މުއިއްޒުގެ ވެރިކަން ހަރާބު ކުރާނެ ކަތުރުފަނި

ސިފައިން ބޭލުމުގައި ކޮމްޕްރަމައިޒް ވާންޖައްސާނެ

މުއިއްޒުގެ ވެރިކަން ހަރާބު ކުރާނެ ކަތުރުފަނި

ރާއްޖޭގައި އަލަށް އުފެދޭ ސަރުކާރުގައި ކަތުރުފަނި އެޅުމަކަށް ރައްޔިތުން ނޭދެއެވެ. ނިމެމުން ދާ ސަރުކާރާ މެދު ރައްޔިތުންގެ ގިނަ ބައެއްގެ ނުރުހުން އުފެދުނު ބޮޑެތި ސަބަބުތައް މެދުވެރި ކުރުވީ ކާކު ކީއްވެކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގެއެވެ. 

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމުގެ ނަމުގައި ވަރުގަދަ އެގްރީމްންޓްތައް ހަދައިގެން އިންޑިއާއަށް ރާއްޖެ ބަރޯސާ ކުރުވީ ރައީސް ނަޝީދު ވެރިކަމުގައެވެ. ރާއްޖޭގެ ސްޓްރެޓެޖިކް ގިނަކަންކަން އިންޑިއާ އެކު ހިއްސާ ކުރުމުގެ ދޮރު ތައްމިނަށް ހުޅުވާލީ ރައީސް ނަޝީދެވެ. ސިފައިންނާއެކު އިންޑިއާގެ ހެލްކޮޕްޓަރ ރާއްޖޭގައި ބޭއްވުމުގެ މަގު ހުޅުވާލީ ރައީސް ނަޝީދެވެ. ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ކުރިއަށް ވަޑައިގަތީ އެމަގުންނެވެ. ފަހަރަކަށް ވުރެ ފަހަރެއް އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާވުން ބޮޑުވަމުން ދިޔައީ ރައީސް ނަޝީދު ހުޅުވާލެއްވި މަގުންނެވެ. ގައުމީ ސަލާމަތައް ނުރައްކާ ވެއްޖެ ކަމަށް ހީވާ ވަރަށް އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާ ވެގެން ދިޔައީ ރައީސް ނަޝީދުގެ ނުބައިކަމުންނެވެ. 

މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތް އިގްތިޞާދީ ސަރަހައްދުގެ މައްސަލައިގެ ފެށުމަކީ ރައީސް ނަޝީދު އިނގިރޭސިންނާއި އިންޑިއާގެ މަސްލަހަތު ކުރިއަށް ނެރުމެވެ. ޗާގޯހުގެ ސިޔާދަތީ ބާރުގެ މައްސަލައިގައި ރާއްޖެއިން ނެގި ސްޓޭންޑެއް ނެގުމުގައި ރައީސް ނަޝީދުގެ ދައުރު ބޮޑެވެ. ކަމުގެ ތަފްސީލަށް ދިޔުމުގެ ބޭނުމެއް މިހާރަކު ނެތެވެ.

ނިމިގެން މިދާ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ފެށުމުން ފެށިގެން ހަތަރު އަހަރު ވާންދެން ސަރުކާރުގައި ހިނގީ ރައީސް ނަޝީދުގެ ބަހެވެ. ކޯލިޝަން މައިޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ސޯލިހު ފޭލިކޮށްލުމަށް އެތެރޭންނާ ބޭރުން ރައީސް ނަޝީދު ނުކުރައްވާ ކަމެއް ނެތެވެ. އެވާހަކަވެސް ދައްކާކަށް ނެތީމެވެ. އޭގެ ފަހަތުގައި އޮތީ ކޮންބައެއްގެ މަސްލަހަތެއް ކަމެއް ދިވެހިންނަކަށް ނޯޅެއެވެ.

އިގުތިސާދީ ސަރަހައްދުގެ މައްސަލައާއި އިންޑިއާއަށް ރާއްޖެ ބަރޯސާވެފައި އޮތުމުގެ މައްސަލައަކީ ރައްޔިތުންގެ އެތައް ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ސަރަހައްދުން ބައެއް ނުގެއްލޭކަމާއި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާނެއެއްވެސް ގޮތެއް ނެތްކަމަށް ރައީސް ސޯލިހު ސަރުކާރުން ބުނަމުން އައިބުނުން ގިނަ ރައްޔިތުން ގަބޫލު ނުކުރުމުގެ ސިއްރަކީ ރައީސް ނަޝީދު މެދުވެރިވެ ވަޑައިގެން ފެތުރުއްވި އިންޑިއާގެ ނުފޫޒެވެ. ނަތީޖާއަކީ ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބި ވަޑައި ނުގަތުމެވެ. 

އިމާ މިނިވަންކަމަކީ ކޮންޕްރަމައިޒް ކުރެވެން ނެތް ދެކަންކަން ރައްޔިތުން ވޯޓުން ވަނީ ދައްކާފައެވެ. ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގިނަ ރައްޔިތުން ގަބޫލެއް ނުކުރިއެވެ. ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުކުރީ އެހެން ވެގެނެވެ. ގެއްލުނު ކަމަށް ބުނާ ކަނޑާއި ޗާގޯސް ރާއްޖެއަށް ހޯއްދަވާ ދެއްވާނެތީއެވެ. ތިބިކަމަށް ބުނާ އިންޑިޔާ ސިފައިން ބާލާ އިންޑިއާގެ ހަންފެތުރުން ނިމުމަކަށް ގެންނަވާނެތީއެވެ. 

ހެލްކޮޕްޓަރުތަކާއި ޑޮނިއަރ ބޯޓާއެކު ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރުމުގައި އެއްވެސް ކޮންޕްރަމައިޒެއް އޮތުމަކަށް ރައްޔިތުން ނޭދެއެވެ. ދަރަނި ރިސްޓްރަކްޗަރ ކުރުމުގައި މަޝްވަރާ ކުރުމަކަށް މާބޮޑު މައްސަލައެއް ނެތެވެ. ޑރ. މުއިއްޒަކީ ކުރީގެ ވެރިންހެން އިންޑިއާގެ އުނގަށް ވެއްޓި ނުތެދުވެވިގެން އުޅޭ ވެރިއަކަށް ވުމަކަށް ރައްޔިތުން ނޭދެއެވެ. 

އެހެނަސް އެހެން އެކަންވުމަށްވުރެ ގާތީ ނުވުމާއެވެ. 2008ގެ ފަހުން އިންޑިއާ ރާއްޖެ ނަގޫ ގޮށް ޖައްސުވާ މީހަކީ ރައީސް ނަޝީދެވެ. ނަޝީދުގެ އަބަދުގެ މަސައްކަތަކީ އިންޑިއާ ބޭނުންވާ ގޮތަށް ރާއްޖެއިން ކަންކަން ފަހިކޮށް ދިނުމެވެ. އިންޑިއާއަށް ފަހިކޮށް އެއްވެސް ވެރިޔަކު ކުރާ އެއްވެސް ކަމަކަށް ކިތަންމެ ވަރެއް ވިޔަސް ރައީސް ނަޝީދު ގޮތްފާޑެއް ނުކިޔާނެއެވެ. ނުކިޔައެވެ. ރައީސް ވަހީދެއް ރައީސް ޔާމީނެއް ރައީސް ސޯލިހެއް ކިޔާނެ ކަމެއް ނެތެވެ. އެނޫން ކޮންމެ ކަމެއްގައި ހީވާނީ އަލިފާން ޖެހިގެން އުޅޭ ހެންނެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒާ މެހިގަނެގެން ރައީސް ނަޝީދު ކުރައްވަން އެއުލުއްވާ ކަމަކީވެސް އިންޑިއާއަށް ފަހި މާހައުލެއް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގާއިމު ކުރާށެވެ. ރައީސް ނަޝީދުގެ މަޅީގައި ޖެހިވަޑައިގެން ޑރ. މުއިއްޒަށް ވެސް ޖެހިވަޑައިގަންނަވާނީ ހިފެހެއްޓެވި އުސޫލުތައް ދޫކޮށް ލައްވާށެވެ. އިންޑިއާގެ މަސްލަހަތުގައި އިންޑިއާ އައުޓްވެސް ކޮމްޕްރަމައިޒް ކުރައްވާށެވެ.