ވަނީ އެސް.އީ.ޒެޑް ގާނޫނަށް އިސްލާހެއް ގެނެސް "ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި އައު ގިންތިއެއް ތައާރަފުކޮށްފައެވެ.

ގާނޫނަށްގެނައި އިސްލާހަށް އަމަލުކުރަން ފެށިތާ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި، ކުރިން އޮތް އައިލާ މަޝްރޫއަށް އެސް.އީ.ޒެޑް ދަރަޖަ ދީ، އެ މަޝްރޫއު "ސަސްޓެއިނަބަލް ޓައުންޝިޕް" އަކަށް ބަދަލުކުރެވުނުކަން ޑރ. ޝަމްހީދު ފާހަގަ ކުރައްވައެވެ. ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި މިއީ ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ޑރ. ޝަމްހީދު އުފައްދަވާ ސުވާުލުތައް: 

  1. ރިސޯޓް ހަދަން ދޫކޮށްފައިވާ ތަނެއް ޓައުންޝިޕްއަކަށް ބަދަލު ކުރީ ގާނޫނީ އިމުގެ ތެރެއިންތޯ؟
  2. އެސް.އީ.ޒެޑްގެ މާއްދާތަކަކީ އަލަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި އައު މަޝްރޫއުތަކަށް އަމާޒުކޮށްފައިވާ އެއްޗަކަށްވާއިރު، ދޫކޮށްފައިވާ އަދި މަސައްކަތް ހިނގަމުންދާ 262 ކޮޓަރީގެ ރިސޯޓު މަޝްރޫޢެއް އެސް.އީ.ޒެޑް ޓައުންޝިޕަކަށް ބަދަލުކުރީ ކިހިނެއްތޯއެވެ؟
  3. ފަތުރުވެރިކަމުގެ މި މަޝްރޫއު ބަދަލުކުރީ ގާނޫނުގެ ސީދާ ކޮން މާއްދާއެއްގެ ދަށުންތޯ އާއި، މި ބަދަލު ގެނައުމުގެ ހުއްދަ ދިނީ ކޮން ފަރާތަކުންތޯއެވެ
  4. އާމްދަނީ ލިބޭނެ ރިސޯޓެއް، ޓެކްސްގެ އިނާޔަތްތައް ލިބޭ އެސް.އީ.ޒެޑް އަކަށް ބަދަލުކުރީ ކީއްވެތޯ؟
  5. ބަދަލު ހުއްދަކުރުމުގެ ކުރިން، އަސްލު ރިސޯޓު މޮޑެލް ދޫކޮށްލުމުން ދިވެހިރާއްޖެއަށް ގެއްލޭނެ އާމްދަނީގެ މިންވަރު ސަރުކާރުން ހިސާބުކުރިތޯއެވެ؟
  6. ރިސޯޓުން އަހަރަކު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަކީ ކޮބައިތޯ އާއި، މިހާރުގެ ޓައުންޝިޕުން އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބައިތޯއެވެ؟

ދާއިރާގެ މާހިރުން ދެކޭގޮތުގައި، އެސް.އީ.ޒެޑްގެ ދަށުން ލިބޭ ފުޅާ ޓެކްސް އަދި ކަސްޓަމްސް އިނާޔަތްތަކުގެ ސަބަބުން، އަސްލު ރިސޯޓެއްގެ ގޮތުގައި ހިންގިނަމަ ލިބޭނެ އާމްދަނީގެ ކުޑަ މިންވަރެއް މެނުވީ ދައުލަތަށް ނުލިބޭނެއެވެ. މި ދެ ހިސާބުވެސް އާންމުކޮށް، ރައްޔިތުންނަށް އެ އަޅާކިޔުމުގެ ފުރުސަތު ދިނުމަށް ޑރ. ޝަމްހީދު ގޮވާލައްވައެވެ.

ޑރ. ޝަމްހީދު އުފައްދަވާ އެހެން ބައެއް ސުވާލުތަކަކީ:-

  1. ބޭރުގެ މުދާ ގަންނަ ފަރާތްތަކަށް ދިވެހިންނަށްވުރެ ރަނގަޅު ޓެކްސް އިނާޔަތްތަކެއް ދޭންވީ ކީއްވެތޯ؟އާންމުކޮށް ރާއްޖޭގެ ބާޒާރުން ދިވެއްސަކު މުދަލެއް ނުވަތަ ގެދޮރެއް ގަންނައިރު 8 އިންސައްތައިގެ ޖީ.އެސް.ޓީއެއް ދައްކަންޖެހެއެވެ. ނަމަވެސް، މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުދަލުގެ މުއާމަލާތްތަކުން ނަގާ ޓެކްސް 1 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ.
  2. ރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކު، އެސް.އީ.ޒެޑެއްގެ ތެރެއިން މުއްސަނދި ބޭރު މީހަކު ގަންނަ ލަގްޒަރީ މުދަލަށްވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހެނީ ކީއްވެތޯއެވެ؟
  3. ދިވެހި އިޤްތިޞާދަށް ކުރާނެ ފައިދާއަކީ ކޮބައިތޯ؟

މި ތަންތަން ގަތުމަކީ "އިންވެސްޓްމަންޓެއް" ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް، މީހަކު އެޕާޓްމަންޓަކަށް 250,000 އެމެރިކާ ޑޮލަރު ދައްކައިފި ނަމަ، އެ ފައިސާގެ ބޮޑުބައި ދާނީ އެ ތަން ތަރައްގީކުރި ފަރާތަށެވެ.

