މަޖިލީހުގެ ރިޔާސަތު: މުއިއްޒު ވެރިކަމުގެ ދިފާއީ އައްޑަނަ!

ރޯލުމޮޑެލް އަދުރޭ މާދަމާ ހުންނާނީ ކާކާއެކު ކޮން ސިފައެއްގައި ކަމެއްނޭނގޭ

މަޖިލީހުގެ ރިޔާސަތު: މުއިއްޒު ވެރިކަމުގެ ދިފާއީ އައްޑަނަ!

ބޮޑު މެޖޯރިޓީއާއި އެކު ރައީސް މުއިއްޒު ސަމާސާ ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. ނަފާވެރި ހެޔޮވެރިކަމެއް ކުރެއްވުމުގެ ނިޔަތް ރައީސް މުއިއްޒުގެ އޮންނާނެ ކަމަށް ދެކެމީހުން މަދެއް ނޫނެވެ. ރެފްރީއަށް ނުފެނި އަތުންވިޔަސް ގޯލެއް ޖަހައިފިއްޔާ ވާނީ ގޯލަކަށެވެ. ހުސްގޮނޑި ދައްކައިގެން ފޮޓޯއެއްގެ ނިވަލުން ވިޔަސް ވެރިކަން ލިބުނީ ރައީސް މުއިއްޒަށެވެ. މުއިއްޒަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. 

ރައްޔިތުންގެ ގިނަ އުންމީދުތަކެއް މުއިއްޒާ ގުޅިފައިވެއެވެ. ރައީސް މުއިއްޒު ވިދަޅުވާ ގޮތުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންނެވެ. ރައީސްގެ އެދިވަޑައިގެން އެދިވަޑައިގަތުން ރައްޔިތުން ބަލައިގަތީ ލޮލުން ބޮލުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ ރައީސަށް އޮތީ ދީފައެވެ. 

ކިތަންމެ ބޮޑު މެޖޯރިޓީއެއްއޮތަސް މަޖިލީހުގެ ރިޔާސަތަށް އަންނަ މީހެއްގެ ގޮތުން ކަންކަން ފާލުން ނައްޓާލާ ސަރުކާރު ހިންގުމަށް އޮތް ގޮއްރާޅަކަށް މަޖިލިސް ވެދާނެއެވެ. މަޖިލީހުގެ ރައީސަކީ އަގުޅިނެތް ކަންނޭލަކަށް ވެއްޖެނަމަ ގައުމު ހަރާބުގެ މަގަށް ސޮއްސާލުން ވަރަށް ކައިރިއެވެ. އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީއަށް ލިބުނު މަޖިލިސް މެޖޯރިޓީގެ ނަފާ ސަރުކާރަށާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތުގައި ނުކުރީ މަޖިލީހުގެ ރިޔާސަތަށް އިސްކުރެވުނުގެ ބައެއްގެ ސަބަބުންނެވެ. އެމްޑީޕީ ކުރި އެހިތި ތަޖުރިބާ ރައީސް މުއިއްޒު ކުރައްވާކަށް ބޭނުންފުޅެއް ނުވާނެއެވެ. 

ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތް މަޖިލީޙުގެ ރިޔާސަތަށް އަންނާނެ ކަމަށް ބެލެވޭ ދެތިން ބޭފުޅެއްގެ ވާހަކަ ތުންތުންމަތިން އެބަ ކިޔައެވެ. ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުއްލާއާއި މަޑުއްވަރީ ދާއިރާގެ މެންބަރ އަހުމަދު ނާޒިމާއި ނިލަންދޫ ދައިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. 

އަބްދުއްރަހީމް އަބްދުއްލާއަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަމުގެ ތަޖުރިބާ މީގެކުރީންވެސް ކޮށްފައިވާ ބޭފުޅެކެވެ. ރިޔާސަތު ބެލެހެއްޓުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ރުންކުރު ބޭފުޅެކެވެ. ރައްދު ދިނުމާއި ޖަދަލު ކުރުމުގެ މާޒީއެއް އޮތް ބޭފުޅެކެވެ. އިލްމީގޮތުން ބައިނަލްއަގުވާމީ ދަނޑުގައި ފައިހަމަ ކޮށްލެވޭ ވަރުގެ އިލްމީ ބޭފުޅެއް ނޫނެވެ.

