ޗާގޯސް މައްސަލައިން ވެސް ޕީޕީއެމްގެ މުނާފިގުކަން
ޔާމީނަށް ވެރިކަން ހޯދުން ނޫން އެހެން އެއްވެސް މަގުސަދެއް ޕީޕީއެމްގެ ނެތް
23 މެއި 2019 : މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ: ޕީޕީއެމް
24 އޮކްޓޯބަރ 2022 : ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާ ހިލާފަށް.
ރައީސް އަޒުލުކުރަން ހުށަހަޅާނަން: އިދިކޮޅު
ގައުމުގެ ސިޔާދަތާއި މިނިވަން ކަމުގެ ވާހަކަ ޕީޕީއެމުން ދައްކަނީ އެ ވަގުތަކަށް ނެގެން އޮތް ސިޔާސީ ފައިދާއެއް ނަގަންކަން ސާބިތުވެއްޖެއެވެ. އެބުނާ އިހުލާސް ތެރިކަމެއް އޮތްނަމަ ގައުމީ މަސްލަހަތު އޮތްކަމެއްގައި ދެފަހަރު ދެގޮތަށް ޕީޕީއެމަކުން ވާހަކައެއް ނުދެއްކީހެވެ.
ދެފަހަރު ދެގޮތަށް
ޗާގޯސް މައްސަލާގައި 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ބަޔާން ނެރެހެދީ މޮރިޝަސްއާއި ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓު ދީގެނެވެ. އެ ދުވަހު ޕީޕީއެމުން ގޮވާލީ މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށެވެ.
2019ގައި ޗާގޯސް މައްސަލައިގައި މޮރިޝަސް އާދެކޮޅަށް އދ ގެ ޖެނެރަލް އެސެމްބުލީގައި ރާއްޖެ ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ޕިޕީއެމުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ޕީޕީއެމުން ބުނެފައި އޮތް އެއްޗަކާ މިއަދު އެ ދައްކާ ވާހަކައާއި އުޑާ ބިމާހާ ތަފާތެވެ.
މޮރިޝަސްއާއި ދެކޮޅަށް 2019 ގައި ރާއްޖެއިން ވޯޓުދިނުމުން އެކަންކުށްވެރި ކޮށް ޕީޕީއެމުން ނެރުނު ބަޔާނުގެ ހުލާސާ:
- ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައިކޯޓް (އައސީޖީ)އާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށް.
- ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ބުންޏަސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށް.
- އދ. ގެ އެތައް ސަތޭކަ ( 116 ) ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމު ( އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ، ދިވެހިރާއްޖެ އަދި އިޒްރޭލް ) ވޯޓު ދިންއިރު، އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް ކަމަށް.
ޕީޕީއެމުން ކުރިން ގޮވާލި ގޮވާލުމާ އެއްގޮތަށް އދ ގެ 116 ގައުމުގެ ވިސްނުމަށް އިހުތިރާމްކޮށް އިސްތިއުމާރަށް ތާއީދު ކުރުން ހުއްޓާލާ މޮރިޝަސްއަށް ތާއީދު ކުރަން ސަރުކާރުގެ ވިސްނުން ބަދަލު ކުރުން ވެސް ޕީޕީއެމަކަށް ކަމަކު ނުދިޔައެވެ.
ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށް ވެއްޖެއެވެ. ރައީސް އަޒުލުކުރަން ހުށަހަޅާން ޖެހިއްޖެއެވެ. މުޅި ވާހަކައިގެ ރާގު ބަދަލު ވެއްޖެއެވެ.
މޮރިޝަސްއާއި އެއް ކޮޅަށް ރާއްޖެއިން ވޯޓުދިނުމަށް ސަރުކާރުގެ ވިސްނުން ބަދަލު ކުރުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން މިހާރު ( 2022 ) ގައި ދައްކާ ވާހަކައިގެ ހުލާސާ:
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު:
- ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ. އަދި އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅު ސިޔާސަތެއް މީގެ ކުރިން ސަރުކާރުން ދެމެހެއްޓީ އެ ސަބަބަށްޓަކައި.
- ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން.
- ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ފާސް ކުރުމަށްފަހު.
- ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށް ވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ.
- ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސްގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު.
- މީގެ އިތުރުން، ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސި ވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސްއިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި.
- ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
- ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސް ގެއްލޭ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލަން.
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް:
- ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލުން.
- ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު، އެ ކަމަށް ބަދަލު ގެނެވޭނީ މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން.
- ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އަކީ މި ގައުމަށް ގައްދާރު ވެފައިވާ ދެ ހާއިނުން.
- ރާއްޖޭގެ ބައެއް ގެއްލިގެންދާ ގޮތަށް އެއްވެސް ތަނެއްގައި ވޯޓު ދިނުމުގެ ހައްގެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ނުލިބޭނެ.
- ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕެޓިޝަންގައި ސޮއިކޮށް ދިނުމަށް ގޮވާލުން.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް:
- ރައީސް ސޯލިހް އަޒުލު ކުރަން ޖެހޭނެ.
- އަޅުގަނޑުމެން ނުވޭ މި ގައުމު ދެކެ ލޯބިވާ، މި ގައުމަށް އިހްތިރާމް ކުރާ ބަޔަކަށް.
ފަރަސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް:
- ސަރުކާރަށް ސަލާމަތް ވެެވޭކަށް ނެތް.
