ގާނޫނުތައް ފުނޑާލައިގެން މުއިއްޒު އުޅެނީ ވެރިކަން ދަންމާލަން: މަޓޭ ޒާކިރު

ގާނޫނުތައް ފުނޑާލައިގެން މުއިއްޒު އުޅެނީ ވެރިކަން ދަންމާލަން: މަޓޭ ޒާކިރު

ރައީސް މުއިއްޒަކީ ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ މިވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންކަހަލަ ބޭފުޅެއްކަން ވިދާޅުވެ ދެއްވަމުން މައުރޫފް  ޒާކިރު ވިދާޅުވީ "ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ދިގު ދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް " ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ ރިޔާސީ ދައުރު ދިގުކުރާނެ ކަމަށް ވިދާޅުވަމުން މަޓޭ ވިދާޅުވީ ރައީސް ދައުރު ދިގުކޮށްލުމަށްޓަކައި ގާނޫނު އަސާސީއާ ކުޅެންފެށީ ކަމަށެވެ.

ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބޭނުންކޮށްލަން ލިބެނީ ވޯޓުލުމުގެ ފުރުސަތު ކަމަށް ވާއިރު ވޯޓް ލުމުގެ ހައްގު ނިގުޅައިގަތުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް މައުރޫފް ތުހުމަތު ކުރައްވައެވެ. 

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީ ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު އެއްވެސް ބަހުސެއްނެތި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމެވެ.