ޕީޕީއެމް ސަރުކާރުން ރައްޔިތުންނަކަށް ނުވިސްނާ: މުއިއްޒު
މުއިއްޒު އުޅުއްވަނީ އެމްޑީޕީގެ 2018 ގެ މެނެފެސްޓޯގަ
ޕީޕީއެމް ސަރުކާރުން ރައްޔިތުންނަށް ނުވިސްނާ ކަމަށް ދޭހަވާހެން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފިއެވެ. މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވީ ހއ. ވަށަފަރަށް ކުރައްވާ ކެންޕެއިން ދަތުރުގައެވެ. މުއިއްޒު ވިދާޅުވީ އަސާސީ ބޭނުންތައް ފުއްދަން ވައުދުވާން ނުޖެހޭކަމަށެވެ. ކެންޑިގޭޓުން ވައުދުވަނީ ރައްޔިތުންނާ މެދު ނުވިސްނާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ހައުސިން އިންފްރާންސްޓްރަކްޗަރ ވަޒީރުކަން ހަތް އަހަރު ކޮށްފައިވާ ޑރ. މުއިއްޒު އެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ވިސްނާފައި ނެތްކަން އަމިއްލަ އިއުތިރާފުން އެވިދާޅުވީއެވެ. ޑރ. ވަހީދުގެ ބައި ދައުރާއި ރައީސް ޔާމީނުގެ ފަސް އަހަރު ޖެހި ޖެހިގެން އަސާސީ ހިދުމަތްތައް ގާއިމުކުރުމާ ބެހޭ ވަޒީރުކަމުގައި ހުރެގެން ރަށްރަށުގެ ފެނާ ނަރުދަމާ ނޭޅީއެވެ. ލަފާފުރޭނެ ފަސޭހަ ބަނދަރުތައް ރަށްރަށުގައި ނުހެދީ އެހެން ވެއެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ރަށްރަށުން ކަރަންޓް ދިޔައީ އެހެން ވެއެވެ. ގެނދަބުޅި އަރާ ހަސްނެތިފައި އިންޖީނުގެތައް ހުރީ އެހެންވެއެވެ. ދަތުރުފަތުރުގެ ނިޒާމް ގާއިމު ނުކޮށް އޮތީ އެހެންވެއެވެ. ވަހީދު ސަރުކާރާއި ޔާމީނު ސަރުކާރުގެ އެއްވެސް ވިސްނުމެއް ރައްޔިތުންނާ މެދު ނެތީމައެވެ.
ބުނަން ހެއްޔެވެ. މުއިއްޒު ވެރިކަމަށް އައިސް ފުއްދާ ދޭނެ އަސާސީ ހިދުމަތެއް ނޯންނަ ވަރަށް ރައީސް ސޯލިހު އެވަނީ ގިނަ ރަށްރަށުގައި ލަފާފުރުމުގެ ދަތި ހައްލުކޮށްދީފައެވެ. އެތައް ރަށެއްގައި ދަނީ އެމަސައްކަތް ކުރަމުން ނިމެމުންނެވެ. ތިޔަކުރާ ކެންޕޭން ދަތުރުތަކުގައި ރަށްރަށަށް އަރާފައިބަން ލިބިފައި އޮތް ފަސޭހައަކީ ރައީސް ސޯލިހުގެ ނިމެމުންދާ ފަސް އަހަރު ކުރެއްވި ހެޔޮވެރި ކަމުގެ ނަތީޖާއެވެ. 2018ގައި ކެންޕޭން ކުރި އިރު ރަށްރަށަށް އަރަން އުޅުނު ދަތި ހާލު ހަދާނެއް ނެތްދޯއެވެ.
ކަރަންޓާ ފެނުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހިޔާވަހިކަން ނުލިބޭ މީހަކު ނުހުއްނާނެ ދުވަސްވެސް ލައްކަ ކައިރއެވެ. އެމީހަކު ދިރިއުޅެން ބޭނުން ތާކުން ހިޔާވަހިކަން ރައީސް ސޯލިހު އެގެންދަވަނީ ހޯއްދަވާ ދެއްވަމުންނެވެ. ޕީޕީއެމް ކޮންޓްރޯލު އޮތް ބަގަވީ ސަރުކާރަކާ ޕީޕީއެމް ސަރުކާރެއް ރައްޔިތުން ވަނީ ދެކެފައެވެ. މަގާ ބަނދަރާ ހެދީ ކޮންތާކު ކިހިނެއްކަން ރައްޔިތުންނަށް އެގެއެވެ.
ހޮދު އަމިއްލަ އުފަން ރަށަށްވެސް މުއިއްޒުމެންގެ ވެރިކަމުގައި ކޮށްދިން ކަމެއް ހަރާމުން ހަރާމެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅަން ނޫޅޭށެވެ. ރަށްރަށު ރައްޔިތުންނަށް ގޯތި ނުދީ ރަށްރަށުން މުއިއްޒުމެންގެ ބޭނުމަށް 13 ސާދަ ގެވަޅު ކަނޑަން ދިމާކުރީ ތިޔަ މުއިއްޒެވެ. އެރަށްރަށު މީހުން އެކަން ހަނދާނެއް ނުނެތެއެވެ.
ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ނަމަ ހަތް އަހަރު ލިބުނެވެ. އެކަމެއް ނުވިއެވެ. ދެންވެސް ނުވާނެއެވެ. ބަލަ މުއިއްޒޫއެވެ. ރަށްރަށުގެ ބިންތައް ބާރު ސްޕީޑްގައި ހިކެމުން ދާތަނެއް ނުފެނޭ ހެއްޔެވެ. ހިއްކައިގެން ބިންތަކުން ދޫކުރާ ގޯތިތަކުގައި އިމާރާތެއް އެޅުމަށް ލުއި ލޯން ނިޒާމެއް ހަމަޖެހި އެލޯނުގެ މަންފާ ރައްޔިތުން ހޯދާކަމެއް ނޭނގޭ ހެއްޔެވެ. ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ރަށެއް ތަފާތު ނުކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނާއިރު ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ރައީސް ސޯލިހު އެކަންކަން ކޮށް ނިންމާ ތަނެއް ނުފެނޭހެއްޔެވެ.
މުއިއްޒު ތިޔަ އުޅުއްވަނީ މާފަހަތުގައެވެ. ތިޔަ އުޅުއްވެނީ ރައީސް ސޯލިހުގެ ނިމިދާ ދައުރުގެ މެނެފެސްޓޯގައެވެ. ވާނެ ވައުދެއް ދައްކާނެ ވާހަކައެއް ނެތިއްޔާ ތިޔަ ބޭކާރު މަސައްކަތް ހުއްޓަވާލައްވާ ދިވެހީންގެ ރާއްޖެ ލާފުރާ ފުރިހަމަ ކުރަން އިބޫއާ އަތުގުޅާ ލައްވާށެވެ.