އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާ!
ޗާގޯހުގެ ނަމުގާ ދައުލަތް ދަވާނުލާ އިސްތިއުފާދީ.
އޭ މިހިރަ ރައީސް މުއިއްޒޫއެވެ. އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާށެވެ. މީހުންގެ ރުޅިގަނޑު ފަޅައިގެންދާން ތައްޔާރު ވެއްޖެއެވެ. އިތުރަށް އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނަ ވަރަށްވުރެ ތިޔައީ ދޮގުވެރިއެކެވެ. ދޮގު ހެދިއްޔަކީ އެއްކަމެއް ދެކަމެއް ގައެއް ނޫނެވެ.
ކުރީގެ ސަރުކާރުން މަސްކަނޑު ވިއްކާލައިފިޔޭ ވެސް ކީމު ނޫން ހެއްޔެވެ. މަސް ކަނޑު ވިއްކާލިކަމަށް ބުނެ ފުމެއެރުވީ ރައީސް ސޯލިހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުން ކަމަށް ގޮވާ ހެދީމު ނޫންހެއްޔެވެ. އެ ސިޓީއެއް ހާމަ ނުކޮށްގެން ހީވީ ދެންމެ ދެންމެ ބޮލަށް އުޑު ވެއްޓިދާނެތީ އުޅުނު ހެންނެވެ. އެ ސީޓީގައި އެޒާތުގެ އެއްވެސް ވާހަކައެއް ނުއޮންނާނެއޭ އޭރުގެ ސަރުކާރުން ބުނީމާ އެ އަޑެއް ނޭހީމު ނޫން ހެއްޔެވެ.
ނުދައްކައިގެން އުޅުނު އެ ސިޓީ އެއް މިހާރު އެ އޮތީ މުއިއްޒު އަމިއްލައަށް ހާމަކޮށްފައެވެ. އެޔަކު ކަނޑު ވިއްކާލި ކަމަކަށް ނެތެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދަށް އަސަރެއް ކުރާ ޒާތުގެ އެއްވެސް ވާހަކައެއް އެސިޓީގައި ނެތްކަން އެއޮތީ ދިމާއަށް ފެންނާށެވެ.
ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި ގުޅުވާ މުއިއްޒު އިސްވެ ހުރެ ދެއްކި ދޮގު ވާހަކަތައް ހާމަވެ އުނަގަނޑު ރޮދި ކެނޑި ފޮށާވެއްޓި ރަނގަޅަށް މުއިއްޒު ބަރަހަނާ ވެއްޖެއެވެ. ނިވާކުރަން އަތް އެޅިޔަސް ދެން ނިވާ ވާނީ އަތްތިލައިގެ ބޮޑުމިންހާ ތަނެވެ.
ހާމަނުކޮށްގެން ކޮށިއަރައިގެން އުޅުނު ސިޓީއަކީ ބައިނަލްއަގުވާމީ ކޮންފަރެންސެއްގެ ހަވާސާގައި ރާއްޖޭގެ އޭރުގެ ރައީސާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެކެވުނު ވާހަކަ ތަކަކާ ގުޅިގެން ރާއްޖޭން މޮރިޝަސްއަށް ފޮނުވި ސިޓީއެކެވެ. އެބުނާ ސިޓީއެއް އެއޮތީ ހާމަކޮށް ފެންނާށެވެ.
ސިޓީގައި ބުނެފައި އޮތީ ޗާގޯހުގެ ސިޔާދަތީބާރު މޮރިޝަސްއަށް އޮތްކަމަށް އދ ގެ އާއްމު މަޖިލީހުން ނިންމި ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ. އަޅުވެތިކުރުމާ އަބަދުވެސް ރާއްޖެ ދެކޮޅުކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޗާގޯހުގެ ސިޔާދަތާ ގުޅިގެން އދ ގައި ދެން ވޯޓެއް ނަގާނަމަ މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމާފައި ވާކަމަށެވެ.
ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކުރަން ނިންމިޔަސް އިޓްލޮސްގައި ހިންގަމުން ދިޔަ ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށް ވެސް ސާފުކޮށް އެސިޓީގައި ބުނެފައިވެއެވެ.
އަދި މޮރިޝަސްގެ ބޮޑުވަޒީރު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން މޮރިޝަސްގެ ބޮޑުވަޒީރު ޗާގޯހަށް ރާއްޖެ މަގުން ވަޑައިތުމަށް ބޭނުންފުޅު ވާތީ އެކަމުގައި ރާއްޖޭން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެސިޓީގައިވެއެވެ.
ނުދައްކައިގެން ފަޔަށް ހިނި އަރައިގެން އުޅުނު ސިޓީ އެއޮތީއެވެ. އެޔަކުކު ރާއްޖޭގެ ކަނޑެއް ވިއްކި ވާހަކައެއް އިޓްލޮސްގައި ކަނޑުން ބައެއް ދޫކޮށްލަން ދޫދޭނެ ވާހަކައެއް ނެތެވެ. މިހާރު ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން އެބައްދަލު ވުމުގައި ދެ ގައުމުގެ ވެރިން ދެއްކެވި ވާހަކަފުޅުތަކުގެ ލިޔެކިޔުމެއް ނެތޭކިޔައިގެން އަނެއް ބަރަހަނާއެއް ވާކަށް އުޅޭނެކަމެއް ނެތެވެ. އެކަމުގައި ހަދާފައި އޮތް ގޯހެއް ނެތުމުން އެސިޓީއާއި ގުޅިގެން ހަދައިގެން ފެތުރިހާ ދޮގުތައް ހަލާލުކުރަން ގައިވީދަން އިތުރަށް ނޫޅޭށެވެ. ބަލާ ހޯދިވަރަކަށް ބަރަހަނާ ވާނީ މުއިއްޒެވެ. ދާނީ ދޮގަށް ދޮގެވެ.
ޗާގޯސްގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިގްތިސާދީ އިމުގެ މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ކޮށިއެރި ސިޓީއާއި އެއީ މުޅިން ދެ ކަމެކެވެ. ވެރިކަމަށް ދަހިލެވި ވަރުން މުއިއްޒު ހެދިހާ ގޯސް ބޭޒާރުވެ އިތުބާރު ގެއްލުން ނޫން ކަމެއް ވަނީއެއް ނޫނެވެ. ހެދި ދޮގު ފޫބައްދަން ކޮމެޓީ ހަދައިގެން ދައުލަތުން ބޭކާރު ހަރަދުތަކެއް ގައުމިއްޔަތުގެ ނަމުގައި ކުރަން ނޫޅޭށެވެ. ދައުލަތުން ބޮޑު ހަރަދުތަކެއްކޮށް ދައުލަތް ދަވާލުމަށް ބޭނުންކުރާ ވަސީލަތަކަށް ޗާގޯސް މައްސަލަ ނުހަދާ އަވަހަށް ވެރިކަމުން މުއިއްޒު އިސްތިއުފާ ދޭށެވެ.