ނަޝީދު ވެސް ގޮވާލީ ނަތަންޔާހޫގެ ތަސައްވުރު ތަންފީޒު ކުރަން؟

ނަޝީދު ވެސް ގޮވާލީ ނަތަންޔާހޫގެ ތަސައްވުރު ތަންފީޒު ކުރަން؟

އިރާނުގެ ވެރިކަން ހިމާޔަތް ކުރަން ނުޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމަކުން ހައިރާނެއް ނުވެއެވެ. ހުރިހާ މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އިރާނުގައި މަގަށް ނިކުމެގެން އުޅޭ މީހުންނަށް ބާރުދޭން ގޮވާލާ ގޮވާލުމުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ގިނަ މީހުނަށް އެނގެއެވެ.

އީރާނުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނުކުމެ އުޅެނިއްޔަކީ ދިރިއުޅުމުގެ އަގު ބޮޑުވެގެނެއް ނޫނެވެ. ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ފިއްތުންތަކުން ކަރާމާތް ގެއްލިގެނެއްވެސް ނޫނެވެ. އީރާނުގައި މިހާރު ހިންގާ މުޒާހަރާތަކުގެ  ބޭނުމަކީ އިޒްރޭލާއި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނަށް ގެނައުމެވެ. 

ގާޒާގައި އިޒްރޭލުން ހިންގި ނަސްލު ނައްތާލުމުގެ އުދުވާނުގައި އިޒްރޭލާ ދެކޮޅަށް ހަމަލާދީ މުސްލިމުންގެ ހައްގުގައި ތެދުވި ހަމައެކަނި ގައުމަކީ އީރާނެވެ. އީރާނުގެ ބާރު ގަދަކަމުން އީރާނުގެ އެތެރެ ހަމަނުޖެހުމަކަށް ދުއްވާލަން ކުރެވުނުހާކަމެއް އަންނަނީ ކުރަމުންނެވެ. އިރާނުގެ މިހާރުގެ ވެރިކަމާ ދެކޮޅަށް ޝަހުޔޫނީން އެތިބީ އެކިކަހަލަ ފަލީތާ ލައިގެން އީރާނުގެ ބާރު ކަނޑުވާލަން ކެތް މަދުވެފައެވެ. 

މޮސާޑާއި ސީއައިއޭގެ ކެހިވެރި ދަލުގައި އީރާނުގެ ބަޔަކު ޖައްސައިގެން އެކުރާ މަސައްކަތަކީ ގަސްވެރިޔާ ލައްވާ ގަސްކެނޑުވުމުގެ މަސައްކަތެވެ. ފަހަރެއްގައިވެސް އެއްޔަކީ ނޭނގި ހިނގަމުންދާ ކަމެއްނޫނެވެ. މޮސާޑާއި ސީއައިއޭގެ އެޖެންޓުން ލައްވާ ގައުމުތައް ކެއްކުވުމަކީ އައުކަމެއް ވެސް ނޫނެވެ. 

2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޮތް އދ ގެ 79 ވަނަ އާއްމު މަޖިލީހުގައި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ރައީސް ނަޝީދު ވެސް ކަނުލާ އަޑު އަހާނެއެވެ. އިރާނުގެ ރައްޔިތުންނަށް އޭނާ ދިނީ ކޮން މެސެޖެއްކަން ރަނގަޅަށް އެނގޭނެއެވެ. އިރާނުގެ ވެރިންނާއި މެދު ދެކޭގޮތާއި ރައްޔިތުން އަމަލު ކުރަންވީ ގޮތް އދގެ ޖަލްސާގައި ނަތަންޔާހޫ ސާފުކޮށް ކިޔެވެ. އޭރުން ވާނެ މޮޅު ގޮތްތަކެއްގެ ވާހަކަ ވެސް ދެއްކި ނޫން ހެއްޔެވެ. 

މިހާރު އީރާނުގެ ތެރެއިން ފެންނަމުން އެ ދަނީ ނަތަންޔާހޫގެ ތަސައްވުރުގެ ތަންތަން ކޮޅެވެ. އެމަގުން ކަން ހިނގަންޏާ އާހިރުގައި ކަން ނިމޭނީ އިޒްރޭލްގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނަށް ގެނެސްގެންނެވެ. ނަތަންޔާހޫ އެބުނާ ތަރައްގީއާއި ސުލްހަޔާއި އަމާންކަން ގެނެސް ނިމޭއިރު މުޅި އިސްލާމީ އުންމަތް އޮންނާނީ އަތްފައިނެތް ކޮންމަސް ބުރިއެއްގެ ގޮތުގައެވެ. އެންމެ ފަހުން ކޮންމެ ފަދަ ނިޔަތެއްގައި ނަމަވެސް ނަޝީދަށް ވެސް ގޮވަލެވުނީ ނަތަންޔާހޫގެ ތަސައްވުރު ތަންފީޒު ކުރާށެވެ.