- ޒިންމާ ނަގަން ޖެހޭނެ.
- ގައުމީ މަސްލަހަތު އިސްކުރުމަށް އަވަސް އިންތިހާބަކަށް ޖާގަ ދޭން ޖެހޭ.
ސަރުކާރުގެ ސްޓޭންޑް:
- ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ނެތް.
- ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ.
- އަޅުވެތިކޮށްފައިވާ ތަންތަން މިނިވަން ކުރުމުގެ ސިޔާސަތަށް ތާއީދު ކުރުން.
- ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހާ އެއްގޮތަށް އަމަލު ކުރުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑު ގޮތް.
ޕީޕީއެމްގެ މުނާފިގުކަން:
- ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެ ގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނެ އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅަށް މީގެ ކުރިން ސަރުކާރުން ދެމެހެއްޓި ސިޔާސަތަށް މިހާރު ތާއީދުކޮށް ވާހަކަ ދައްކާއިރު ދުނިޔޭގެ 116 ގައުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދީގެން ރާއްޖެ ވެފައި އޮތީ ދުނިޔޭގެ ތަރައްގީއާއި ތަމައްދުނުގެ ވިސްނުމާ ދުރު އިސްތިއުމާރަށް ތާއީދު ކުރާ ގައުމަކަށެވެ.
- ސަރުކާރުން އޭރު މޮރިޝަސްއަށް ތާއީދު ނުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ކަމަށް ބުނި ބުނުން 2019 ގައި ޕީޕީއެމް ކުރިމަތީގައި އެއްޗަކަށް ނުވިއެވެ. އެކަމަކު ސަރަހައްދީ އިމާގުޅޭ ކަމެއްގައި ސަރުކާރުގެ ވިސްނުން ބަދަލު ނުވާއިރު މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ޗާގޯސް މައްސަލައިގައި އަދި ނެތް ކަމެއް ޕީޕީއެމަކަށް ނޭގުނެވެ. މަޖިލީހުން ފާސްނުކޮށް ސަރަހައްދީ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ އެ ޒާތަށް ޕިޕީއެމުން ވާހަކަ ދައްކާއިރު ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރާ ކަމަށް ސަރުކާރުން ބުނާ އަޑެއް ޕީޕީއެމަކަށް ނީވެއެވެ.
- ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް މަޖިލީހުގެ ރުން ނެތި މި ސަރުކާރުން އަމަލު ނުކުރާނެކަން އެނގިހުރެ އަމަލު ކުރަން ޖެހޭ މުއާހަދާއެއް ނެތްއިރު މުއާހަދާއެއްގެ ވާހަކަ ޕީޕީއެމުން ދައްކަނީ ކަންކަން އޮޅުވާލުމަށެވެ.
- ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށްވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ ކަމަށް ޕީޕީއެމުން ބުނާއިރު ޗާގޯސްއަކީ މޮރިޝަސްގެ އިހުތިސާސް އޮތް ތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން އެޑްވައިޒަރީއެއް ނެރެ އެކަން އދ ގެ މެންބަރު 116 ގައުމުން ބަލައިގެންފައި އޮތްކަން ނޭނގޭ ކަމަށް ހަދައިފިއެވެ. އިހުލާސްތެރި ނިޔަތެއް އޮތް ނަމަ އެ ވާހަކަ ދައްކާނީ މިހާރަކު ނޫނެވެ. މޮރިޝަސްއިން ޗޯގޯސް ހޯދަން އިޖީސީގައި އުޅުނު އިރެވެ.
- ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސް ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވާނަމަ އެތަން ހޯދަން ކުރިން ނޫޅުނުތާ މޮރިޝަސްގެ އިހުތިސާސްގެ ދަށަށް ޗާގޯސް ގެންދަން އޭރު ބާރު އެޅީ ކީއްވެ ހެއްޔެވެ.
- ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސް އިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި ވާނެކަން ނޭގި މޮރިޝަސްގެ ދަށަށް ޗާގޯސް ގެންދިއުމަށް ސަރުކާރުން ދެކޮޅު ހެދުމުން އޭރު ސަރުކާރުކާރުގެ އެ ނިންމުން ކުށްވެރި ކުރީ ކީއްވެ ހެއްޔެވެ. އެކަން އެނގުނީ މިހާރު ހެއްޔެވެ.
މައިގަޑު ޕީޕީއެމުގެ މަގުސަދަކީ ވެރިކަން ވައްޓާލުމެވެ. 2019 ގައިވެސް އަދި މިހާރު ވެސް ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް ކަމަށް ބުނެ ކުރާ ކަމަކީ ފިތުނަ އުފެއްދުމެވެ. ރައްޔިތުންނާ ސަރުކާރާ ޖެއްސުމެވެ. ޕީޕީއެމުން އުޅެނީ ސަރަހައްދީ އިމަކާ ހެދިގެނެއް ނޫނެވެ. އަޅުވެތި ކުރުމާ ދެކޮޅުވެގެނެއް ވެސް ނޫނެވެ. އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލި މަސްވެރިންނަށް އުނިކަމެއް އަތުވެދާނެ ތީއެއް ވެސް ނޫނެވެ. ޔާމީނަށް ވެރިކަން ހޯދުން ނޫން އެހެން އެއްވެސް މަގުސަދެއް އެމީހުންގެ ނެތެވެ. ގައުމިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި ހަމައެއް ލަމައެއް އެ މީހުންގެ ނެތެވެ.