މުއިއްޒުގެ2.0 އޭޓީއެމް މެގަ ޕްރޮޖެކްޓަށް ޖެހޭނީ ފޯނު ބޫތަށް ޖެހުނުހާލު!

މުއިއްޒުގެ2.0 އޭޓީއެމް މެގަ ޕްރޮޖެކްޓަށް ޖެހޭނީ ފޯނު ބޫތަށް ޖެހުނުހާލު!

ނަގުދު ފައިސާ އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ތަރުހީބުދޭ ކަމެއްވެސް ނޫނެވެ. " 2.0 މޯލްޑިވްސް " ގައި ސަރުކާރުން ދައްކާ ވާހަކައަކާ ކުރާކަމަކާ ދިމައެއް ނުވެއެވެ. ރާއްޖޭ ޑިޖިޓަލްކުރާ ސަރުކާރުން ހޭވައްޓަނުލާ މުޅި ރާއްޖޭގައި އޭޓީއެމް ބަހައްޓައިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ. މުއިއްޒުގެ ދެއްކުންތެރި ކަމާއި އިސްރާފް ކުރުމުގެ މަޅީގައި ބީއެމްއެލް ވެސް ރަނގަޅަށް ޖެހި ފިތި ތާށިވީތާއެވެ.   

ބީއެމްއެލުން އޭޓީއެމް ބަހައްޓަން ފެށީ ކިޔު ދިގުވެ ބޭންކްގެ ކައުންޓަރުތަކުން ހިދުމަތްދޭން އުދަގޫ ވުމުންނެވެ. އެހެން އެކަންކުރީ ކައުންޓަރުތަކަށް ލުއިކޮށް ހިދުމަތް އަވަސް ކުރުމަށެވެ. އޭޓީއެމެއް ބަހައްޓައިފިނަމަ އެ އޭޓީއެމްގައި ހުންނަ ފައިސާ ހުސްވިޔަނުދީ ބަލަހައްޓަން ޖެހޭތީ ބޭންކްގެ ބްރާންޗެއް ނުވަތަ ޑެސްކެއް ނެތް އެއްވެސް ރަށެއްގައި އޭޓީއެމެއް އެންމެ ފުރަތަމަ ނުބަހައްޓައެވެ.

އިގުތިސޯދީ ހަރާކަތްތެރިކަން އިތުރުވެ ރަށުތެރޭގައި ގިނައިން ފައިސާ ދައުރުވަމުންދާ ރަށްރަށް ދެނެގަނެ އެ ރަށްރަށުގައި ފަހުން އޭޓީއެމް ބަހައްޓަން ފެށިއެވެ. އެގޮތުން މަހު މުސާރަ ބޭންކަށް ޖަމާކުރާ މުއައްޒަފުން ގިނަ ރަށްރަށުގައި ވެސް އޭޓީއެމް ބަހައްޓަން ފެށިއެވެ. އެގޮތަށް އޭޓީއެމްތައް ބަހައްޓަމުން ދިޔައީ ކިއޮސްކް މެޝިނާއި މޮބައިލް އެޕުން ފައިސާ ޓްރާންސްފަރ ކުރުން ތައާރަފްވުމުގެ ކުރިންނެވެ. ކިއޮސްކް މެޝިނާއި މޮބައިލް އެޕުން ފައިސާ ޓްރާންސްފަރ ކުރުން ތައާރަފްވުމުގެ ކުރިން ވެސް ބޭންކްގެ ބްރާންޗެއް ނުހުންނަ ރަށްރަށުގައި ހުންނަ އޭޓީއެމްގައި ފައިސާ ލިބެން ހުންނަ ދުވަހަށް ވުރެ ގިނައީ އޭޓީއެމުން ފައިސާ ނުލިބޭ ދުވަހެވެ.

އޭޓީއެމުން ފައިސާ ހުސްވިޔަނުދީ މެޝިނަށް ފައިސާ އަޅާ ބެލެހެޢްޓުމަކީ ބޭންކަށް ހަރަދު ބޮޑު އުދަގޫ ކަމެކެވެ. ދަތުރު ހަދައިގެން ކޮންމެ އޭޓީއެމެއް ހުންނަ ރަށަކަށް މުއައްޒަފުން ފޮނުވައިގެން އޭޓީއެމަށް ފައިސާއަޅާ ބެލެހެއްޓުމަކީ މަދު ރަށްތަކެއްގައި އޭޓީއެމް ހުރި އިރުވެސް ހަރަދު ބޮޑު އުދަގޫ ކަމެއްލަމުން ގިނަ ފަހަރަށް އޭޓީއެމްގެ ހިދުމަތް ހުންނަނީ މެދު ކެނޑިފައެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުން 24/7ގައި މެދުނުކެނޑި ހިދުމަތް ނުދެވޭނެކަން ކަށަވަރެވެ. 

މިހާރު ވިޔަފާރި ކުރާ ފިހާރަތަކާއި ހޮޓާތަކުގައި ކާޑް ބޭނުން ކޮށްގެން ފައިސާ ކަނޑާ މެޝިނު ހުރެއެވެ. ކޮންމެ މީހެއްގެ ފޯނަށް ބޭންކްގެ އެޕް އަޅައިގެން ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލު ކުރެވެއެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ބީއެމްއިލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ކުރެވޭ ބޮޑު އިސްރާފަކަށް ނޫނީ އެކަމެއްނުވާނެއެވެ. އެންމެ ފަހުން ރަށްރަށުގެ އޭޓީއެމްތަކަށް ޖެހޭނީ ފޯނު ބޫތަށް ޖެހުނު ހާލެވެ.