އަންނިއަށް ނޭނގޭ ކަމަކީ މެޖޯރިޓީއަށް ތަބާވުން
އިބޫ ވެރިކަން ކުރަނީ އެމްޑީޕީ މެޖޯރިޓީ އެދޭގޮތަށް
ސަރުކާރު ހިންގުމުގައި ގާނޫނާ ހިލާފު ކަންކަމާ ފަސާދައިގެ ކަންކަން ހިނގާނަމަ ރައީސަށް ދަންނަވައި އެ ކަންކަން އިސްލާހު ކުރަން އުޅުމާ ހެޔޮލަފާ އެރުވުމަކީ ސިޔީސީ މަގާމު ތަކުގައި ތިބޭ މީހުން ކުރަން ޖެހޭ ކަމެކެވެ. ވަޒީފާގެ ބިރު އޮތް ނަމަ ފަސާދައިގެ ކަންކަމާ ގުޅިގެން ވިސްލްބްލޯގެ ކަންކަން ގާނޫނީ ހަމައިގެ ތެރެއިން ކުރުމަކަށް އެކަކަށްވެސް ހުރަހެއް ނެތެވެ. އެހެނަސް ސިޔާސީ މަގާމުތަކަށް ރައީސް އައްޔަނުކޮށްފައި ތިބޭ މީހުން އުޅެން ޖެހޭނީ ވަކި ފާޑަކަށެވެ.
ސިޔަސީ މަގަމުތަކުގައި ތިބެ ރައީސްގެ ސިޔާސަތު ކަމުނުގޮސްގެން އިދިކޮޅަށް ނިކުމެ އާއްމު ތަންތަނާއި ހައްލެއް ހޯދާދެވޭނެ ހައިސިއްޔަތެއް ނެތް ތަންތާ ދަތްދިލުވާ އަނގަ ދިޔާކުރަން ޖެހޭނީ އިސްތިއުފާ ދީފާ ނިކުމެތިބެއެވެ. ޑިމޮކްރަސީއަކީ އަމިއްލަ އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެ ވަކި މީހެއްގެ މަސްލަހަތުގައި އަމިއްލަ ދުފާތައްްޓަށް ފައިން އެރުމެއް ނޫނެވެ.
ސިޔާސަތު ތަންފީޒު ކުރާ މަގާމު ތަކުގައި ތިބެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދައުލަތާއި އިދިކޮޅު ހަރަކާތާ ފިތުނަ ހިންގުމެވެ. ބަންޑާރަނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާ އަޅާނުލާ ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ.
ރައީސް ސާލިހުގެ ރައްދު ދެއްވުމާ ބަދަލުހިއްޕެވުމާ ފިއްތާލެއްވުމުގެ ވިސްނުންފުޅު ނެތުމަކީ ހަރާންކޯރު ވުމަށް އޮތް ހުއްޖަތެއް ނޫނެވެ. ސިޔާސީ މަގާމުގައި ތިބެ ރައީސާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމަކީ މާގަދަކަމެއް ނޫނެވެ. ވަކި މީހަކަށް ވެރިކަން ހޯދާދޭން ޑިމޮކްރަސީގެ ނަމުގައި މަދު ބަޔަކު ދައުލަތް ވީދާ ކުދިކޮށް މުއައްސަސާތަކާއި ވެރިންގެ އިތުބާރު ކަނޑުވާލައިގެން ކުރިންޖެހުނު ދަތުރަށް ވުރެ ދެރަވަރު ވެދާނެކަން ހިތައްވެސް ނާރާ ކަހަލައެވެ.
ރައީސް ސާލިހު ރައީސް ކަމަށް ހޮވިވަޑައިގަތީ ގުޅިފައިވާ ކޯލިޝަންގެ ތާއީދާ އެކުގައެވެ. ކޯލިޝަންގެ އެންމެ ބޮޑު ހިއްސާދަރަކީ އެމްޑީޕީއެވެ. ސަރުކާރުގެ މައިގަޑު ސިޔާސަތުތައް އޮތީ އެމްޑީޕީގެ ވިސްނުމާއެއް ގޮތަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ޕީޖީގްރޫޕްގެ ސްޕަރމެޖޯރިޓީއާއި ކޮންގްރަސްގެ ފުރިހަމަ ތާއީދު އޮތީ ރައީސް ސާލިހާއެކުގައެވެ. އެމްޑީޕީގައި އުޅޭ ވަކި މީހަކު ބޭނުންހާ ގޮތެއް ނުވުމަކީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ނެތްކަމަށް ވާނެ ކަމެއް ނޫނެވެ. ރައީސް ނަޝީދު މެޖޯރިޓީއަށް ތަބާނުވެ އަޑުގަދަމީހާ ރުއްގިނަވާނެ ކަމަށް ފުމުނަކަސް އަދި ކަމަކު ނުދާނެއެވެ.