މުއިއްޒުގެ ހުވާ ބާތިލު ކުރަން ނަޝީދު ފޫގެޅުން
ހައިސިއްޔަތާ މެދު އިތުބާރު ގެއްލިފައިވާ މަޖިލިސް ރައީސެއް
ރައްޔިތުންގެ މަޖިލިހޭ ބުނެލަން ދުލަށް ފަސޭހައަސް އެއީ ދައުލަތުގެ 3 ބާރުން އެއްބާރެވެ. ރައްޔިތުންގެ ވޯޓުން މުޅިރާއްޖެއިން އިންތިޚާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ޤާނޫނު ހަދާ މަޖިލިހެވެ. އެ މަޖިލިހުގެ ރައީސަށް ގާނޫނީ ހައިސިއްޔަތު އޮންނަނީ އެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް އޮތްނަމައެވެ. ގާނޫނީ ނައްސު ތަކުން އެކަން އޮތީ ސާފުވެފައެވެ. މަޖިލިހުގެ ގަވާޢިދުގައި އެކަން އޮތީ ބަޔާން ވެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ އިތުބާރު ނެތް ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް އަދި ފަނޑިޔާރަކަށް ނުވަތަ ވަޒީރަކަށް ވެސް މަގާމުގައި ދެމިއެއް ނުހުރެވެއެވެ. ދެން އޮތީ އެ ބާރުގަދަ މުއައްސަސާގެ ރައީސާ ނައިބު ރައީސްގެ މަގާމު ދެމިއޮންނަ ގޮތެވެ. އާނކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު ވެސް ޞައްޙަވަނީ އެ މަޖިލީހުގެ އިތުބާރު އެ ދެ މީހުންގެ މައްޗަށް އޮތް ނަމައެވެ.
ހަމަ ޔަގީނުން ވެސް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސްގެ އިތުބާރު ގެއްލި އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ އެއޮތީ ގާނޫނީ ހަމަތަކުގެ މަތިން ދުވަސް ކަނޑައެޅި އެޖެންޑާ ވެފައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މި މަޙައްލުގައި މަޖިލިހުގެ ރައީސްއާ ޢާއިލީ ގޮތުން ލޭގެ ގުޅުން އޮތް، މަސްލަޙަތު ފުށުއަރާ ދެބޭންގެ ދެދަރި ކޮއްކޯފުޅެވެ.
އޮންނަ ގާނޫނީ ހަމަތަކާ އުޞޫލްތަކުގެ މައްޗަށް އަމިއްލަ ޒާތީ މަސްލަޙަތާ އެދުން ބޮޑުކޮށް މަޖިލިހުގެ ނައިބު ރައީސް އެ ޖަލްސާ ނުބޭއްވިޔަސް މަޖިލިހުގެ ރައީސްއަށް މަޖިލިހުގެ އިތުބާރު ލިބުނު ކަމަކަށް ނުވާނެއެވެ. އެ ޙާލަތުގައި މި ކަމަށް ބޭނުންވާ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ ގާނޫނީ ފަރުވާ ނުލިބިއްޖެ ނަމަ ދެން ނުކުމެދާނެ ނުރަނގަޅު ކިތަންމެ ނަތީޖާއެެއް ހުންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހުވާ ކުރެވޭ ހިނދު ގާއިމްވެ ހުންނަ ދައުލަތުގެ އެންމެ މަތީ ޝަޚްޞަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އުއްތަމަ ފަނޑިޔާރު ވެސް އެ ވަގުތުކޮޅު ހުއްޓިވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު އެބޭފުޅެއްގެ ކުރިމަތީގައި ހުއްޓިވަޑައިގަންނަވަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ ބޭފުޅެއްގެ މަގާމުގެ ހައިސިއްޔަތާއި މެދު ޝައްކާ ވަހުމް އުފެދި އިތުބާރު ގެއްލިފައިވާ ބޭފުޅެއް ނަމަ، އެބޭފުޅެއްގެ ކުރިފުޅު މަތީގައި ލައިދެވި ކުރެވޭ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އޭގެ ޒާތުން ޤާނޫނާ ޚިލާފް ނުވާނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. ޞައްޙަ ގާނޫނީ ހުވަޔަކުން ނޫނީ ޞައްޙަ ރައީސުލްޖުމްހޫރިއްޔާ އަކު އުފަނެއް ނުވާނެއެވެ.
ކުރީގެ ރައީސް ނަޝީދު ބޭނުންފުޅު ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ހުވާގެ ގާނޫނީ ބުރަދަނާ އޭގެ ހައިބަތާ ހައިސިއްޔަތަށް އުނިކަން ގެނައުން ކަމަށްވާނަމަ އެއީ ޤާނޫނު އަސާސީއާ ދިވެހިޖުމްހޫރިއްޔާގެ ކަރާމަތަށް އަރައިގަތުން ފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ.