ވަގަށް ނެގި ގޮނޑިތައް މުއިއްޒަށް ވިއްކާލަނީ
ގޮނޑިކޮޅު ވިއްކާލައިގެންވެސް ނަޝީދު ބޭނުމީ މުއިއްޒު ސަރުކާރު ހަރާބު ކުރުމަށް
ދަ ޑިމޮކްރޭތްސް އަށް ހައްސައޭ ހީވިޔަސް އެމްޑީޕީ ގަދަކޮށް އެމްޑީޕީގެ ގޮތުގައި އަދިވެސް އެބައޮތެވެ. އެމްޑީޕީ ރޫޅައެއް ނުލެވުނެވެ. އަދިވެސް އެމްޑީޕީއަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެންމެ ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަ ޕާޓީއަކީވެސް އެމްޑީޕީއެވެ. މީހާގެ ގައިގާ ހަސް ނެތަސް އެމްޑީޕީގެ ޓިކެޓެއްގައި މަޖިލީހަށް ނިކުމެއްޖެނަމަ ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެމްޑީޕީގެ ޓިކެޓްގައި ނިކުންނަ ގިނަ މީހުން މަޖިލީހަށް އިންތިހާބު ވަނީ މީހާގެ ގަދަކަމަކުން ނޫނެވެ. އެމްޑީޕީގެ ގަދަކަމުންނެވެ. އެންމެފަހުން އޮތް މަޖިލިސް އިންތިހާބުގައި ގިނަ ދާއިރާގެ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށެވެ.
ފްލޯ ކްރޮސިންގ ނުވަތަ ޕާޓީ ބަދަލު ކުރުމުގެ ގާނޫނެއް ރާއްޖެއަކު ނެތެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް ވާދަކޮށް އިންތިހާބު ވުމަށްފަހު އެ ގޮނޑިއަކީ އިންތިހާބުވާ މީހެއްގެ މިލްކެކެވެ. ގޮނޑިއަށް އިންތިހާބު ކޮށްދިން މީހުންގެ އެއްވެސް ބާރެއް ގޮނޑީގެ މައްޗަކަށް ނޯވެއެވެ. އިންތިހާބުވާ ގޮނޑިއަކީ އެ މެންބަރެއްގެ ވިޔާފާރި މުދާ ގަނޑެކެވެ. ހިތުހުރި ގޮތެއް ހަދަން ހުރަހެއް ނެތެވެ. ގޮނޑިއާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވާނެކަމެއް ހަރާމެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ރައްޔިތުން ދިނީ އެމްޑީޕީ އަށެވެ. އެންމެ ދާއިރާއެއް ނޫން އެހެން ހުރިހާ ދާއިރާއަށް އެމްޑީޕީން މީހުން ނެރެ ވަރުގަދަ ކެންޕޭނެއް އެމްޑީޕީން ކުރިއެވެ. އެޖެންޑާ 19 ޝިއާރަކަށް ބޭނުން ކޮށްގެންނެވެ. އެއްވާނަކަށް މުޅި ރާއްޖޭގައި އެމްޑީޕީން ކެންޕޭނު ކޮށްގެންނެވެ.
2023ގެ ރިޔާސީ ޕްރައިމަރީގައި ބަލިވި މީހާ ބަލި ގަބޫލު ނުކޮށް ޑިމޮކްރަސީގެ ރީތި އުސޫލުތައް މުގުރާލާ މަޖިލިހުގެ 13 ގޮނޑި ވަގަށް ނެގީއެވެ. ރައްޔިތުންނަށް ދޮންކަޅު އަންގާ ނުލައެވެ. ދާއިރާގެ ރައްޔިތުން އެމްޑީޕީއަށް ދީފައިވާ 13 ގޮނޑި ވަގަށް ނެގީ ރައްޔިތުންގެ ކުޑަވެސް ރުހުމެއް ނެތިއެވެ. 13 ގޮނޑި ވަގަށް ނެގި ބައިގަނޑަށް ރައްޔިތުންގެ ރުހުން އެއްވެސް ވަރަކަށް އެއްވެސް ދާއިރާއެއްގައި ނެތްކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ސާފުވެއެވެ. މުޅި ރާއްޖޭން އެންމެ %7 ލިބުމަކީ އެއްވެސް ދާއިރާއެއްގައި ކުޑަވެސް ތާއީދެއް ދަ ޑިމޮކްރެޓްސްއަށް ނެތްކަން އެނގިގެން ދިޔަކަމެކެވެ. ރާއްޖޭގެ ރައްޔިތުން ތާއީދު ކުރަނީ ޕީޕީއެމް- ޕީއެންސީއާއި އެމްޑީޕީއަށް ކަން ކަށަވަރު ކޮށްދިން އިންތިހާބަކަށް ނިމިދިޔަ ރިޔާސީ އިންތިހާބުވެއެވެ.
މަޖިލީހުން 13 ގޮނޑި ވަގަށް ނަގައިގެން މައިނޯރިޓީ ޕާޓީ ހެދިގެން ޑރ. މުއިއްޒަށް ގޮނޑިކޮޅު ވިއްކާލަން ކެނެރީގޭ ނަޝީދު އެހުރީ އެއްރޮއްޖަށް ފޫގަޅަފައެވެ. ބަރަހަނާ ވިޔަސް ހެޔޮތާއެވެ. ވަގަށް ނެގި ގޮނޑިކޮޅު ވިއްކާލައިގެންވެސް އަލަށް އުފެދޭ މުއިއްޒުގެ ސަރުކާރު ހަރާބު ކުރުމަށް މިހާރުއްސުރެ ޑރ. މުއިއްޒު ބްލެކްމޭލު ކުރުމަށް އެހުރީ ދިމާކޮށްފައެވެ. ވަގަށް ނަގައިގެން ނުއަގުގައި އެއްޗެތި ވިއްކުމަކީ ޕާޓޭންގެ ކަމެކެވެ.