ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުން

ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ގެ ހެނދުނު 9:00 އިން - އޮގަސްޓު 7 ގެ މެންދުރުފަހު 2:00 އަށް

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުން

ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުމަށް މި އަހަރުގެ ސެޕެޓެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އިންތިހާބުގައި ވާދަކުރައްވަން އެދޭ ކެންޑިޑޭޓުން، ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

ފޯމްތައް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށް ވެއެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށްް ކަމަށް އިއުލާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ޙާޟިރުވެ މަޢުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވެސް ޖެހެއެވެ. އެ މީހަކަށް ޙާޟިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެ މީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި ހުށަހެޅޭނެ ކަމަށ.ވެސް އިއުލާން ބުނެއެވެ

އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ކަނޑައެޅިފައި ވަނީ ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ ޝަރުތުތައް

1- ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

2- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.

3- އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.

4- ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

5- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

6- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

7- އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުތުތަކަށް އީސީން ބުނެފައި ވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން:-

  1. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް
  2. ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމް
  3. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
  4. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  5. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  6. އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
  7. ޑރ. އަބްދުއްލާ ސިޔާމް ހަސަން
  8. ޑރ. މުހައްމަދު އާތިފް