ކަންބަޅިއަކަށް ވެގެން ހިޔަޅެއް އައިމަ ވާގޮތް މިވަނީ: ފައްޔާޒު
އެމްޑީޕީ ވެގެން ދަނީ ވަކި މީހަކަށް ބަރޯސާނުވާ ޕާޓީއަކަށް
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލުގެ ވިސްނުމާއި ނިޔަތް ސާފެވެ. ފައްޔާޒުގެ ޗެއަރޕާސަން ކަމުގައި އެމްޑީޕީގެ މިސްރާބު ހުރިގޮތް އޮޅުމެއްނެތި އޮތީ އެނގޭށެވެ. މިއަދު އެމްޑީޕީ ބަދަލުވެގެން އެ ދަނީ ވަކި މީހަކަށް ބަރޯސާނުވާ ޕާޓީއަކަށެވެ. ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ހިނގާ ޕާޓީއަކަށެވެ. މެންބަރުންނާއި އިސްކޮށް އުޅޭ މީހުންގެ މަސައްކަތްތަކާ ވިސްނުންތަކާއެކު ހިނގަމުންދާ ޕާޓީއަކަށެވެ.
ސިޔާސީ ޕާޓީއެއްގެ އިސްސަފުގައި މަސައްކަތްކުރާ ކޮންމެ މީހަކީ ސިޔާސީގޮތުން ބާރުވެރި ވުމުގެ ނިޔަތް އޮންނާނެ މީހެކެވެ. އެގޮތުން އުސްތާޒު ފައްޔާޒު އިސްމާއީލް ވެސް ރާއްޖޭގެ ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ގެންގުޅުއްވައެވެ. އެކަމަކު އެއްޔަކީ ހެއްދެވުނު އެއްޗެއް ހައްދަވައިގެން ކުރެއްވުމަށް އޮތް ޝައުގެއް ނޫނެވެ. 2028 ގެ ރިޔާސީ އިންތިހާބާމެދު އަދި ފައްޔާޒު ގޮތެއް ނުނިންމަވައެވެ.
އުސްތާޒު ފައްޔާޒު މިހާރު މަސައްކަތްކުރައްވަމުން ގެދަވަނީ މިހާރު މިއޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަލި ކުރެއްވުމަށެވެ. އެކަމުގައި ގުޅިވަޑައިގަންނަވަން ޖެހި ވަޑައިގަންނަވާ ގުޅިވަޑައިގެން އެކަންކުރެއްވުމަށް ފައްޔަ ހުންނެވީ ތައްޔާރަށެވެ. އެކަން ނުކޮށްފިނަމަ މިނިވަންކަމާ އެކުގައި ރައްޔިތުންނަށް އުޅެވޭނެ ކަމަކަށް ފައްޔާޒު ގަބޫލެއް ނުކުރައްވައެވެ.
ދައުލަތުގެ ތިން ބާރު އެއްބާރު އަނެއް ބާރަކަށް ފާރަވެރިވުމަކީ ޑިމޮކްރަސީގެ ވަރަށް ބޮޑު މަފްހޫމެއް ކަމުގައި ވިޔަސް އެގޮތަށް ޕްރެކްޓިކަލީ އެކަން ވާތަން ނުފެންނަ ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ޕާޓީން ކުރިއަށް އޮތް ކެމްޕޭންތަކުގައި ސިސްޓަމަށް ބަދަލުތަކެއް ގެންނަން ވަކާލާތުކުރާނެކަމަށް ޗެއަރޕާސަން ފައްޔާޒު ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރުވަމުން މިދަނީ ކަންބަޅި ބަކައްޓެއްގެ ސިފަައިގައި ހިޔަޅެއް އައިމަ ވާނެގޮތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ސިފަކުރައްވައެވެ. މިސާލެއްގެ ގޮތުން ފައްޔާޒު ދައްކަވާ އެއް މިސާލަކީ އެމްއެމްއޭގެ މައްޗަށް ސަރުކާރަކަށް ބަސްނުބުނެވޭނެކަން ގާނޫނާއި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނާ ބުނުމާ ސަރުކާރާއި އެމްއެމްއޭއިން ހިލާފުވާ ވުމެވެ.
ރައީސް މުއިއްޒަކީ ޑިމޮކްރަސީގެ ހަމައެއް ކުޑަކޮށް ވެސް ގަބޫލުކުރައްވާ ބޭފުޅެއް ނޫންކަމަށާއި ގާނޫނުއަސާސީ އޮތްގޮތުން ޑިމޮކްރަސީ އާއި ރައްޔިތުންގެ ބާރުވެރިކަން އެބަ ފެންނަން ޖެހޭ ކަމަށް ފައްޔާޒު ދެކިވަޑައިގަންނަވައެވެ. 7 އަހަރު ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވި އިރު އަމަލު ކުރެއްވި ގޮތުން އެކަނިވެސް މުއިއްޒު ޑިމޮކްރަސީއަށް ބީރައްޓެހިވަރު ސާފުވެގެން ދެއެވެ.
ރައްޔިތުންގެ ބާރުވެރިކަމާއި ޑިމޮކްރަސީއާ ހިފަހައްޓަން ވާދަވެރި މާހައުލެއްގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާކަމަށް ފައްޔަ ވިދާޅުވެއެވެ. ޕީޕީއެމް/ ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މަޖިލިސް ބޭނުންކޮށްގެން ކޯޓްތަކަށް ބިރުދައްކައިގެން ހުދުމުހުތާރު ނިޒާމަކަށް މުޅި ނިޒާމް ބަދަލުވާތަން މިފެންނަކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވެއެވެ.