މިނިވަންކަމުގެ ވަރުގަދަ ބާރަކީ ބައިނަލްއަގުވާމީ ގުޅުން

މިނިވަންކަމުގެ ހަގީގީ އުފަލަކީ ޒާތަށް ލިބޭ މިނިވަންކަން

މިނިވަންކަމުގެ ވަރުގަދަ ބާރަކީ ބައިނަލްއަގުވާމީ ގުޅުން

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެއް ވާހަކަ ފުޅަކީ ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު އޮތް ރަހްމަތްތެރި، ބަދަހި ގުޅުން ކަމަށެވެ. ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަހްމަތްތެރި ބަދަހި ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ސޯލިހު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާ އާ ހާއްސަ ގުޅުންތަކެއް ބާއްވައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ ކަމަށް ވާދަވެރިން ތުހުމަތު ކުރަމުން ދަނިކޮށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ ސިއްރު އެކިއެކި އެއްބަސްވުންތައް އިންޑިއާއެކު ހަދަމުން ގެންދާކަމަށް އިދިކޮޅުން ބުނެއެވެ. 

އެހެންނަމަވެސް ދިވެހިންގެ މި ލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރި ކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާ ކަމަށެވެ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެ ބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަން ރައީސް ފާހަގަ ކުރައްވައެވެ.