އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހެނީ މުއިއްޒު
އަޒުލް ކުރަންޖެހޭވަރުގެ އިއުތިރާފް
ރައީސް ޑރ. މުއިއްޒަކީ މިވަގުތު ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. ދިވެހި ރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާއެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރަން މާތް ކަލާނގެ ގަންދީ ހުވާކޮށްގެން ހުރި މީހާއެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ޒިންމާ ނަގައިގެން ހުރި އެންމެ އިސް މީހާއެވެ.
ރާއްޖޭގެ ވެރިކަމަށް މުއިއްޒު އައީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާތެރި މިންވަރަކަށް ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބެގެން އެ މީހުން ބޭލުމަށެވެ. ސިޔާދަތީ ބާރުގެއްލޭ ވަރަށް އިންޑީއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ރައްޔިތުން ބިރު ގަންނަވާނީ އެވަރުގެ ނުރައްކަލެއް އޮތްކަން ކަށަވަރު ވެގެންނެވެ. ރާއްޖޭގެ އެންމެ މަތީ ވެރިކަމާ ހަވާލުވާން މަސައްކަތްކުރާ މީހަކު ރާއްޖޭގެ ސިޔާދަތަށް އޮތް ނުރައްކަލުގެ ވާހަކަ ދައްކާނީ ވަރަށް ރަނގަޅަށް އެނގި ހުރެއެވެ. ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ވަރަށް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބީ ކޮންތާކު ކިހާވަރަކަށްކަން ޝައްކެއްނެތް މިންވަރަށް އެނގޭނެއެވެ. މިނިވަންކަމާ ސިޔާދަތާއި ގުޅުން ހުރި ވާހަކައަކީ ހީވާ ހީވުމަކަށް ދައްކާނެ ވާހަކައެއް ނޫނެވެ. ވެރިކަމަށް އަންނަން އުޅޭ މީހަކު އެ ޒާތުގެ ވާހަކައެއް ދައްކާނީ ޝައްކެއް ނެތް މިންވަރަށް ޔަގީން ކޮށްފައެވެ.
ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަކީ ވެރިކަމަށް އައުމަށް ފަހު ނަން-ނެގޯޝިބްލް (މަޝްވަރާކުރެވެން ނެތް) ކަމެއްކަމަށް ބުނާނީ ގައިމު ޝައްކެތްނެތް މިންވަރަށް ކަށަވަރު ކަމަކަށް ވެގެންނެވެ. ވެރިކަމަށް ހުވާކޮށް އެންމެ ފުރަތަ ދުވަހު ކުރާނެ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާސިފައިން ބޭލުން ކަމަށް ބުނެ ވެރިކަން ހޯދައިގެން ވެރިކަމުގެ ހުވާ ޑރ. މުއިއްޒު އެހުރީ ކޮށްގެންނެވެ. ނަން-ނެގޯޝިބްލް (މަޝްވަރާކުރެވެން ނެތް) ކަމެކޭ ބުނި، އިންޑިއާ ސިފައިން ފޭބުމުގެ އަމުރެއް ރިޔާސީ ގަރާރެއް ވިޔަސް އެދުވަހަކު ނުނެރުއްވައެވެ. ފުރަތަމަ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް އެފަދަ އަމުރެއް ނުނެރެއެވެ. އިންޑީއާ ސިފައިން ރާއްޖޭން ފައިބާކަށްވެސް އަދި ބާލާކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުއިއްޒު އަމުރެއް ކުރައްވާ ގަރާރެއް ނެރުއްވާފައެއް ނުވެއެވެ. ކުޑަ މިނުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނަރ ހާޒިރުކޮށް އިންޒާރު ކޮށްފައެއްވެސް ނުވެއެވެ.
ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިވަރެއް ތިބިތަނެއް ސިފައިންގެ އެންމެ މަތީ ވެރިޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ނޫސްވެރިންގާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ރަސްމީ ނޫސް ކޮންފަރެންސެއްގައި ރައީސް އޮފީހުގައި ހުންނަވާ ވިދާޅުވި ވިދާޅުވުމަކީ އާދައިގެ ކަމެއްނޫނެވެ. ހައްދިހަ ހަތެކޭ އަށްޑިހަ ނުވައެކޭ، ސާފު އަދަދެއް ސާފެއްނޫނޭ އަދަދުތައްވަނީ އޮޅުވާލާފައޭ ވިދާޅުވެގެން ފަރަކުނުޖެއްސެވޭނެއެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް ވާނުވާ ނޭނގޭ ގޮތެއްގައި ރާއްޖޭގައި ހިދުކޮޅަކަށް ވެސް އަޝްކަރީ ބަޔަކު ތިބިއްޔާ އެއީ ނުރައްކާތެރި ކަމެކެވެ. ބިރުވެރި ކަމެކެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް އެފަދަ ހައްސާސްކަމެއް އޮޅިވަޑައިގެން ހުންނެވުމަކީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ނަގަހައްޓާ ދެމެހެއްޓޭވަރުގެ ގާބިލުކަން ޑރ. މުއިއްޒުގެ ކިބައިގައި ނެތްކަން ދަލީލުކޮށްދޭކަމެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭތީ އިންޑިއާ ސިފައިން ބާލަން ވެރިކަމަށް އައިމީހާއަށް ރާއްޖޭގައި އިންޑިއާސިފައިން ތިބިވަރާއި ތިބި ތަންތަނާ އެމީހުން ކުރާކަމެއް ސާފުކޮށް ނޭނގުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށްވުރެ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އޭގެން އެސާބިތުކޮށްދެނީ ޑރ. މުއިއްޒުގެ ނާގާބިލުކަމެވެ.
ވެރިކަމަށް ނާގާބިލު މީހަކު ވެރިކަމުން ބޭލުމަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ. އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހެނީ ޑރ. މުއިއްޒެވެ. ގައުމީ ސަލާމަތަށްޓަކައެވެ.