އަންނަނިވި ސުވާލުތަކަކީވެސް ނުއުފެދި ނުދާނެ ސުވާލުތަކެކެވެ.

  1. މީގެ ތެރެއިން ދިވެހި ދައުލަތުގެ ހަޒާނާއަށް ވަންނަނީ ކިހާ ފައިސާއެއްތޯއެވެ؟
  2. ދިވެހި ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަންޖެހެނީ ކިހާ ފައިސާއެއްތޯއެވެ؟
  3. އިންވެސްޓްމަންޓުގެ ތެރެއިން ދިވެހި އިޤްތިޞާދުގެ ތެރޭގައި ދައުރުވާން ލާޒިމުކުރަނީ ކިހާ މިންވަރެއްތޯއެވެ؟
  4. ކަސްޓަމްސް އަދި ބޯޑަރު ސަލާމަތީ އިންތިޒާމުތަކަކީ ކޮބައިތޯ؟

އެސް.އީ.ޒެޑްތަކަށް ކަސްޓަމްސްގެ ބޮޑެތި އިނާޔަތްތަކެއް ލިބެއެވެ. އެހެންކަމުން، މި ޓައުންޝިޕްތަކަށް އެތެރެވާ ތަކެތީގެ މައްޗަށް މޯލްޑިވްސް ކަސްޓަމްސްގެ އޮތީ ކޮން ބާރެއްކަން ސަރުކާރުން ސާފުކޮށްދޭންޖެހެއެވެ.

އިތުރަށް އުފައްދަވާ އެހެން ސުވާލުތަކެއް ވެސް އެހުއްޓެވެ.

  1. ގާނޫނީ ގޮތުން ބޭނުންވާ ކޮންމެ ހިނދެއްގައި، އެތަނުގެ މުދާ ބަރުކޮށްފައި ހުންނަ ތަންތަނާއި، ގުދަންތަކާއި، ގެތަކާއި ނުވަތަ ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ކަސްޓަމްސްއަށް އޮތްތޯއެވެ.
  2. ޓައުންޝިޕްގެ މެރީނާ މެދުވެރިކޮށް އެތެރެވާ ތަކެތި މޮނިޓަރ ކުރަނީ ކޮން ފަރާތަކުންތޯއެވެ؟

އީ.ޒެޑްގެ އިނާޔަތްތަކަކީ މަނާ ތަކެތި ނުވަތަ ނުރައްކާތެރި ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހުޅުވޭ ދޮރަކަށް ނުވާނެކަން ސަރުކާރުން ކަށަވަރުކޮށްދޭންޖެހެއެވެ. އެހެންކަމުން ގައުމީ ސަލާމަތުގެ ފުރިހަމަ ޒިންމާ އުފުލާނީ ކޮން ފަރާތަކުންތޯއެވެ.

ޓައުންޝިޕް މަޝްރޫޢުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި ބޭރު މީހުން ދިރިއުޅޭ، އަމިއްލަ ގެދޮރާއި، ސުކޫލްތަކާއި، ސިއްހީ ހިދުމަތްތަކާއި، ވިޔަފާރި މަރުކަޒުތަކާއި، މެރީނާ އަދި މާލީ ހިދުމަތްތައް ހިމެނޭ ވަކި މުޖުތަމައެއް އުފެދިގެންދާނެއެވެ. އެޢައި އެކު ކޮންމެ ތަނެއްގައި ދިރިއުޅެނީ ކޮން ބައެއްކަން އެނގެނީ ކާކަށްތޯއެވެ؟

އެމީހުންގެ ފަސްފަހަތާއި، ފައިސާ ހޯދި ގޮތާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭތޯ ބަލައި، އަސްލު މިލްކުވެރިންނަކީ ކޮބައިކަން ކަށަވަރުކުރަނީ ކޮން ފަރާތަކުންތޯއެވެ؟

އުފެދޭ އެންމެ ބޮޑު އަނެއް ސުވާލަކީ ހެންލީ އެންޑް ޕާޓްނާސް ހޮވަންޖެހުނު ސަބަބަކީ ކޮބައިތޯ؟

އިންވެސްޓްމަންޓް-މައިގްރޭޝަން ޕްރޮގްރާމްތަކާ ގުޅިގެން ހެންލީ އެންޑް ޕާޓްނާސްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާތީ، މި ކުންފުނި ހޮވަންޖެހުނު ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހެއެވެ.

އެގޮތުން އުފެދޭ ސުވާލުތައްވެސް ބައިވަރެވެ.

  1. ހެމްލޯ އެންޑް ޕަރޓްނަރސް ކުންފުނި ހޮވީ ވާދަވެރި ބިޑިންގ މަރުހަލާއެއްގެ ތެރެއިންތޯއެވެ.
  2. މަޝްރޫއުގައި ހެންލީގެ ދައުރަކީ ކޮބައިތޯއެވެ.
  3. ކާމިޔާބުވާ ކޮންމެ ހުށަހެޅުމަކުން ހެންލީއަށް ލިބެނީ ކިހާވަރެއްތޯ؟ އަދި ދިވެހި ދައުލަތަށް ލިބެނީ ކިހާ މިންވަރެއްތޯ؟
  4. ކޮންމެ ހުށަހެޅުމަކުން ހެންލީއަށް ކޮމިޝަނެއް ލިބޭތޯ؟

މިހުރީ ހައްތަހާވެސް އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވެފައިވާ އެއްބަސްވުން އާންމުކުރަންޖެހެއެވެ.