ވަހީދަށް: ރާއްޖެ ބަނޑަށް ނުޖެހިގެން މޮޔަވަނީތަ!
އިގުތިސާދު ފުޅާވެ ރޫފަ ޖެހެމުން އަންނަތަން ދެކެން ބޭނުމެއް ނުވޭ
ބަނޑަށް ޖެހޭ ވާހަކަ ދައްކައިގެން މީހުން ބިރު ގަންނަވަން ޑރ. ވަހީދެއް ކަމަކު ނޫޅޭށެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔެއަށް ވީގޮތް ފެނުނީ އެންމެ ބަޔަކަށް ނޫނެވެ. ކޮވިޑަށް ފަހު ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ގޮވާ ބިރު ދެެއްކީމު ނޫން ހެއްޔެވެ. އެކަމަކު އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކޮށް އެންމެ ބާރަށް އިގުތިސާދު ހަމަޔަކަށް އެޅުނު އެއްގައުމުގެ ގޮތުގައި ރާއްޖެ ވެގެން ދިޔަތަން ނުދެކެން ހެއްޔެވެ. ޖެހި ޖެހިގެން 3 އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަށް ރާއްޖެ ވީތަން ނުދެކެން ހެއްޔެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ އާއްމު ހާލަތު ނުފެންނަނީ ހެއްޔެވެ. އަނގަޔާ އަތާ ދިމާ ނުވާ ވާހަކަ ސިޔާސީ ގޮތުން ދެވޭ ހަމަލައެއްގެ ގޮތުގައި ދެއްކިޔަސް ހަގީގަތަކީ އެއް ނޫނެވެ. މާލޭގެ ކެފޭ ހޮޓާ ރެސްޓޯރެންޓް ތަކަށް ބަލާ ބަލާށެވެ. ފުރި ބާރުވެފައެވެ. 24 ގަޑިއިރު ސޯބުގައެވެ. މަގުމަތީގައި ދުއްވާ އުޅަނދު ފަހަރަށް ބެއްޔަސް އެފަދައެވެ. ތެޔޮ ނޭޅިގެން އެންމެ ސައިކަލެއް ކާރެއް ބާއްވާފައެއް ނެތެވެ. ފްލައިޓް ތަކުން ޖާގައެއް ނުލިބެއެވެ. އަގަކަށް ނުބަލައެވެ.
ދުވަހު ކުލީ ކޮޓަރިތައް ފުރި ބާރުވެފައެވެ. އޮންލައިން ވިޔާފާރި ތަކާއި ޑެލިވަރީ އަތުފަތު ނޭޅެއެވެ. ސްމާޓް ފޯނާއި އެންމެ ޒަމާނީ އާލާތްތައް އިންތިހާއެވެ. ބެންކޮކާ މެލެސިޔާ ސިންގަޕޯރއަށް ކޮންމެ ދުވަހަކު އުދުހޭ ދިވެހިންގެ އަދަދަށް ބެލިޔަސް ފެންނަނީ އަނގަޔާ އަތާ ދިމާނުވެގެން އުޅޭ މަންޒަރެއް ނޫނެވެ. މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއް ނެތެވެ.
އިގުތިސާދުގައި ވަރު ނެތްނަމަ ކިތަންމެ ބޭނުންވިޔަސް ބޭނުންހާ ކަންކަމެއް ނުވާނެއެވެ. ފަތުއަޑު ކިޔާފައި ފައިސާ ނޭނބުރޭ ނަމަ ހިދުމަތާ ތަކެތީގެ އަގު އަދާކުރަން ފައިސާއެއް ނުހުންނާނެއެވެ. ބާޒާރު ފިހާރަތަކުން ބޭނުން ވަރަކަށް ބޭނުން މުދަލެއް ލިބުމަކަށް ހުރަހެއް ނެތެވެ. ދުވަހުގެ ފުރާގުން ފެށިގެން ބޮޑެތި އިންވެސްޓްތަކަށް ބޭނުންވާ ހުރިހާއެއްޗެއް ދުވަހުން ދުވަހަށް ލިބުމުގައި އެއްވެސް ހުރަހެއް ނެތެވެ.
އިދިކީލި ނަޒަރިއްޔާތަކުން ކަންކަން ދިރާސާކޮށް ބިރު ގަންނަވަން އުޅޭ ބަޔަކަށް އެކަން ކުރުމަކީ މާއުދަގޫ ކަމެއް ނޫނެވެ. އިގުތިސާދު ފުޅާވެ ރޫފަ ޖެހެމުން އަންނަތަން ދެކެން ބޭނުން ނުވާ ބަޔަކަށް އެތަނެއް ނުފެންނާނެއެވެ. ފެނުނަސް ނުވެސް ދައްކާނެއެވެ.
ސްރީލަންކާއަށް ޖެހުނު ހާލު ރާއްޖެއަށް ނުޖެހިގެންވެސް ބަޔަކު ހީވަނި އެހެން ކަމެއް ވެގެން އުޅޭހެންނެވެ. ރާއްޖޭގައި މަދު ބަޔަކު މީހުން މަގުމަތީގައި ހުޅުހުޅުން ދޫވެ ބިއްޖެހިފައި ތިބީކީ ރާއްޖޭގައި ޢަމްދަނީ ހޯދާނެ ގޮތް ނެތިގެނެއް ނޫނެވެ. ހޯދެން ނެތިގެނެއްވެސް ނޫނެވެ. މަސްތުވުމަކީ ހަމަ އެކަނި އޮތްގޮތް ކަމަށް ދެކޭ ބަޔަކު ވާނުވާގައި ތިބުމަކީ އިގްތިސާދު ހިންގުމުގެ މައްސަލައެއް ނޫނެވެ. ސްރީލަންކާއަށް ވާގޮތް ރާއްޖެއަށް ވުމަކީ ދެ ގައުމުގެ ތަބީއަތަށް ބެއްޔަސް ވާން އޮތް ކަމެއް ނޫނެވެ.
އިގުތިސާދުގައި ވަރުނެތް ނަމަ އެއްވެސް ތަނެއްގައި ދުނިޔޭގެ ފެންވަރުގެ ވަގު ވިޔާފާރިތައް ހިންގާކަށް ބަޔަކު ނޫޅޭނެއެވެ. ޑްރަގާއި ހަތިޔާރާއި ހަށިވިއްކުން ފަދަ ބޮޑެތި ބޮޑެތި ވަގު ވިޔަފާރިތައް ހިންގާ މީހުންގެ ނާރެހަކަށް ވަކި ވަކި ގައުމުތައް ވެގެން ދަނީ އެގައުމެއްގައި އިގްތިސާދީ ފުދުންތެރިކަން އޮތުމުންނެވެ. ފަހި ވިޔަފާރި ފުރުސަތުތައްް ބޮޑުވީމައެވެ. ކަމެއް ނެތްތަނެއްގައި ބަޔަކު ކުރާނެ ކަމެއް ނުއޮންނާނެއެވެ.