އަނެއްކޮޅުން ރައީސް މައުމޫނުގެ ލޯޔަލިސްޓެއްގެ ގޮތުން މަޝްހޫރުވި އަދުރޭ ފަހުން ވެގެން ދިޔައީ ރައީސް ޔާމީނަށް އެންމެ ވަފާތެރި އެހެނަސް ރައީސް މައުމޫނަށް ބޭވަފާތެރި ބޭފުޅަކަށެވެ. އާހިރުގައި ރައީސް ޔާމީނަށް ދޯކާދީ ރައިސް މުއިއްޒުގެ ރޯލުމޮޑެލަށް ވެވަޑައިގެން ހުންނެވި އަދުރޭ މާދަމާ ހުންނަވާނީ ކާކާއެކު ކޮން ސިފައެއްގައި ކަމެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ހަމަ އެހެންމެ މުއިއްޒުގެ ސަރުކާރުތެރެއަށް އަދުރޭގެ މަސްލަހަތުގައި އެތައް ބަޔަކު ލާންޖެހި މުއިއްޒުގެ ސަރުކާރުގެ މަތިބަރުވުމުގެ ސަބަބަކަށް އަދުރޭވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދުރޭއަށް ލިބިއްޖެނަމަ ރައީސް ސޯލިހަށް ރައީސް ނަޝީދާ ހެދި ޖެހުނު ދަތުރު ރައީސް މުއިއްޒަށް ނުޖެހިއެއް ނުދާނެއެވެ. ރައީސް މުއިއްޒު އެހާ މޮޔައެއް ނުވާނެއެވެ. 

ރައީސް މުއިއްޒަށް އެންމެ ރަނގަޅަށް ހެޔޮވެރިކަމެއް ކުރެއްވޭނީ ދެބެންގެ ދެދަރި ބޭބޭފުޅު ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް (ނަމިރާ ނާޒިމް)އަށް މަޖިލީހުގެ ރައީސްކަން ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ގިނަ ދައުރުތަކެއް ފުރިހަމަ ކުރައްވާ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ނަމިރާ ނާޒިމަށްވުރެ މަޖިލީހުގެ ރިޔާސަތަށް ކުފޫހަމަ ދެވަނަ ބޭފުޅަކު މިވަގުތަކު ނެތެވެ. އިލްމީގޮތުންވެސް މަތީތައުލީމާއި ޕާލަމެންޓަރީ ތަޖުރިބާއިން މުއްސަދި ނާޒިމަކީ ބައިނަލްއަގުވަމީ ދުނިޔޭގައިވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކަރާމާތް ހިފަހައްޓާ ދެއްވޭވަރުގެ ގާބިލު ބޭފުޅެކެވެ. ރައީސް މުއިއްޒާ ލޭގެ ގުޅުންއޮތް ރާއްޖޭގެ ސިޔާސީ ތަޖުރިބާ ކާރެކެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގެ ހައިބަތާއި ރައީސް މުއިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށް ތަންފީޒު ކުރުމަށް މަޖިލީހުގެ ރިޔާސަތަށް އަހުމަދު ނާޒިމަށް ވުރެވަކީން ރަނގަޅު މީހަކު ނެތެވެ. މަޖިލީހުގެ ރިޔާސަތަކީ ރައީސް މުއިއްޒަށް ވަފާތެރި ރިޔާސަތަކަށް ހެދުމަށްޓަކައިވެސް މަޖިލީހުގެ ރައީސްކަމަށް ރައީސް މުއިއްޒުގެ ބޭބޭފުޅު އަހުމަދު ނާޒިމް އިސްކުރުން މުހިންމެވެ. ނައިބްރައީސް ކަމަށް ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އިސްކޮށްގެން ރައްޔިތުގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދިފާއީ އައްޑަނައަކަށް ހެދޭނެއެވެ.