ޗާގޯސްގެ ކަންތައް ރައީސް ސާފުކޮށް ދެއްވައިފި
ވޯޓުދޭން ނިންމީ އިގުތިސާދީ ސަރަހައްދުން އަކަ އިންޗިއެއް ވެސް ގެއްލުނަ ނުދިނުމަށް
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސާފުކޮށްދެއްވައިފިއެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ އެކަން އޮތްގޮތް ވިދާޅުވެ ދެއްވީ ކަންކަން ރަނގަޅަށް އެނގިތިބެ ބަޔަކު ސިޔާސީގޮތުން ނަފްރަތު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ދެމޫނުގެ ވެރިބަޔަކަށް ނުވެ ތެދުބަހުން ވާހަކަ ދެއްކުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ތެދު ފުޅެކެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލުމަށް އޮޅުވާލައިގެން ވާހަކަ ދައްކާ މީހުން ލައްކަގިނައެވެ. ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ފަތުރަނީ ފުރިހަމަ މުސްލިމުންނޭ ކިޔައިގެން ތިބެއެވެ. ތެދުބަހުން ވާހަކަ ދައްކައިގެން ދެމޫނުގެ ވެރި ބަޔަކަށް ނުވެވޭނެ ނޫން ހެއްޔެވެ.
ކުރީގެ ރައީސް ނަޝީދު: މޮރިޝަސްގެ އެންމެ މަތީ މެޑެލް އެރުވި
ދެމޫނުގެ ވެރިން މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ވާހަކަ ދައްކަނީވެސް ސިޔާސީ މަންފާއަށްޓަކައެވެ. ހުޅުވިފައިވާ ހައްގު ކަށަވަރު ކުރުމުގެ އަޑު އެއް އަޑަކަށް ގުގުމާލާފައިވާ ޑިމޮކްރެޓިކް މި ޒަމާނުގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަހައްދީ އިމުގެ އެތައް މައްސަލައެއް ހައްލުނުކުރެވި އެ އޮތީއެވެ. ބޮޑެތި ބާރުތަކުގެ މެދުގައި ވެސް އޮތީ އެކޯޅުމެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއެރުމުގެ މައްސަލައަށް ހައްލެއް ނުހޯދި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކި ދުވަސްވަރު އޮތް ސަރުކާރުތަކުން އެކި ފެންވަރުގައި މަޝްވަރާ ކުރެވުނެ. އެގޮތުން މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާ އެކުގައި މަސްވަރާކޮށް ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދު، ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް އެއްބަސްވެވުނެވެ. އޭރު އިގިރޭސީންނާ މަސްވަރާ ކުރެވުނީ ޗާގޯސްއަކީ އިގިރޭސީންގެ ސިޔާދަތުގައި އޮތް ތަނަކަށް ވާތީއެވެ.
މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލްއަގުވާމީ ދަނޑުގައި ހެސްކިޔާފައި މަސައްކަތް ކުރިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ވާނީ މޮރިޝަސްއަށް ކަމަށް ވަކާލާތު ކުރަމުން ދިޔައެވެެ. މޮރިޝަސްގެ ދައުވާ ބައިނަލްއަގުވާމީ ގޮތުން ވައިގައި ހިފަމުން ދިޔައިރު 2011 ގައި ރާއްޖެއިން މޮރިޝަސްއާއި އެކު ވެސް ފުށުއަރާ ކަނޑުގެ ސަރަހައްދަ ގުޅޭ ގޮތުން މަސްވަރާ ކުރިއެވެ.
ކުރީގެ ރައީސް ނަޝީދު: އިމުގެ މައްސަލަގައި މޮރިޝަސްއާ މަސްވަރާކުރި
ފުށުއަރާ ކަޑުގެ އިމުގެ މައްސަލާގައި މޮރިޝަސްއާއެކު ރާއްޖެއިން މަސްވަރާތައް ކުރެވެމުން ދިޔައިރު ވެސް ރާއްޖެއިން ގަބޫލު ކުރަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރަކީ އިގިރޭސި ވިލާތް ކަމަށެވެ. އެއްވެސް އިރަކު އެއްވެސް ސަރުކާރަކުން ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ ރާއްޖެއަށް ކަމަކަށް ނުދެކެއެވެ.
