ގަބުޅިކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި
ރައީސް ސާލިހު ފުރިހަމަ ކުރައްވަނީ ލާމެހިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރެ
އަމާޒެއް ތަސައްވުރެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. ރައީސް ނަޝީދުގެއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އުމްރާނީ ބޮޑެތި މަސައްކަތްތައް މި ސަރުކާރުން ފެށުމުން އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ. ރާއްޖެއަށް ކޮންކްރިޓް ތަރައްގީ ބޭނުން ނުވާކަމަށެވެ. އެއްކޮޅުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ނުކޮށްދެވޭ ކަމަށް އެހާމެ ބާރަށް ވިދާޅުވަމުން ގެންދެވިއެވެ. ހަމަ އެހެންމެ ދަނޑިވަޅަކީ ތަރައްގީގެ މަސައްކަތްތައް ކުރަންވީ ވަގުތު ނޫންކަމަށް ތަކުރާރުކޮށް ވިދާޅު ވަމުން ގެންދެވިއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ތަފާތެއް ނެތެވެ.
ސަރުކާރުން ރާއްޖޭގެ ކަންކޮޅު ތަކުގައި ހިންގަނީ ތަރައްގީގެ މަޝްރޫއު ނޫން ކަމަށް ރައީސް ނަޝީދު އެބަވިދާޅުވެއެވެ. ނަޝީދު ވިދާޅުވާ ގޮތުން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މަޝްރޫއަކީ ދުވަސްވީ މީހުނަށް ދެވޭ އިނާޔަތެވެ. ދުވަސްވީ މީހުނަށް ދޭ އިނާޔަތާ ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އާސަންދައާއި ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އެކަނިވެރި މައިންގެ އިނާޔަތުން ނަޝީދަށް ތަރައްގީ ނިމެއެވެ.
ނަޝީދު ވިދާޅުވާ ގޮތުން ތަރައްގީއަކީ ރައްޔިތުމީހާގެ ޖީބަށް ވަންނަ ފައިސާއެވެ. ރަށްރަށަށް ރައްކާތެރިކަމާ ފަސޭހަ ކަމާއެކު ލަފާ ނުފުރެންޏާ ލޯކަލް ޓޫރިޒަމުން ރައްޔިތުމީހާގެ ޖީބަށް ވަންނާނީ ކޮން ފައިސާއެއް ހެއްޔެވެ. އެއްތަނުން އަނެއްތަނަށް ހެޔޮ އަގުގައި އަވަހަށް ދަތުރު ކުރެވެންނެތި ބަލިމީހައަށް އާސަންދައިގެ އުފަލެއް ނޯވެއެވެ. ރަށުގައި އުފައްދާ ތަކެތި ރަށު ތޮށިން ބޭރުކޮށް އެއްތަނުން އަނެއްތަނަށް ނަގުލު ކުރެވެނީ ބަނދަރުތައް ހެދިގެން ހުރިހާ ރަށަކަށް އަރާ ފޭބޭނެ ގޮތް ވެގެންނެވެ.
ރައްޔިތު މީހާގެ ޖީބަށް ފައިސާ ވައްދަން ބޭނުންވާނަމަ ރަށްރަށުގެ ކަރަންޓް ވިއުގަ ރަނގަޅުކޮށް އުފެއްދުންތެރި ކަންކަމަށް އެކަށީގެންވާ ހަކަތަ ރައްކާތެރި ކަމާއެކު ލިބިދޭން ޖެހެއެވެ. ރައްޔިތުމީހާ ލޯކަލް ޓޫރިޒަމްގައި ވިއްކަން ކޮޓަރި ހަދައިގެން ހުރުމުން ޖީބަށް ރުފިޔާ ވަދޭ ހެއްޔެވެ. ކޮޓަރީގައި ހުންނަ ފަތުރުވެރިޔާ ނަޖިސް ފެނުން ފެންވަރަން ޖެހި ނުސާފު ފެން ބޯންޖެހި އިރުއިރު ކޮޅުން ކަރަންޓް ކެނޑި އައިވީއެއް ދޭހެން ކަރަންޓް ލިބޭ ތަނަކަށް ވަންނާނީ ކާކުހެއްޔެވެ. ރައީސް ސާލިހު ރަށްރަށުގައި ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުމީހާގެ ޖީބަށް ހަގީގަތުގައި ފައިސާ ވަންނާނެ ގޮތް ހައްދަވާ ދެއްވުމުގެ މަސައްކަތެވެ. ފުރިހަމަކޮށް ދެއްވަމުން އެދަނީ ލާމެހިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރެވެ.
ރަށްރަށުގައި ލަފާފުރޭނެ ގޮތް ވުމަކީ ނަޝީދުގެ ކުރިފުޅުމަތީގައި އަގެއް ހުރިކަމަކަށް ނުވެއެވެ. ރަށްރަށުގައި ނަޖިސް ފެންބޮއެ ނަޖިސްފެނުން ފެންވެރުމަކީ ނަޝީދަށް ކަންބޮޑުވެ ވަޑައި ގަންނަވާ ކަމަކަށް ނުވެއެވެ. ބައުވެ ހަސްނެތި ފެން ތަގައްރުވެ ވައިނުސާފު ކުރާ އިންޖީނުގެތަކުން ރަށްރަށުގައި އުޅޭ މީހުން ސަލާމަތް ކުރުމަކީ ތިމާވެށީގެ ޗެންޕިއަން ނަޝީދަށް ކަމުދާ ކަމަކަށް ނުވިއެވެ. ރަށްތައް ގިރުމުން ސަލާމަތްކޮށްދީ ރަށްރަށް ވެލިން މުއްސަދިކޮށްދޭން ކުރެވޭ މަސައްކަތަކީ ނަޝީދުގެ ކުރިފުޅުމަތީގައި އިސްރާފެވެ.
ހިލޭ ޑިގްރީއަށް އެތައް ހާސް ކުދިން ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަކީ ރައީސް ނަޝީދަށް ގަބޫލު ކުރެއްވޭ ކަމެއް ނޫނެވެ. ސްޓޭޑިއަމްތަކާ ކުޅިވަރު ދަނޑުތަކާ ކޯޓުތައް ރަށްރަށުގައި އަޅާ ރަށްރަށުގައި އުޅޭ ކުދިން ޖިމްތަކަށް ގޮސް ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ވާން ނަޝީދު ބޭނުންފުޅެއް ނުވެއެވެ.
މި ހުރިހާ ކަމަކުން ލާވަށާޖެހޭ ހަގީގަތަކީ ބޭފުޅިޒަމްގެ އަސަރު ފިލާ ނުދާކަމެވެ. ސިންގާ ސަނާޔާ ބީރައްޓެހިންނާ ހަމަ ނޫން ކަމެވެ. އަދިވެސް ރަށްފުށު ގަބުޅި ކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި ކަމެވެ.