މުއިއްޒު ސްކޭމްގައި ޖެހެނީއެއްނޫން - ސްކޭމް ހިންގަނީ!

މުއިއްޒު ސްކޭމްގައި ޖެހެނީއެއްނޫން - ސްކޭމް ހިންގަނީ!

ދިވެހީންގެރާއްޖޭގެ ރައީސް މުއިއްޒުގެ ސަރުކާރު ސްކޭމްގައި ޖެހެނީއެއް ނޫނެވެ. މުއިއްޒު ސަރުކާރުން ބޮޑެތި ސްކޭމްތައް ތަކުރާރުކޮށް ހިންގަނީއެވެ. މުއިއްޒު ސަރުކާރުން ހިންގާ ހަމައެކަނި ސްކޭމަކީ ސައޫދީ ފޭކް ޕްރިންސަކާއެކު މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ބިނާކުރުމެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އެރީއްސުރެ ހިންގަނީ ބޮޑެތި ސްކޭމެވެ. 

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދެކުނުގެ ހަތަރު އަތޮޅަށް މުއިއްޒު ކުރި ދަތުރުގައިވެސް ހެޔޮވަރުގެ ބޮޑެތި ސްކޭމްތަކެއް ވަނީ ހިންގާލާފައެވެ. އެކަން ކަމުގެ ވާހަކަ ތަކުރާރުކޮށް މިއަންނަނީ ދައްކަމުންނެވެ. ތަކުރާރުކޮށް ހަނދާންކޮށްދޭ މިޒާތުގެ ސްކޭމްތަކުގެ ހަގީގަތް މައިކްރޯ ލެވެލްގައި ސާފުވާން ޖެހޭތީއެވެ. މުއިއްޒު ހިންގާ ހުރިހާ ސްކޭމެއްގެ ވޭނާއި ތަކުލީފް އެތައް ޒަމާނަކަށް ރައްޔިތުން އުފުލަން ޖެހޭނެތީއެވެ.

1- އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖްގެ ސަރވޭގެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކުރުން: 

އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖް ޕްރޮޖެކްޓްގެ ސަރވޭ މިސްރު ކުންފުނިން ހަދާ ނިންމާނެކަމަށް މުއިއްޒު ބުންޏެވެ. އަމަލީ މަސައްކަތް 2024 ވަނައަހަރު ފަށާނެކަމަށް ވެސް ބުންޏެވެ. 4 އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމަާނެކަމަށް ބުންޏެވެ. ކުރިކަމެއް ކުރާކަމެއް ހޭދަވި ފައިސާއެއް އެނގޭ މީހަކު ނޫޅެއެވެ. ބްރިޖް ޕްރޮޖެކްޓްގެ ސަރވޭ ހަދަން ހަވާލުކުރި މިސްރު ކުންފުނީގެ ހަބަރެއް ހިލަމެއްނެތެވެ. 

2- ގދ. ތިނަދޫ ފަޅުގައި އަޅާ އެއަރޕޯޓް:

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގި ކުރަން ހުވަދު އަތޮޅުން 12 ފަޅުރަށާ ލާޖައްސާފައި ހަވާލުކުރީ ތައިލެންޑްގެ ޕޭޕަރ ކުންފުންޏަކާއެވެ. ޖިރާތް ޕީވޮންގ ކިޔާ ސްކޭމަރަކާއެކު ސޮއިކުރި އެމްއޯޔޫ އަށް ވީނުވީއެއް ނޭގެއެވެ. ރާއްޖޭގެ ފުރަތަމަ އޯވަރ ވޯޓަރ ޓަރމިނަލް އަޅާ ތިނަދޫ އެއަރޕޯޓް ޕްރޮޖެކްޓް 12 ފަޅުރަށާއެކު މުއްގަޑަށް ވަދެނިމުނީއެވެ. 

3- ވިލިނގިލި އެއަރޕޯޓް ތަރައްގީކުރުން

ވިލިނގިލި އެއަރޕޯޓް ތަރައްގީކުރަން ހަވާލުކުރީ ބެލްޖިއަމްގެ ކުންފުންޏަކާއެވެ. މަޝްރޫއަކީ 500-700 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަމަށް ސަރުކާރުން ހާމަކުރިއެވެ. އިންޓަރގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަން އަޅާ ވިލިނގިލި އެއަރޕޯޓް ޕްރޮޖެކްޓް ވީތަނެއްވެސް ނޭގެއެވެ.