މި ސަރުކާރަށް ވީފަހުން 2019 ވަނަ އަހަރު ޗާގޯސްގެ ސިޔާދަތީ ބާރުވެރި ފަރާތަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުން ދެކޭ ގޮތް ބެލުމަށް އދ ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓުދިނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ނުވާކަމަށެވެ. ރާއްޖޭގެ އިތުރަށް އެހެން ފަސްގައުމުން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިން ނަމަވެސް ދުނިޔޭގެ 116 ގައުމަށް ފެނުނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށް ކަމަށެވެ. އެ ނިންމުމަށް ބާރު ދެނީ ދުނިޔޭގެ ކޯޓުގެ އިސްތިޝާރީލަފައެކެވެ.
އދ ގެ އާއްމު މަޖިލީހުގެ އެ ނިންމުމާއި އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެން ނުވާ ތަނެއް ކަމަށް ބެލުމުގެ ފުރުސަތު މިހާރު ވަރަށް ހަންޏެވެ. މި އަސާސްގެ މައްޗަށް މޮރިޝަސްއާއި ދެކޮޅުވެރި ވެގެން ރާއްޖެއަށް ވާނެ މޮޅެއް ނެތެވެ. ސުލްހަވެރި ކަމާއެކު އިމުގެ މައްސަލަ ހަމަޖައްސަން އޮތް އެންމެ އަވަސް، ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އެއް ކޮޅަށް ރާއްޖެއިން އެރުމެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން އަކަ އިންޗިއެއް ވެސް ގެއްލުނަ ނުދިނުމަށެވެ. ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ކުދި ގައުމުތަކުގެ މައްޗަށް ބޮޑެތި ގައުމު ތަކުން ގެންގުޅެމުންއައި އަަޅުވެތި ކުރުމުގެ އާދަކަދައާއި ދެކޮޅަށެވެ.
ހަރު ތަޅާލީމާ ނިކުމެ ދުއްވައި ގަންނަ ކަޅުވެން ތަކެއްހެން ފިތުނައެއް ފެށޭ ކޮންމެ ދަޑިވަޅެއްގައި ވިހަލާން އާޒިމާއެއް ދިޔާނާއެއް އުޅޭނެ ކަމެއްނެތެވެ. ބަންޑާރަ ނައިބުކަމުގައި ތިބެ ހޭވި ހަޑިން ގައުމުގެ ރައްޔިތުން އަދިވެސް އެ އުޅެނީ އަރައި ނުގަނެވިގެންނެވެ. ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ނުބުނެވެންޏާ ވެރިކަމުގައި ހުރެ ޗާގޯސް ރާއްޖެއަށް ހޯދަން ނޫޅެ ބޮޑުވަޒީރުކަމުގެ ދަހިވެތިކަމުގައި ނަޝީދެއް ކަމަކު ދުފާއެއްޗިއްސޭ ނުކިޔާ ހުރި ހާލަށް ހުރެވޭތޯ ބަލާށެވެ. ޑީލެކޭ ފައިސާއެކޭ ނުކިޔާ އަނގަވެސް ނުހުޅެވޭ ޔާމީނު މަސްވެރިންނޭ އިގްތިސާދީ ސަރަހައްދޭ ނުކިޔާ ވަގަށް ނެގިހާ ފައިސާ ދައުލަތަން އަނބުރާ ދިނިއްޔާ މާ ތާހިރުވާނެއެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލަން ނޫޅެ ދެމޫނުގެ ވެރިން ގެއަށް ކަޑާލަންވީ ނޫން ހެއްޔެވެ.