އިނަފް އިޒް އިނަފް: ޝާހިދު

ދިވެހިންނަށް ވާވަރު ވެއްޖެ!

އިނަފް އިޒް އިނަފް: ޝާހިދު

މެދުނުކެނޑި ރައްޔިތުންނަށް ނުބައި އަސަރު ކުރަމުންދާ ގޮތަށް މާލީ ކަންކަން ގޯސްކޮށް ހިންގުމުގެ ޒިންމާ މުއިއްޒު ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވާހެން ތަސައްވުރެއް، ރަނގަޅު ހިންގުންތެރި ކަމެއް މުއިއްޒު ސަރުކާރުގައި ނެތެވެ. ގާބިލް ކަމެއްނެތް އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމުގައި ހައްދެއް ނެތެވެ. ވަޒީފާތަކުގައި ތިބި އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގައި ހަމައެއް ލަމައެއް ނެތެވެ.

ފަރުވާކުޑަ ހާރިޖީ ސިޔާސަތަކާއި ދޫމަޅި އިގްތިސާދީ ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް މާލީ ދަތިކަމުގެ ތެރެއަށް ވަދެއްޖެ ކަމަށް އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ވެސް ކުރައްވާފައިވާ ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް ޝާހިދު ފާހަގަ ކުރައްވައެވެ. 

ބީއެމްއެލް އިން ޔޫއެސް ޑޮލަރުގެ ލިމިޓް ކަނޑާލުމުން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ތައުލީމާއި ދިރިއުޅުމުގެ ހަރަދުތައް ބަރޯސާވެފައި އޮންނަނީ އޭގެ މައްޗަށެވެ. 

ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތައް އިތުރުކޮށް، އެކަށީގެންވާ ގޮތެއްގައި ފައިސާ ނުދީ، ބޭނުންވާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދިނުމަކީ ގައުމު ރައްކާތެރި އިގްތިސާދީ ހާލަތަކަށް ގެންދިއުމަށް ސާފު ޕްލޭނެއް ނެތުމުގެ އަނެއް މިސާލު ކަމަށް ޝާހިދު ވިދާޅުވެއެވެ. 

ބޭރުގައި ތިބި ރާއްޖޭގެ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ބޭރު ފައިސާ ލިބޭނެގޮތް ކަށަވަރުކޮށްދިނުމަށާއި އަޅުގަނޑުމެންގެ ތެރެއިން އެންމެ ނާޒުކު ފަރާތްތައް ރައްކާތެރި ކޮށްދެވޭ ގޮތަށް ކަންކަން އިސްލާހު ކުރުމާ ދިމާލަށް އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ދިވެހި ސަރުކާރަށް އެމްޑީޕީގެ ރައީސް ގޮވާލައްވައެވެ.

އެމްޑީޕީގެ ރައީސް ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް އިސްލާހުވުމަށް ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.