ޗާގޯސް މައްސަލަ: ރާއްޖެއަށް ގެއްލޭނެ އެއްޗެއް ނެތް

ޗާގޯސް މައްސަލަ: ރާއްޖެއަށް ގެއްލޭނެ އެއްޗެއް ނެތް

ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންގެންދާ އިމުގެ މައްސަލާގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަން މޮރިޝަސް ސަރުކާރަށް ވަނީ އަންގާފައެވެ. ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖޭގައި ގެ ހުރިހާ ސަރުކާރަކުން ވެސް އަޑު އުފުލާފައިވެއެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭ ކަމަކީ ދެގޮތެއް ނުވާ ކޮންސިސްޓަންޓް ސިޔާސަތެވެ. ރާއްޖެ އދ ގެ މެންބަރަކަށް ވީއްސުރެ ދުނިޔޭގެ ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވީ ހުރިހާ ގައުމެއް މިނިވަން ވުމުގެ މައްސަލަތަކުގައި ރާއްޖޭން ތާއީދުކޮށްފައި ވަނީ މިނިވަން ކަމުގެ ކޮޅަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ކަމުގެ ހަގީގަތް ސާފުކޮށް ދީފިއެވެ.

ރާއްޖޭގެ ދެކުނަށް އޮތް ޗާގޯސްއަކީ ރަށްވެހިން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެކެވެ. އެ ތަނަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައި ބުނެ މަޝްވަރާ ކުރެވެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުން 2017 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޗާގޯސްއާއި ބެހޭ ގޮތުން އިސްތިޝާރީ ލަފައަކަށް އެދުނެވެ. އެކަމާ ގުޅިގެން " އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގެނަމުގައި އައިޖޭސީން ނެރުނު އިސްތިޝާރީ ލަފައަކީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ. ނަތީޖާ އަކަށްވީ ގިނަ ގައުމު ތަކެއް ގުޅިގެން އދ. އާއްމު މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. ގަރާރުގައި ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާފައިވެއެވެ. 22 މެއި 2019 ގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ އެއްކޮޅަށް 116 ގައުމުން ވޯޓު ދިން އިރު ރާއްޖެ ހިމެނުނީ ގަރާރަށް ވޯޓު ނުދިން ހަ ގައުމުގެ ތެރޭގައެވެ.  

މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ގެންނަން އުޅުނުހެން އެ ތަނަކީ ރާއްޖޭގެ ބަޔަކަށް ހަދާކަށް ނޫޅެއެވެ. ކުޑަމިނުން މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ. އެކަމުން އެނގެނީ ޗާގޮސްގެ ރަށްތަކާ ދޭތެރޭގައި އެއްވެސް އިރަކު ރާއްޖޭގެ ޝައުގުވެރިކަން ނެތްކަމެވެ. ރާއްޖޭން އުޅުނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރު ކުރުމަށެވެ. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި އެ މައްސަލަ ރާއްޖެއިން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅިއެވެ. އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ހިނގަމުން އެބަދެއެވެ.

މިހާރު ވެގެން މި އުޅޭ ގޮތަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމާއި ރާއްޖެ ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ދިވެހި ސަރުކާރުން ނިންމުމް ބަޔަކު ސިޔަާސީ އެޑްވާންޓެޖެއް ނަގަނީއެވެ. އެކަމަކު އދ.ގެ އާންމު މަޖިލީހުގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދިނުމަކުން ރާއްޖޭގެ ސަރަހައްދީ އިން ކަނޑަ އެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.  ޗާގޯސް ގެ ސިޔާދަތީ ބާރުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އެކަމުގައި ރާއްޖެއަށް ގެއްލޭ އެއްޗެއް ނެތެވެ.