މާލޭ މޭޔަރގެ އިހުލާސްތެރި ޝުކުރު ޖަޕާނު ސަރުކާރަށް

މާލޭ މޭޔަރގެ އިހުލާސްތެރި ޝުކުރު ޖަޕާނު ސަރުކާރަށް

މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ޖަޕާނު ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ. މޭޔާރ އާޒިމް ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވީ އެ ގައުމުން މެދުކެޑުމެއްނެތި ތަރައްގީއަށްޓަކާ ވެދެމުންދާ އެހީތެރި ކަމަށްޓަކައެވެ. 

މާލެ ރައްކާތެރިކުރުމަށް ހަދާފައިވާ ކަނޑުތޮއްޓަކީ ހަމައެކަނި މުހިންމު އަސާސީ ވަސީލަތެއް ނޫންކަމަށާއި ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދެމިގެންވާ ރަމްޒެއްކަމަށް މާލޭ މޭޔަރު ވިދާޅުވެއެވެ. މާލެ ސިޓީއަށް ކުރިމަތިވާ ކާރިސާތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށި އާބާތުރަ ފިލުވުމަށް ޖަޕާނުން ދެމުންދާ އެހީތެރިކަން އާޒިމު ސިފަކުރައްވަނީ ވަރަށް އަގުހުރި ދެމިގެންވާ ބައިވެރިވުމެއް ގޮތުގައެވެ. 

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ޖަޕާނާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރާ އަންނަނީ ގާތް ވަމުންނެވެ. މި ދަނޑިވަޅުގައި 1.55 ބިލިޔަން ޔެން ގެ އެހީގެ މަޝްރޫއެއް ކާރިސާތަކުން ރަށްތައް ރައްކާތެރިކުރުމަށް ޖަޕާނުން ރާއްޖޭގައި ފެށުމަކީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެން ދާނެކަމެއްކަމަށް މާލޭ މޭޔަރު ދެކެވަޑައިގަނެއެވެ.

ގޮނޑުދޮށް ރައްކާތެރިކުރުމަށާއި މޫސުމަށްުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއްކަމަށް މޭޔަރު ފާހަގަ ކުރައްވައެވެ. މާލެ ސިޓީގެ ރައްޔިތުންނަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދެއްވާ ޖަޕާނުގެ ދައުރަށްޓަކައި ހަގީގަތުގައިވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.