ސޯލިހު ޗާޕްކުރި 4.2 ބިލިޔަނުން 3.36 ބިލިޔަން މުއިއްޒު ބޭނުންކުރި!

ސޯލިހު މާލީބާޒާރަށް ނެރުނީ އެންމެ 84 މިލިޔަން ރުފިޔާ

ސޯލިހު ޗާޕްކުރި 4.2 ބިލިޔަނުން 3.36 ބިލިޔަން މުއިއްޒު ބޭނުންކުރި!

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ހުއްޓުމާ ހަމަޔަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ފައިސާ ޗާޕްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނެވެ. ފައިސާ ޗާޕްކުރަން ހުއްދަދިނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލުމަށް ފަހުގައެވެ. ރައްޔިތުންގެ މަޖިލީހުން ހުއްދަދިނީ  4.4 ބިލިއަން ރުފިޔާއާ ހަމައަށް ރުފިޔާ ޗާޕްކުރުމަށެވެ. 

ކޮވިޑް 19 ގެ ސަބަބުން ދުނިޔެ ހުއްޓި އާމްދަނީ ބަންދުވުމުން ރައްޔިތުންގެ ބަނޑުފުރާނަ ސަލާމަތްކޮށް ގައުމު ހުއްޓުމަކަށް ދިޔުން ހުއްޓުވުމަށް ރައީސް ސޯލިހު ސަރުކާރުން 4.2 ބިލިޔަން ދިވެހި ރުފިޔާ ޗާޕްކުރިއެވެ. ޗާޕްކުރި ފައިސާގެ ތެރެއިން ބާޒާރަށް ނެރުނީ ޗާޕްކުރި ފައިސާގެ އެންމެ %20 ފައިސާކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައިވެއެވެ. ކުރީ ގަވަރުނަރުގެ އެވާހަކަފުޅު މުއިއްޒު ސަރުކާރަކުން ވެސް އަދި އައު ގަވަރުނަރު މުނައްވަރު ވެސް މިހާތަނަށް ދޮގުކޮށްފައެއް ނެތެވެ. 

އެހެންކަމަށް ވާނަމަ ރައީސް ސޯލިހު ވެރިކަމުގައި ޗާޕްކޮށް މަލީބާޒާރަށް ނުނެރި އެމްއެމްއޭގައި ހިފެހެއްޓިފައިހުރި %80 ޗާޕްކުރި ރުފިޔާ މުއިއްޒު ސަރުކާރަށް ވާރުތަވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ޗާޕްކުރި 4.2 ބިލިޔަން ރުފިޔާގެ %80 އަކީ 3.36 ބިލިޔަން ރުފިޔާއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ފައިސާ ޗާޕްކުރުމުން އޭގެ ފައިދާ ކުރީ ރައީސް މުއިއްޒަށެވެ. 

މުއިއްޒު ވެރިކަމަށް އެރިއިރު ފައިސާ ޗާޕްނުކޮށް އަނބުރާނެ ފައިސާ ހުރުމުން ފައިސާ ޗާޕްކުރުން ހުއްޓާލީކަމަށް ބުނެ ފިސާރި ފޮނިކެނޑިއެވެ. ވާނީ އެހެންތާއެވެ. ފައިސާ ޗާޕްނުކޮށް ހިތުހުރި ގޮތަކަށް އަނބުރާލަން 3.36 ބިލިޔަން ރުފިޔާ ޗާޕްކޮށް މާލީ ބާޒާރަށް ނުނެރި ހުއްޓެވެ. މަނިޓަރީގައި ހިފެހެއްޓިފައިހުރި 3.36 ބިލިޔަން ރުފިޔާ މުއިއްޒު ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މުސާރަ ދިނުމަށާއި ހިދުމަތުގެ އަގު އަދާކުރަން މާލީބާޒާރަށް ނެރެހުސްކޮށްލީއެވެ. ގިނަ އަދަދަކަށް 1000ގެ ނޫޓް ބާޒާރުވާން ފެށީ މުއިއްޒު ވެރިކަމަށް އައިސް ހިފެހެއްޓީފައިހުރި 3.36 ބިލިޔަން ޗާޕްކުރި ފައިސާ ބާޒާރަށް ނެރުމުންނެވެ. 

ކުރީ ސަރުކާރުން ފައިސާ ޗާޕްކުރީ ދުނިޔޭގެ ބާޒާރާއި ބޯޑަރުތައް ބަންދުވެ ފަތުރުވެރިން އައުން ހުއްޓި ނުލިބޭ ލާރިން ހަރަދުކުރަން މަޖުބޫރުުވުމުންނެވެ. މިއަދު ރާއްޖެއަށްވެސް ދުނިޔެއަށްވެސް އެފަދަ ހާލަތެއްނެތެވެ. މުއިއްޒު ސަރުކާރުގެ ކޮރަޕްޝަނާއި އިސްރާފާއި ހިންގަން ނޭނގުން ނޫން ފައިސާ ޗާޕްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މުއިއްޒު ދައުލަތް ހިންގާ ގޮތުން ކުރީ ސަރުކާރުން ޗާޕްކޮށް ބާޒާރަށް ނުނެރިހުރި 3.36 ބިލިޔަން ރުފިޔާ ބަޒާރަށްނެރެ އެހުސްކޮށްފިއެވެ. ޑޮމެސްޓިކް ލޯނެއް ލިބޭނެގޮތް ނުވިއެވެ. ބޮންޑެއް ޓީބިލެއް ނުވިކުނެވެ.

މާލީހާލަތު ދަށްވެ ބަނގުރޫޓް ވާ ހިސާބަށް ދިޔައިމާ ޖެހޭނީ އަނެއްކާވެސް ފައިސާ ޗާޕްކުރާށެވެ. އޮތް ހާލަތެއް ނެތްކަމަށް ހަދައިގެން ރައްޔިތުންނަށް އަބަދަކު އޮޅުވައެއް ނުލެވޭނެއެވެ. ބޮޑު ކާރިސާއަކަށް ގައުމު ވެއްޓުމުގެކުރިން ނުވާވަރުން ކުރަންނޫޅެ މުއިއްޒު ގެއަށް ކަނޑާލާށެވެ.